ގާނޫނީ ވަކީލު މަހްފޫޒް ސައީދުގެ ބޮލަށް ވަޅި ހަރައި މަރުގެ ހަމަލާއެއް ދިން މީހުން "ސިއްރިއްޔާތުގައި" ކްރިމިނަލް ކޯޓުން ދޫކޮށްލުމަކީ ރާއްޖޭގައި އަދުލުއިންސާފު ނެތިގޮސްފައިވާ މިންވަރު ކަމަށް ބުނެ އެމްޑީޕީން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.

އިދިކޮޅު އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މަހްފޫޒަށް ދިން ނުރައްކާތެރި މަރުގެ ހަމަލާއާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ނެރެފައިވާ އެންމެން ކްރިމިނަލް ކޯޓުން ސިއްރުން ދޫކޮށްލާފައިވާ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ މައްްސަލާގައި ހައްޔަރުކޮށްފައި ތިބީ ތިން މީހެކެވެ.

ވަޅިހެރި މައްސަލާގައި ހިމެނޭ ހަތަރު ވަނަ މީހާ ހޯދަން އިއުލާން ކޮށްފައިވީ ނަމަވެސް އެ މީހާ ހޯދަން ފުލުހުން ނުކުޅެދިފައިވާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

"މި ނުރައްކާތެރި މަރުގެ ހަމަލައިގެ މައްސަލަ ޝަރީއަތަށް ހުށަހެޅުނުތާ އަހަރެއް ފާއިތުވެފައިވާއިރު، މިއަދާ ހަމައަށް ވެސް މި މައްސަލަ ނިންމިފައެއް ނުވެ އެވެ. އަދި މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ތާވަލުކުރާ ގިނަ ފަހަރުތަކުގައި އަޑުއެހުންތައް ކެންސަލްކޮށްފައިވާކަން ފާހަގަ ކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެ ޕާޓީން ބުނިގޮތުގައި މަހްފޫޒަށް ހަމަލާދިނީ ދުވާލު އެންމެންގެ ކުރިމަތީގައި ކަމަށް ވާއިރު، މިފަދަ ޖަރީމާތައް ހިންގާ މީހުން ދޫކޮށްލުމަކީ މިފަދަ ކުށްތައް ކުރާ މީހުންނާ މެދު ފިޔަވަޅު ނާޅާ ކަން ރައްޔިތުންނަށް ސާފުވެގެންދާ ކަމެކެވެ.

"ބޮލަށް ވަޅި ޖަހައި މީހަކު މަރަން ހަމަލާދިން ކަމުގެ ކުށުގައި ބަންދުގައި ބައިތިއްބައިގެން ދައުވާ އުފުލިފައިވާ ފަރާތްތަކެއް މުޖުތަމައުގެ ނުރައްކަލެއްކަމަށް ކްރިމިނަލް ކޯޓުން ނުދެކޭނަމަ، އަދި އެ މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް އެ ފަރާތްތައް ބަންދުން ދޫކޮށްލާނަމަ، މުޖުތަމައުގެ ނުރައްކަލެއް ކަމަށް ބުނެ ވަކި އެހެން މައްސަލައެއްގައި ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބެހެއްޓިދާނޭ އެއްވެސް ހަމައެއް ނެތެވެ،" ބަޔާނުގައިވެ އެވެ.

ބޮލަށް ވަޅިޖަހައި ދިން ނުރައްކާތެރި މަރުގެ ހަމަލާގައި މަހްފޫޒަށް އިންސާފު ހޯދައި ދިނުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކާއި ކޯޓުތަކަށް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.