ޑިފެންސް މިނިސްޓްރުގެ ނައިބު ހަސަން ޒަމީލް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެ، އޭނާގެ މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވި މައްސަލަ ބަލަން ބޭއްވި އިމްތިޔާޒު ކޮމިޓީގެ ސިއްރު ބައްދަލުވުމުގެ ތަފުސީލުތައް ލީކުވުމާ ގުޅިގެން އެކަން ބަލަން އެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ޒަމީލްގެ މައްސަލަ އިމްތިޔާޒު ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް ވިދާޅުވެ، ފޮނުއްވި ސިޓީގައި އޭނާ ސޮއި ކުރައްވާފައިވާތީ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އެ ކޮމިޓީން ބޭއްވި ސިއްރު ބައްދަލުވުމުގައި އެމްޑީޕީގެ ހަތަރު މެންބަރެއްގެ ވޯޓާ އެކު ފާސްވީ ޒަމީލްގެ މައްސަލަ ނުބެލުމަށެވެ.

ޒަމީލްގެ މައްސަލަ ނުބަލަން އެމްޑީޕީގެ ފަރާތުން ވޯޓު ދެއްވީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް އާއި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އާއި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދު އަދި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އެވެ.

އެ ވޯޓުގެ ނަތީޖާ އާއި ވޯޓް ދެއްވި މެންބަރުންގެ ތަފްސީލްތައް ސޯޝާލް މީޑިއަށް ލީކުކޮށްލުމާ އެކު އެމްޑީޕީ ތެރޭގައި މައްސަލަ ބޮޑުވެ، އެ ހަތަރު މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން ވެސް އަމާޒުވި އެވެ.

ސުލޫކް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ތާވަލުކޮށްފައި ވަނީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އަށް އިންޒާރު ދިން މައްސަލަ އެެވެ. ނަމަވެސް ސަނީފް ވަނީ ހިސާން މައްސަލައިގެ ކުރިން ކޮމިޓީގެ ސިއްރުތައް ލީކުވި މައްސަލަ ބެލުމަށް ހުށަހަޅައިފަ އެވެ.

"އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ކޮމިޓީގެ އިމްތިޔާޒް ގެއްލުނީމަ ކޮމިޓީގެ އިމްތިޔާޒްތައް ހަމަޔަށް އެޅުވުން. ބައެއް މެންބަރުންނަށް އުނދަގޫ ކަމަކަށް ވެދާނެ މި ޗެޓްލޮގް ބޭނުން ކޮށްގެން ވޯޓު ދިނުން. ސިއްރު ކޮމިޓީއެއްގެ ވޯޓު ހާމަކުރުމަކީ މައްސަލައެއް،" ސަނީފް ވިދާޅުވި އެވެ.

ސަނީފް ވިދާޅުވީ ވޯޓުގެ ތަފްސީލް ސޯޝަލް މީޑިއާ އަށް ލީކު ކޮށްލީ އެ ކޮމިޓީގައި ހިމެނޭ މަޖިލިސް މެންބަރެއް ކަމަށާއި އެކަމާ ގުޅިގެން މީހުންގެ ފާޑު ކިޔުންތައް އަމާޒުވެ، ފުރާނަ އަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އެ މައްސަލަ ބަލައި ނުގެންފި ނަމަ އެހެން މައްސަލަތަކުގައި ވެސް ވޯޓު ދޭން ދަަތިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިސާންގެ މައްސަލަ ފަހަށް ބާއްވާފައި ސަނީފް ހުށަހެޅުއްވި މައްސަލަ ބަލަން އެ ކޮމިޓީން ފާސްކުރި އެވެ. އަދި ސިއްރުތައް ލީކުވާ މައްސަލާގައި މެންބަރުން ބަހުސް ކުރުމަށް ފަހު ދެ ހުށަހެޅުމެއް ހުށަހެޅުއްވި އެވެ.

އެއް ހުށަހެޅުމަކީ ޒަމީލް މައްސަލާގައި ބޭއްވި ސިއްރު ކޮމިޓީގެ ބައްދަލުވުމުގައި ކަންތައް ވެގެން ދިޔަ ގޮތް ނޫސްވެރިންނަށް ސާފު ކޮށްދިނުމާއި އެ ކޮމިޓީގެ މައުލޫމާތުތައް ލީކުވި މައްސަލަ ސަބް ކޮމިޓީއެއް ނަގައިގެން ބަލަން ހުށަހެޅުމެވެ. އަދި ކޮމިޓީ މެންބަރުންގެ އިއްތިފާގުން އެ ދެ ހުށަހެޅުން ފާސް ކުރި އެވެ.