ޔޫޓިއުބް "ޝޯޓްސް" އެންމެ ފުރަަތަމަ އިންޑިއާގައި

އިންޑިއާގައި ބޮޑު މާކެޓެއް އޮތް ޗައިނާގެ ޓިކްޓޮކް ޖޫން މަހު އެ ގައުމުގައި މަނާކުރުމާ ގުޅިގެން އެ ޕްލެޓްފޯމް ބޭނުންކުރަމުން ދިޔަ މީހުންނަށް ކުރިމަތިވެފައިވާ ފަޅުކަން ފިލުވައިދޭން ޔޫޓިއުބުން އަލަށް ތައާރަފުކުރާ "ޝޯޓްސް" ގެ ބީޓާ ވާޝަން އިންޑިއާގައި ޓެސްޓްކުރަން ތައްޔާރުވެއްޖެ އެވެ.


"ޝޯޓްސް" އަކީ ޓިކްޓޮކް ގޮތަށް 15 ސިކުންތެއްހާ ވީޑިއޯ އަޕްލޯޑްކުރެވޭ އަދި ޓިކްޓޮކްގައި ހުންނަ ކަހަލަ ޓޫލްތައް އެކުލެވޭ ޕްލެޓްފޯމެކެވެ. އިންޑިއާވެގެން ދާނީ މި ޕްލެޓްފޯމް ލޯންޗްކުރާނެ ފުރަތަމަ ގައުމަށެވެ.

ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކް، ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ އިންޑިއާގައި މަނާކުރީ ޖޫން މަހުގެ 29 ގަ އެވެ. އޭރު އެ ގައުމުގައި ޓކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު 120 މިލިއަނަށް އަރަ އެވެ.

ޓިކްޓޮކް މަނާކުރުމާ އެކު އިންޑިއާގެ ޓެކް ކުންފުނިތަކުންނާއި އެ ދާއިރާގެ ތަޖުރިބާކާރުން ދަނީ ޓިކްޓޮކް ކަހަލަ އެހެން ޕްލެޓްފޯމްތަކެއް އިންޑިއާގައި ތައާރަފުކުރެވޭތޯ މަސައްކަތް ކުރަމުންމެވެ. އެހެންވެ "ޝޯޓްސް" އިންޑިއާގައި ޓެސްޓްކުރަން ފެށި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ޔޫޓިއުބަށް އިންޑިއާގައި ވާދަވެރިކަމާ ކުރިމަތިލާން ޖެހޭނެ އެވެ.

ގޫގުލްގެ ދަށުން ހިންގާ ޔޫޓިއުބްގެ ޕްރޮޑަކްޓް މެނޭޖްމަންޓްގެ ވައިސް ޕްރެޒިޑެންޓް ކްރިސް ޖަފީ ވިދާޅުވީ "ޝޯޓްސް" އަކީ ސްމާޓްފޯނު މެދުވެރިކޮށް ބޭނުންކޮށްލެވޭނެ ވަރަށް ޝައުގުވެރި ޕްލެޓްފޯމަކަށް ވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ފަރުމާކޮށްފައި ވަނީ އެއްފަހަރާ ގިނަ ވީޑިއޯތަކެއް ސްޓްރިންގްކުރެވޭ ގޮތަށް އަދި މަލްޓި-ސެގްމަންޓް ކެމެރާ ފީޗާއާ ވެސް އެކީގަ އެވެ. އަދި މިއުޒިކާ އެޖު ވީޑިއޯ ރެކޯޑްކުރުމުގެ ފުރުސަތާ އެކު މިއުޒިކް ލައިބްރަރީއެއް ވެސް "ޝޯޓްސް" އިން ލިބޭނެ އެވެ.

އިންޑިއާގައި ޓިކްޓޮކް މަނާކުރި ދަނޑިވަޅާ ދިމާކޮށް ފޭސްބުކްގެ ދަށުން ހިންގާ އިންސްޓަގްރާމުން ވެސް ވަނީ ޓިކްޓޮކާ ދާދި އެއްކަހަލަ ފީޗާއެއް "ރީލްސް" ގެ ނަމުގައި ދޫކޮށްލައިފަ އެވެ.