9 އަހަރުގެ ދަރިވަރު ގްރެޖުއޭޓްވުން ލަސްވާތީ ޔުނިވަސިޓީން ވަކިވެއްޖެ

އާދަޔާހިލާފަށް މޮޅު ކުއްޖެއްގެ ގޮތުގައި ފާހަގަކުރެވި އެންމެ ނުވަ އަހަރުގައި މި މަހުގެ ތެރޭގައި ޔުނިވަސިޓީއަކުން ގްރެޖްއޭޓްވާން އުޅޭ ދަރިވަރެއްގެ ގޮތުގައި ދާދި ފަހުން މީޑިއާތަކުން ސަމާލުކަން ލިބުނު ކުއްޖާ ގްރެޖްއޭޓް ނުވެ ޔުނިވަސިޓީ ދޫކޮށްލައިފި އެވެ.


ނެދަލެންޑްސްގެ އެއިންދޯވެން ޔުނިވަސިޓީ އޮފް ޓެކްނޮލޮޖީ (ޓީޔޫއީ) ގައި އިލެކްޓްރިކަލް އިންޖިނިއަރިން ދާއިރާ އިން ބެޗްލާޒް ގްރީ އަށް ކިޔަވަމުން ދިޔަ ލޯރަންޓް ސައިމަން ޔުނިވަސިޓީ ދޫކޮށްލީ އޭނާ ގްރެޖޭޓްވާން ނަގާ މުއްދަތާ ދޭތެރޭ ޔުނިވަސިޓީގެ މެނޭޖްމަންޓާ ދެމެދު އުފެދުނު ދެބަސްވުންތަކަކާ ގުޅިގެންނެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުރިން މި މަހުގެ ތެރޭގައި ލޯރަންޓް ގްރެޖްއޭޓްވާން ނިންމާފައި ވަނިކޮށް ޓީޔޫއީ އިން ވަނީ އޭނާ ކިޔަވަން ޖެހޭ މުއްދަތު އަންނަ އަހަރުގެ މެދުތެރެއާ ހަމައަށް އިތުރުކޮށްފަ އެވެ. މިކަމާ ގުޅިގެން ޔުނިވަސިޓީ އާއި ލޯރަންޓްގެ އާއިލާއާ ދެމެދު ހިޔާލު ތަފާތުވުންތައް އުފެދި، ޔުނިވަސިޓީ ދޫކޮށްލަން ނިންމީ އެވެ.

މިކަމާ ބެހޭ ގޮތުން ޔުނިވަސިޓީން ނެރުނު ބަޔާނެއްގައި ބުނީ ލޯރަންޓަކީ އާދަޔާހިލާފު ވިސްނުން ތޫނު މޮޅު ކުއްޖެއް ކަމަށާއި ކަންކަން ވަރަށް އަަވަހަށް ދަސްކުރާ ދަރިވަރެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އެކަަމަކު އިލެކްޓްރިކް އިންޖިނިއަރިން ޑިގްރީން އޭނާ ގްރެޖްއޭޓްވުމުގެ ކުރިން އިތުރަށް ކުރިއަށް ގެންދަން ޖެހޭ ކުލާސްތަކެއް ހުރުމާ އެކު އަންނަ އަހަރުގެ މެދުތެރެއާ ހަމައަށް ކިޔަވަން ޖެހޭ ކަމަށެވެ.

"އެ އުސޫލަށް ތަބާވާންޖެހޭކަން އެންގީމަ މި މައްސަލަ އުފެދުނީ. އެކަމަކު މި ނިންމުން ބަދަލެއް ނުވާނެ،" ޓީޔޫއީން ބުންޏެވެ.

މި މައްސަލާގައި ލޯރަންޓްގެ ބައްޕަ ސީއެންއެން އަށް ބުނީ ޓީޔޫއީއާ ދަރިފުޅު ގުޅުނީ އާންމުކޮށް ތިން އަހަރު ނަގާ ކޯސް 10 މަސް ދުވަހުގެ ތެރޭގައި ނިންމައި، ލޯރަންޓްގެ އުމުރުން 9 އަހަރުގައި ގްރެޖްއޭޓްވުމުގެ ފުރުސަތު ދޭން އެއްބަސްވެގެން ކަމަށެވެ.

"ކުރިން މިކަމަކާ އެއްވެސް ހިލާފެއް ނެތް. އެ ފުރުސަތު ދޭ ގޮތަށް ޔުނިވަސިޓީން އެއްބަސްވެފައި އޮތީ،" އޭނާ ބުންޏެވެ. "އެކަމަކު ގްރެއޭޓްވާ ދުވަސް ކައިރިވެފައި ވަނިކޮށް، އެއްބަސްވުމާ ހިލާފުވީމަ ދަރިފުޅު ދެން ޓީޔޫއީ އަށް ނުދާން ނިންމީ."

އެލެގްޒެންޑާ ބުނިގޮތުގައި އެއްބަސްވުމާ ހިލާފުވުމުން ލޯރެންޓަށް ޓީޔޫއީ ދޫކޮށްލަން ޖެހުނަސް ދަރިފުޅުގެ ތައުލީމީ ކެރިއަރަށް ކުރާނެ މާ ބޮޑު އަސަރެއް ނެތް ކަމަށެވެ. އެކަމަކު މިފަދަ ގޮތެއް ދިމާވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބުންޏެވެ.

ލޯރަންޓަށް މިހާރު ވަނީ އެމެރިކާގެ ޔުނިވަސިޓީއަކުން އިލެކްޓްރިކް އިންޖިނިއަރިން އިން ޕީއެޗްޑީ އަށް ކިޔެވުމުގެ ފުރުސަތު ލިބިފަ އެވެ. ނަމަވެސް އެތަނުގެ ނަމާއި އެ ތަނުގައި ލޯރަންޓް ކިޔަވަން ފަށާނެ ދުވަހެއް އާއިލާ އިން މި ވަގުތު ހިއްސާކުރަން ބޭނުންނުވާ ކަމަށް ބުންޏެވެ.

"އެހެންވީމަ އެ ފުރުސަތުގެ ބޭނުން ދަރިފުޅު ހިފާނެ. މިކަހަލަ ފުރުސަތަތަކަކީ އަބަދު ލިބޭނެ އެއްޗެއް ނޫން. އެހެންވީމަ ބައެއް ހާލްތަތަކުގައި ޖެހޭ އުނދަގޫ ނިންމުންތައް ވެސް ނިންމަން،" އެލެގްޒެންޑާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ޓީޔޫއީން އަމަލުކުރި ގޮތާ ދޭތެރޭ އެންމެ ބޮޑަށް ކަންބޮޑުވީ ކުރިން ރޭވި ގޮތަށް ދަރިފުޅަށް ޕީއެޗްޑީއާ ހަމައަށް ވެސް ނުދެވިދާނެތީ އެވެ.

ޓީޔޫއީގެ ތަރުޖަމާން އައިވޯ ޖޮންގްސްމާ ސީއެންއެން އަށް ވިދާޅުވީ ލޯރެންޓް އެ ޔުނިވަސިޓީ ދޫކޮށްލުމަކީ އެތަނުން އަބަދު ވެސް ހިތާމަކުރާނެ ކަމަށެވެ. އަދި އެހާ މޮޅު ދަރިވަރަކު އެ ޔުނިވަސިޓީގެ ހިއްސާއަކަށްވުމަކީ ފަހުރެއްގެ ގޮތުގައި ދެކޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އަހަރެމެން ބުނަން އޮތް ވާހަކަ އަކީ އަދިވެސް ލޯރަންޓަށް މި ތަނުގެ ދޮރުތައް ހުޅުވިފައި ހުރި ވާހަކަ. އެކަމަކު އެއީ ޔުނިވަސިޓީގެ އުސޫލްތަކަށް އެއްބަސްވާ ނަމަ،" އައިވޯ ވިދާޅުވި އެވެ.