އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ޓައިމްލައިން ބާތިލް ކޮށްދިނުމަށް އެދި އިދިކޮޅު ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޓީމުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަކީ އެ ޕާޓީގެ އަސާސީ ސިފަތަކާ ވަރަށް އިދިކީލި، ބީރައްޓެހި އަމަލެއް ކަމަށް އެ މަގާމަށް ދެން ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
މީކާއިލްގެ އިތުރުން އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު ވާދަކުރައްވާ ވާދަވެރި އެ އިންތިހާބު ބާތިލްކުރަން ކޯޓަށް ހުށަހެޅުއްވީ ވަކީލް އަބްދުﷲ ޝާއިރު އެވެ. އެ މައްސަލާގައި ބުނެފައިވަނީ އިންތިހާބަށް ކޮށްފައިވާ އިއުލާނަކީ ނަޝީދުގެ ކެމްޕޭން ހަރަކާތްތަކަށް ހުރަސްއެޅޭ ގޮތަށް ނެރެފައިވާ އިއުލާނެއް ކަމަށެވެ.
މިއަދު އެމްޑީޕީގެ މައި ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ވޯޓުން އިންސާފުވެރިކަމާ އެކު ކަންކަން ނިންމާ ޕާޓީއެއް ކަމަށެވެ. ޕާޓީގެ އެތެރޭގެ ކަންކަން ނިންމުމަށް ކޯޓުތަކަށް ދިއުމަކީ މަސްލަހަތު ނަގާލުން ކަމަށް އޭނާ ސިފަކުރެއްވި އެވެ. އަދި ކޯޓު މެދުވެރިކޮށް ޕާޓީގެ އަގު ވައްޓާނުލައި، ވޯޓުން ކަން ނިންމުމަށް މީކާއިލް ގޮވާލެއްވި އެވެ.
"އިންތިހާބު ކުރިއަށްދާން ވާނީ ކުރިން ކަނޑައެޅިފައިވާ ޑެޑްލައިންތަކާ އެއްގޮތަށް ޖޫން 12 ގައި ކަމަށް. އިންތިހާބު އެންމެ ދުވަހަކަށް ވެސް ފަސްކުރުމާ ދެކޮޅު،" މީކާއިލް ވިދާޅުވި އެވެ.
"މެޗު ކުޅެން ފަށާފަ ގޯލް ޕޯސްޓް ބަދަލުކުރުމަކީ އަޅުގަނޑު ގަބޫލުކުރާ އުސޫލެއް ނޫން. ދެހާސްތޭރައިގައި އެމްޑީޕީގެ އާންމު މެންބަރުން ވެސް ދިވެހިރާއްޖޭގައި އިންތިހާބެއް ތިން ފަހަރު މަތިން ބާތިލުކޮށް، އިންތިހާބުގެ ގޯލް ޕޯސްޓާ ކުޅުނު ކުޅުމާ ދެކޮޅަށް އަޅުގަނޑުމެން މަގުމައްޗަށް ނިކުތީ ހަމަ މި ސިފަތަކާ އުސޫލުތައް މި ޕާޓީގައި ނެގެހެއްޓުމުގެ ބޭނުމުގައި."
އިންތިހާބު ފަސްކުރަން އުޅޭ މައިގަނޑު ސަބަބަކީ މީކާއިލް ވިދާޅުވި ގޮތުގައި ވަކި ބަޔަކަށް ޖާގަ ހުޅުވައިދިނުމެވެ.
"ވަކި ބަޔަކަށް ޖާގަ ހުޅުވަން، ވަކި ބަޔަކަށް ފުރުސަތު ހުޅުވަން، މި ޕާޓީގެ މެންބަޝިޕް ގަޑުބަޑު ކުރުމުގެ ބޭނުމުގައި، ޕީއެންސީން މި ޕާޓީގެ އެތެރޭގެ އިންތިހާބަކަށް ނުފޫޒު ފޯރުވަން އެ ފުރުސަތު ހުޅުވާލުމުގެ ބޭނުމުގައި ޓައިމްލައިނަށް ކުޅުމަކީ އަޅުގަނޑު އެއްގޮތަކަށް ވެސް ގަބޫލުކުރާ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، އިންތިހާބަކާ ނުލައި ޕާޓީގެ ވަގުތީ ޗެއާޕާސަން ކަމާ ހަވާލުވުމަކީ ވެސް އޭނާ ގަބޫލުކުރައްވާ އުސޫލެއް ނޫން ކަމަށާއި ޕާޓީގެ މަތީ ފަޑީގައި ތިއްބަވަން ވާނީ އާންމު މެންބަރުންގެ ވޯޓުން އިންތިހާބުވާ ބޭފުޅުންކަން މީކާއީލް ވިދާޅުވި އެވެ. އަދި ޕާޓީގެ މާލީ ހާލަތު ދަށްވެ، އެކައުންޓުތައް ފްރީޒް ކޮށްފައި އޮތް ނަމަވެސް، ފައިސާ ނެތް ކަމަށް ބުނެ އަސާސީ އިންތިހާބުތައް ފަސްނުކުރެވޭނެ ކަމަށް މީކާއިލް ވިދާޅުވި އެވެ.
މީކާއިލް ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި އޮވެގެންކަން އާންމު މެންބަރުން ގަބޫލުކުރާ ކަމަށެވެ. އަދި އާންމު މެންބަރުން ބޭނުންވަނީ ވަކި ކެންޑިޑޭޓެއްގެ އަތުގައި ހިފައިގެން ރިޔާސީ ރޭސް ފަހިކޮށްދޭނެ މީހެއްގެ ބަދަލުގައި، ހުރިހާ ބޭފުޅުންނަށް ވެސް ހަމަހަމަ ފުރުސަތު އޮންނާނެފަދަ ނިއުޓްރަލް ޗެއާޕާސަނެއްކަން މީކާއީލް ފާހަގަކުރެއްވި އެވެ.