ދިވެހި ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ފުޓްބޯޅަ ޑިވެލޮޕްމަންޓުގެ ބޮޑު ޒިންމާއެއް ހިޑިންކަށް

23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް ހަމަޖެއްސި ރެނޭ ހިޑިންކް.-- ފޮޓޯ: މިހާރު ފައިލް ފޮޓޯ

12 ފެބުރުއަރީ 2021 - 22:35

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި ނެދަލެންޑްސްގެ ރެނޭ ހިޑިންކަށް 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗުކަމުގެ އިތުރުން ފުޓްބޯޅަ ޑިވެލޮޕްމަންޓުގެ އިސް ޒިންމާއެއް އެފްއޭއެމުން ހަވާލުކޮށްފި އެވެ.

މިދިޔަ މަހު ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު މާޓިން ކޫޕްމަންގެ ކޮންޓްރެކްޓް ތިން އަހަރަށް އާ ކުރިއިރު، ހިޑިންކްގެ ކޮންޓްރެކްޓްގެ ވާހަކައެއް އޭގެ ނެތެވެ. އެކަމަކު ދާދި ފަހުން ރާއްޖެ ޓީވީ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ފުޓްބޯޅަ ޑިވެލޮޕްމަންޓުގެ އިސް ޒިންމާއަކާ އެކު 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް ހިޑިންކް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ބައްސާމް ވިދާޅުވީ އަންނަ މަހު ފަށަން މަސައްކަތްކުރަމުން އަންނަ އެފްއޭއެމްގެ ފުޓްބޯޅަ ސްކޫލް (ހައި ޕާފޯމަންސް ސެންޓަރުން) އިން ތަމްރީންވެގެން އަންނަ ކުޅުންތެރިން އުމުރުފުރާ ގައުމީ ޓީމުތަކުގައި ޓްރެއިނިންތައް ކުރިއަށްގެންދާނީ ހިޑިންކްގެ ބެލުމުގެ ދަށުން ކަމަށެވެ. އެ ގޮތުން 16 އަހަރުން ދަށުގެ ގައުމީ ޓީމުން ފެށިގެން 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޕްރެކްޓިސްތަކާއި އެހެނިހެން ޑިވެލޮޕްމަންޓްގެ ކަންތައްތައް ހިޑިންކް ބަލަހައްޓާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ރެނޭ ހިޑިންކް އަކީ މަޝްހޫރު ގިނަ ޓީމުތަކަކަށް ކޯޗުކޮށްދީފައިވާ ކޯޗު ގޫސް ހިޑިންކްގެ ކޮއްކޮ އެވެ. ގޫސް ހިޑިންކް އެކޭ އެއްގޮތަށް ރެނޭ ވެސް ވަނީ ޔޫރަޕްގެ އިތުރުން އޭޝިއާގެ އެކި ގައުމުތަކުގައި ކޯޗުކަމުގެ ތަޖުރިބާތަކެއް ކޮށްފަ އެވެ.

ސަރުކާރުގެ ހަރަދުގައި ހުޅުމާލޭގައި އަޅާފައިވާ ފުޓްބޯޅަ ސްކޫލް އިސްކޮށް ހުންނާނީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ފުޓްބޯޅަ ލެޖެންޑެއް ކަމަށް އެފްއޭއެމުން ވަނީ އިއުލާނުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި އެއީ ރެއާލް މެޑްރިޑާއި ސްޕެއިން ގައުމީ ޓީމަށް ކުރިން ކުޅުނު ފުލްބެކް މިޝެލް ސަލްގާޑޯ އެވެ.

ފުޓްބޯޅަ ސްކޫލުގެ ޕްލޭނުގައިވާ ގޮތުން އެ ސްކޫލުގައި 10 އާއި 15 އާ ދެމެދުގެ އަދަދަކަށް ބިދޭސީ ކޯޗުން ތިބޭނެ އެވެ. އަންނަ މަހަށް ނިންމާލަން އަމާޒުހިފާފައިވާ މި ތަނުގައި 12 އަހަރާއި 15 އަހަރާ ދެމެދުގެ 40 ކުޅުންތެރިން ތަމްރީނު ފުރިހަމަކުރާނެ އެވެ. ހައި ޕާފޯމަންސް ސެންޓަރެއްގެ ގޮތުގައި ފުޓްބޯޅަ ސްކޫލް ހިންގާއިރު، އެ ތަނަށް ހޮވޭ ކުދިން ނަގަން 18 އެކެޑަމީއެއް ހުޅުވާނެ އެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުގައި އަށް އެކެޑަމީ، އަތޮޅު ތެރޭގައި 10 އެކެޑަމީ އެވެ. އަތޮޅުތެރޭގައި ހަދާ އެކެޑަމީތަކުގެ ތެރެއިން ދެ އެކެޑަމީއެއް ކުރިއަށްގެންދާނީ އައްޑޫގަ އެވެ. އެ އެކެޑަމީތަކުގައި ތަމްރީނުކުރާނީ 6 އަހަރާއި 10 އަހަރާ ދެމެދުގެ ކުޅުންތެރިންނެވެ.

ފަނަރަ އަހަރުން ފުޓްބޯޅަ ސްކޫލް ނިންމުމަށް ފަހު ދެން އެ ކުޅުންތެރިން އަންނާނީ ހިޑިންކްގެ ބެލުމުގެ ދަށުން ތަމްޜީންވާށެވެ. އެ ކަމުގައި އުމުރުފުރާ ގައުމީ ޓީމުތަކުގެ ހެޑްކޯޗުން ވެސް އިސްކޮށް ބައިވެރިވާނެ އެވެ. އެފްއޭއެމްގެ ވިސްނުމަކީ ފުޓްބޯޅަ ސްކޫލް މެދުވެރިކޮށް ކްލަބްތަކުގައި އެކުލަވާލާ 16 އަހަރުން ދަށާއި 18 އަހަރުން ދަށުގެ ޓީމުތަކަށް ކުޅުންތެރިން ސަޕްލައި ކުރުމެވެ.

"ބޭނުންވާ ކަަމަކީ އުމުރުން ހަ އަހަރުން ފެށިގެން މި ކުޅުންތެރިންގެ ޑޭޓާތައް ބަރާބަރަށް ނެގުން. ޕްރޮގްރެސް ރިޕޯޓްތައް ވެސް ރަނގަޅަށް ޗެކްކޮށް މުސްތަގުބަލަށް މީގެ ބޭނުން ވަރަށް ރަނގަޅަށް ފެނިގެންދާނެ. އެފްއޭއެމްގެ 20 ބުރީގެ އިމާރާތުގައި ކުޅުންތެރިންގެ މެޑިކަލް ކަންތައްތައް ހިމެނޭ ގޮތަށް މެޑިކަލް ހަބެއް ހަދަން ބޭނުމީ. އެއީ ކުރިއަރާފައިވާ ގައުމުތަކުގައި ގައުމީ ޓީމުތަކުގެ ކަންތައްތައް ކުރަނީ މިހެން. އަޅުގަނޑުމެން ބޭނުންވަނީ މި ލެވަލް އަށް ރާއްޖޭގެ ފުޓްބޯޅަ ގެންދަން،" ބައްސާމް ވިދާޅުވި އެވެ.

ފުޓްބޯޅަ ސްކޫލްގެ ކަންތައްތައް ކުރިއަށްގެންދަން އެފްއޭއެމްގެ ޕްލޭން ވެސް ބައްސާމް ހިއްސާ ކުރެއްވި އެވެ. އެ ގޮތުން ކުރިއަށް އޮތްތަނުގައި ފުޓްބޯޅަ ސްކޫލާއި ޑިވެލޮޕްމަންޓަށް ހޭދަކުރާނީ ޕްރޮޖެކްޓް ފަންޑްސް މެދުވެރިކޮށް ކަމަށް ބައްސާމް ވިދާޅުވި އެވެ.

"މިދިޔަ ހަތަރު އަހަރުގެ (އެފްއޭއެމުން މަސައްކަތް ފެށި) ފެސިލިޓީސްތަކަށް ބަލައިފިއްޔާ ވަރަށް ގިނަ. 18 ވަރަކަށް ދަނޑު އެބައެޅޭ މަސައްކަތްކުރެވޭ. އެފްއޭއެމްގެ އިމާރާތް 20 ބުރިއަށް އެބަ ހެނދޭ. މި އަހަރު ތެރޭ ވަރަށް ވަރުގަދަ ތިން ބުރީގެ އެހެން އިމާރާތެއް ވެސް ޓާފް ދަނޑު ތެރޭގައި އެބަ ހެދޭ،" ބައްސާމް ވިދާޅުވި އެވެ.

"ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން ފީފާ ޕްރޮޖެކްޓް ފަންޑްތަކުގެ ތެރެއިން އިމާރާތް ކުރުމަށް ބޭނުމެއް ނުކުރާނަން. އަޅުގަނޑުމެން ބޭނުންކުރާނީ މި ޕްރޮޖެކްޓްތަކުގެ ފަންޑްސް އެކެޑަމީ އަށް. ޕްރޮޖެކްޓް ފަންޑްސް އަކީ ހަމައެކަނި އިމާރާތް ކުރުމަކަށް ނޫން ލިބެނީ މި ދެންނެވި އެކެޑަމީގެ ކަންތައް ކުރުމަށް ބޭނުންކުރެވޭނެ،"

އެފްއޭއެމްގެ ގިނަ މަސައްކަތްތައް ފުރިހަމަކުރަން މި ވޭތުވެދިޔަ އަހަރެއްހާ ދުވަހު ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑް-19ގެ ސަބަބުން އެކި ކަންކަމަށް އައި ހުއްޓުުމެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454