ވަރަށް ކުޑައިރު ބޭސް ފަރުވާއަކަށް އިނގިރޭސިވިލާތަށް އާއިލާއާ އެކު ދިޔަ ގޮތަށް ރެފިއުޖީއެއްގެ ގޮތުގައި އެ ގައުމުގައި ދިރިއުޅެމުން އަންނަ އިރާގުގެ ޒުވާނަކު އޭ ލެވެލް އިން ހޯދި ނަތީޖާ އެކު، ކެމްބްރިޖް ޔުނިވަސިޓީގައި މެޑިސިން ކިޔެވުމުގެ ފުރުސަތު ހޯދައިފި އެވެ.
ބުރާގް އަހުމަދު އެންމެ ތިން އަހަރުގައި މާމަ ސާދިޔަތު ޚައްތާބާ އެކު އިނގިރޭސިވިލާތަށް ދިޔައީ އުނަގަނޑުގެ މައްސަލައަކަށް ފަރުވާ ހޯދާށެވެ. އެކަމަކު އެނބުރި ގައުމަށް ނުގޮސް މަޑުކުރަން ޖެހުނީ އިރާގު ހަނގުރާމައިގެ ސަބަބުންނެވެ. އެހެންވެ ފަހުން ރެފިއުޖީންގެ ގޮތުގައި ކާޑިފްގައި މާމައާ އެކު މަޑުކުރީ އެވެ. ބުރާގްގެ މަންމަ ރުއާ ޔޫސުފާއި ބައްޕަ ދުރައިދު އަބްދުﷲ ދިރިއުޅެނީ ބެލްޖިއަމްގަ އެވެ. އާއިލާގައި އިތުރު ތިން ކުދިން ވެސް އެބަ ތިއްބެވެ.
ސްކޫލަށް ދާން ޖެހުނު އިރު، އިނގިރޭސި ނޭނގޭތީ ކުރިން މައްސަލައަކަށް ވިޔަސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބުރާގް ވަނީ އިނގިރޭސި ބަހުން ވާހަކަ ދައްކަން ދަސްކޮށްފަ އެވެ. ނަތީޖާ އަކީ ކާޑިފް ސިކްސްތު ފޯމް ކޮލެޖްގައި އޭ ލެވެލްއާ ހަމައަށް ގޮސް ރަނގަޅު ނަތީޖާއެއް ވެސް ލިބުމެވެ. މިދިޔަ ހަފުތާގައި އޭ-ލެވެލް ނަތީޖާ ލިބުނު އިރު ހިސާބާއި ބައޮލޮޖީ އާއި ކެމިސްޓްރީ އާއި އިކޮނޮމިކްސް އިން ބުރާގަށް އޭ ސްޓާ ލިބުނެވެ.
އަހަރެން ބޭނުން ވަނީ ޑޮކްޓަރުކަން ކިޔަވައިގެން އިނގިރޭސިވިލާތުގެ އެންއެޗްއެސް [ނެޝަނަލް ހެލްތު ސާވިސް] އަށް ހިދުމަތްކުރަން: ބުރާގް
އެހެންވެ ކޮލެޖުން ލިބުނު ސްކޮލަޝިޕާ އެކު އޭނާ ދެން މިސްރާބު ޖަހަން އޮތީ ކެމްބްރިޖް ޔުނިވަސިޓީގެ ފިޒްވިލިއަމް ކޮލެޖަށެވެ. އެތަނުން މެޑިސިން ކިޔަވައިގެން ޑޮކްޓަރަކަށްވުމުގެ ޝަރަފު ބުރާގަށް ވަނީ ލިބިފަ އެވެ.
"އަހަރެން ބޭނުން ވަނީ ޑޮކްޓަރުކަން ކިޔަވައިގެން އިނގިރޭސިވިލާތުގެ އެންއެޗްއެސް [ނެޝަނަލް ހެލްތު ސާވިސް] އަށް ހިދުމަތްކުރަން." ބުރާގް ބުންޏެވެ.
އޭނާ ބުނިގޮތުގައި ފަރުވާ އަށް އިނގިރޭސިވިލާތަށް ދެވުނީ އެކަމަށް ބޭނުންވާ ފައިސާ ހޯދަން މައިންބަފައިންގެ ވިއްކާލައިފަ އެވެ. އެހެންވެ އެވަރުގެ ގުރުބާނީއަކާ އެކު އިނގިރޭސިވިލާތަށް ދެވި، ލިބުނު ރަނުގެ ފުރުސަތު ދޫކޮށްލަން ބޭނުންނުވާ ކަމަށް ބުންޏެވެ. ބުރާގް ބުނި ގޮތުގައި ގައުމު ދެކެ ލޯބި ވިޔަސް، ހަނގުރާމަ އާއި ބައިބައިވުންތަކާ ހެދި އިގާރަކީ މާ ބޮޑު މުސްތަގުބަލެއް އޮތް ތަނެއް ނޫނެވެ.
ކޮންޖިނަޓަލް ހިޕް ޑިސްޕްލާސިއާ އަށް މިހާތަނަށް އާ އޮޕަރޭޝަނެއް ކޮށްފައިވާ ބުރާގް ބުނި ގޮތުގައި އޭނާ އަށް ދިރިއުޅުން ލިބުނީ އިނގިރޭސިވިލާތުންނެވެ. ވަކިން ހާއްސަކޮށް އެންއެޗްއެސްގެ ޑޮކްޓަރުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އޯގާތެރިކަން ދުވަހަކު ވެސް ހަނދާން ނައްތައިނުލެވޭނެ ކަމަށް ބުންޏެވެ.
"އަދިވެސް އަހަންނަކީ ވަރަށް ގިނަ ވަގުތު ފަރުވާ އަށް ހޮސްޕިޓަލްގައި ހޭދަކުރަން ޖެހޭ މީހެއް. އަދި މިހާރު އެންމެ އުފާވަނީ ވެސް ހޮސްޕިޓަލްގައި ހޭދަކުރެވޭ ވަގުތުތަކުގައި. ޑޮކްޓަރުންނާއި ނަރުހުން ކުރާ މަސައްކަތް ވަރަށް ގާތުން ފެނި އެކަމަށް ވަރަށް ބޮޑަށް ލޯބިޖެހިފައިވޭ،" ބުރާގް ބުންޏެވެ. "އެހެންވެ ޑޮކްޓަރަކަށްވެގެން އަހަރެން ކަހަލަ ބަލި މީހުންނަށަށް ހިދުމަތްކުރަން ބޭނުންވޭ."
އޭނާ ކިޔައިދިން ގޮތުގައި އެންމެ ދަރަވާ ކަމަކީ މައިންބަފައިންނާ ދިމާނުވާތާ އެތަކެއް އަހަރެއްވެފައިވުމެވެ.
"ދިހަ އަހަރުވެއްޖެ މައިންބަފައިންނާއި ކޮއްކޮމެންނާ ދިމާނުވާތާ. އަހަރެން ވަރަށް ބޭނުން އެ މީހުން ކައިރި އަށް ދާން،" ބުރާގް ބުންޏެވެ.
ކާޑިފް ސިކްސްތު ފޯމް ކޮލެޖްގެ ޕްރިންސިޕަލް ގެރެތު ކޮލިއާ ވިދާޅުވި ގޮތުގައި ސިއްހީ ބޮޑު މައްސަލައަކާ އެކު ވެސް ބުރާގަކީ ކިޔަވަން މޮޅު، ނަމޫނާ ދެއްކި ދަރިވަރެކެވެ. އަދި އޭނާ ޑޮކްޓަރަކަށްވެގެން އިނގިރޭސިވިލާތަށް ހިދުމަތްކުރާ ތަން ފެނުމަކީ އެ ކޮލެޖަށް ވެސް ލިބޭނެ ވަރަށް ބޮޑު ޝަރަފެއް ކަމަށް ވިދާޅުވި އެވެ.
"އޭނާ އަށް ކާމިޔާބީ އަށް އަހަރެމެން އެދެން." ގެރެވު ވިދާޅުވި އެވެ. "އެންއެޗްއެސް އަށް ބޭނުންވޭ ބުރާގް ކަހަލަ ޒުވާނުން."