ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ކާމިޔާބަކީ ޕާކިސްތާނުގެ ފުޓްބޯޅައަށް އާ ފެށުމެކެވެ. ކްރިކެޓްގެ ވަރުގަދަ ބާރެއްގެ ގޮތުގައި އޮތް ޕާކިސްތާނުން ދާދި ފަހަކާ ޖެހެންދެން އޮތީ ފުޓްބޯޅައަށް މާ ބޮޑު އަހަމިއްޔަތުކަމެއް ނުދީ އެވެ. އެ ގައުމުގެ މީޑިއާތަކުން ފުޓްބޯޅައިގެ ކަވަރޭޖަށް ދޭ ސަމާލުކަން ވެސް ކުޑަ އެވެ.
އެއް ބޯޑަރަކުން ގުޅިފައިވާ އަފްޣާނިސްތާނުގެ މައްޗަށް، މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ހޯދި ކާމިޔާބަށް އެތައް ގަޑިއިރެއް ވީއިރު ވެސް، ޕާކިސްތާނުގެ އެންމެ ބޮޑެތި މީޑިއާތަކުގެ ސުރުހީ އަށް އެ ވާހަކައެއް ނާރަ އެވެ. މިއީ އެގައުމުގައި ފުޓްބޯޅައިގެ ރީޑާޝިޕް ދަށީވުމުން ދިމާވި ކަމަކަށް ވެސް ވެދާނެ އެވެ.
ޑައިމަންޑް ޖުބިލީ މުބާރާތުގެ ކާމިޔާބަކީ، 35 އަހަރަށް ފަހު ފުޓްބޯޅައިން އެ ގައުމު ހޯދި ފުރަތަމަ ރަން ކާމިޔާބެވެ. އޭގެ ކުރިން އެ ޓީމުގެ އަތުގައި އޮތީ 1991 ގެ ސާފް ގޭމްސްގެ ފުޓްބޯޅަ އިވެންޓްގެ ފައިނަލުގައި ރާއްޖެ ބަލިކޮށް ހޯދި ރަން މެޑައްޔެވެ. އޭގެ ކުރިން ފުޓްބޯޅައަށް އެކަނި ހާއްސަ މުބާރާތަކުން އެ ޓީމުން ހޯދި ކާމިޔާބަކީ 1952 ވަނަ އަހަރުގެ އޭޝިއަން ކުއަޑްރެންގިއުލާ ފުޓްބޯޅަ މުބާރާތް، ލީގު އުސޫލުން ކުޅެގެން އިންޑިއާއާ އެކު ހޯދި ޖޮއިންޓް ޗެމްޕިއަންކަމެވެ.
ޕާކިސްތާނުން ދެކެނީ ޑައިމަންޑް ޖުބިލީ މުބާރާތަކީ އެ ގައުމުގެ ފުޓްބޯޅަ އަލުން ބަދަލުކޮށްލި މުބާރާތުގެ ގޮތުގަ އެވެ. މިދިޔަ ހަތް އަހަރުތެރޭ ފީފާގެ ސަސްޕެންޝަން ތިން ފަހަރަށް ކުރިމަތިލި އެވެ. ނަމަވެސް، އެގައުމުން މިހާރު އޮތީ ފުޓްބޯޅަ ކުރިއަރުވައި ބަދަލުކޮށްލުމުގެ ރޫހެއްގަ އެވެ.
މެޗަށް ފަހު ޕީއެސްއެމްއަށް ދިން އިންޓަވިއުގައި ޕާކިސްތާނުގެ ކޯޗު ނޮލްބާޓޯ ސޮލާނޯ ދިން މެސެޖަކީ، ފުޓްބޯޅައިގައި ޕާކިސްތާނުން ދެން އަތްއުރާލައިގެން ނުތިބޭނެ ކަމެވެ. ސެޕްޓެމްބަރު ފަހުކޮޅާއި އޮކްޓޫބަރުގެ ކުރީކޮޅު ބައްދަލުކުރާ ފީފާގެ އިންޓަނޭޝަނަލް ބްރޭކްގައި ވެސް އިތުރު މުބާރާތެއް ކުޅެން ޕާކިސްތާނުން ފުރުސަތު ހޯދަމުންދާ ކަމަށް، ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާއި ވެސްޓްހޭމް ޔުނައިޓެޑަށް ވެސް ކުޅުނު ތަޖުރިބާކާރު ބުންޏެވެ.
"މިތިބަ ޒުވާން ކުޅުންތެރިންގެ ގުރޫޕް، އެ ކުޅުންތެރިން ސާބިތުކޮށްދީފި ޕާކިސްތާނަށް ފުޓްބޯޅައިގައި ކުރިއަށްދެވިދާނެކަން. އެކަން ޕާކިސްތާނަށް ގަބޫލުކޮށްދީފި. އެހެންވީމާ މި މުބާރާތް ކާމިޔާބު ކުރެވުމުން އަހަރެމެން ވަރަށް އުފާވެއްޖެ،" ވޯލްޑް ކަޕްގައި އޭނާގެ އަމިއްލަ ގައުމު، ޕެރޫގެ އެސިސްޓެންޓް ކޯޗުކަން ވެސް ކުރިން އަދާކުރި ސޮލާނޯ ބުންޏެވެ.
"އަހަރެމެން ޖެހޭނެ މި މަސައްކަތް ކުރިއަށްގެންދަން. އަހަރެމެންނަށް އެބައޮތް ސެޕްޓެމްބަރާއި އޮކްޓޯބަރުގައި އެހެން ޗެލެންޖް މުބާރާތެއް. އަދި ނޮވެމްބަރުގައި (ސާފް ޗެމްޕިއަންޝިޕް). އެ ގޮތުގައި އަހަރެމެން ކުރިއަށްދާން ޖެހޭނީ. އަހަރެމެން އުއްމީދު ކުރަން އަންނަ އަހަރު އޭޝިއާގެ ކޮލިފައިން ފަށާއިރު، މިފަދަ މުބާރާތްތަކުން އެކަމަށް ތައްޔާރުވާން."
ޕާކިސްތާނުގައި ޕްރިމިއާ ފުޓްބޯޅަ ލީގެއް ނެތެވެ. އެ ގައުމުގެ ޓީމު އެކުލަވާލާފައި ވަނީ ޔޫރަޕްގެ އެކި ލީގުތަކުގައި ކުޅޭ، އެ ގައުމުގެ އަސްލު ރަށްވެހިންނާއި އާއިލާ ގުޅިފައިވާ ކުޅުންތެރިން ހިމަނައިގެންނެވެ. ސްކޮޑްގެ 12 ކުޅުންތެރިންނަކީ ޔޫރަޕްގެ އެކި ޑިވިޝަންތަކުގައި ކުޅެމުންދާ އެ ގައުމުގެ ދަރިކޮޅަށް ނިސްބަތްވާ ކުޅުންތެރިންނެވެ.
އޭގެ ތެރެއިން އެންމެ ހާއްސަ ކުޅުންތެރިޔަކީ، ސްވިޑެންގެ ޓޮޕް ލީގުގައި ކުޅެމުން އަންނަ ކެޕްޓަން އަބްފުﷲ އިގްބާލެވެ.
މެޗަށް ފަހު އިގްބާލް ބުނީ ޕާކިސްތާނުގެ ފުޓްބޯޅަ ސަޕޯޓަރުންނަށް މި އުފާވެރިކަން މި ލިބުނީ، އެގައުމުގެ ފުޓްބޯޅަ ވަރަށް އުނދަގޫ ހާލަތެއްގައި އޮތް ދަނޑިވަޅެއްގައި ކަމަށެވެ.
އާ ލީގެއްގެ ވާހަކަ ޕާކިސްތާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ދައްކާފަ އެވެ. ޓޮޕް ލީގުގެ ކުރިން ޑިސްޓްރިކްޓް ފުޓްބޯޅަ މުބާރާތްތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް، މި ހަފުތާގައި ޕީއެފްއެފްއިން ބުންޏެވެ.
ޕާކިސްތާނުގެ ޓީމު ހޯދި ކާމިޔާބާ އެކު، ޕީއެފްއެފްގެ ރައީސް ސައީދު މުހުސިން ގިލާނީ ވަނީ މުޅި ޓީމަށް ފައިސާގެ އިނާމު ދިނުމަށް އިއުލާން ކުރައްވާފަ އެވެ.
ގިލާނީ ވިދާޅުވި ގޮތުގައި ޕާކިސްތާން ޓީމުން މުބާރާތުގައި ދެއްކި މޮޅު ކުޅުމާ އެކު، އެ ގައުމުގެ ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި ވަނީ އާ އުންމީދުތަކެއް އާވެފަ އެވެ. އަދި މިއީ އެ ގައުމުގައި ފުޓްބޯޅަ ދިރުވަން ފެޑެރޭޝަނުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވެސް އޭނާ ސިފަކުރެއްވި އެވެ.
"މިއީ އަހަރެމެން ފާއިތުވި 60 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިންތިޒާރުކުރަމުން އައި ވަގުތެއް. ޕާކިސްތާނުގެ ފުޓްބޯޅަ ސަޕޯޓަރުންގެ އެތައް ޖީލަކުން ދެކެމުންއައި ހުވަފެން ހަގީގަތަކަށް ހަދައިދިން ކަމުގެ ފުރިހަމަ ޝަރަފާއި ކްރެޑިޓް، ޓީމުގެ ކުޅުންތެރިންނާއި، ކޯޗުން އަދި ސަޕޯޓް ސްޓާފުންނަށް ހައްގުވޭ،" ގިލާނީ ވިދާޅުވި އެވެ.