އެމްޑީޕީގެ މައްޗަށް ދައުވާކޮށް ސިވިލް ކޯޓަށް މިއަދު ހުށަހެޅި މައްސަލައަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިންގެ ފަރާތުން ހުށަހެޅި މައްސަލައެއް ނޫން ކަމަށާއި އެގޮތަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކުން ކުށްވެރިކުރާ ކަމަށް ކެމްޕެއިންގެ ތަރުޖަމާނު އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ. 

ނަޝީދުގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވާދަކުރައްވާ ވާދަވެރި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބާތިލްކުރަން ކޯޓަށް ހުށަހެޅުއްވީ ވަކީލް އަބްދުﷲ ޝާއިރު އެވެ. އެ މައްސަލައިގައި ބުނެފައިވަނީ އިންތިހާބަށް ކޮށްފައިވާ އިއުލާނަކީ ނަޝީދުގެ ކެމްޕޭން ހަރަކާތްތަކަށް ހުރަސްއެޅޭ ގޮތަށް ނެރެފައިވާ އިއުލާނެއް ކަމަށެވެ.

އެކަމާ ގުޅިގެން ނަޝީދުގެ ޓީމަށް ފާޑުވިދާޅުވެ މީކާއިލް ވަނީ އިންތިހާބުގެ ޓައިމްލައިން ބާތިލް ކޮށްދިނުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅުމަކީ އެ ޕާޓީގެ އަސާސީ ސިފަތަކާ ވަރަށް އިދިކީލި، ބީރައްޓެހި އަމަލެއް ކަމަށް ވިދާޅުވެފަ އެވެ. 

މީކާއިލްގެ އެ ވާހަކައަށް ރައްދު ދެއްވަމުން ވަހީދު ވިދާޅުވީ ކޯޓަށް ދިޔައީ ނަޝީދުގެ ފަރާތުން ނޫން ކަމަށާއި އެފަދަ ދޮގު ވާހަކަ ފެތުރުމަކީ ޕާޓީގެ އެތެރޭގެ އިންތިހާބުތަކަށް އޮންނަ އިތުބާރު ގެއްލި، އަދި އެތެރޭގެ މަސްލަހަތަށް ހިޔަނި އެޅޭނެ ކަމެއް ކަމަށެވެ. 

"މި ކެމްޕޭނުގެ ފަރާތުން އެދެނީ ވީހާވެސް އަވަހަށް ވޯޓުލުމުގެ ފުރުސަތު ޕާޓީގެ އާންމު މެންބަރުންނަށް ލިބުން،" ވަހީދު ވިދާޅުވި އެވެ. 

ނަޝީދުގެ ކެމްޕެއިންގެ ފަރާތުން ބުނާ ގޮތުން ވަކީލް އަބްދުﷲ ޝާއިރު މައްސަލަ ކޯޓަށް ހުށަހެޅުއްވީ އަމިއްލަ ހައިސިއްޔަތުންނެވެ. 

އެ މައްސަލާގައި ބުނެފައިވަނީ އިންތިހާބަށް ކޮށްފައިވާ އިއުލާނަކީ ނަޝީދުގެ ކެމްޕޭން ހަރަކާތްތަކަށް ހުރަސްއެޅޭ ގޮތަށް ނެރެފައިވާ އިއުލާނެއް ކަމަށެވެ. އަދި އެމްޑީޕީގެ އިންތިހާބީ ކޮމިޓީގެ ނިންމުމަކީ ޕާޓީގެ ގަވާއިދުތަކާއި ގާނޫނުއަސާސީގެ އިތުރުން ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ އިންސާފުގެ ހަމަތަކާ ފުށުއަރާ، ގާނޫނީ ހައިސިއްޔަތެއް ނެތް ނިންމުމެއް ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެ އެވެ. 

ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ކުރިން މަސައްކަތް ކުރެއްވި ޝާއިރުގެ ފަރާތުން އެ މައްސަލާގައި އެދިފައިވަނީ ޗެއާޕާސަންގެ އިންތިހާބަށް އެމްޑީޕީން ކުރި އިއުލާން ބާތިލްކޮށް އަދި އެ އިންތިހާބާ ގުޅޭ ހުރިހާ ކަމެއް ހިންގުމުގެ މަސްއޫލިއްޔަތު އޮންނަންވާނީ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސަށް ކަމަށް ކަނޑައަޅައިދިނުމަށެވެ.