ރިޕޯޓް

މާލޭ މީހުންނަށް ހިލޭ ބިން ދޭން ޖެހޭނެތަ؟

ހުޅުމާލެ: އެއް ބަޔަކު ބިން ގަންނަނީ ބޮޑު އަގުގައި، އަނެއް ބަޔަކަށް ބިން ދިނީ ހިލޭ --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހުޅުމާލޭގެ މައި މަގު، ނިރޮޅުމަގުގެ އެންމެ ދެކުނުގައި ހުރި ގެތަކެވެ. މަގުގެ އިރުމަތީ ފަރާތުގައި ހުރި ގެތައް އިމާރާތްކުރީ މުޅިން ވެސް، ބޮޑު އަގުގައި ބިން ގަނެގެންނެވެ. އެކަމަކު މަގުގެ ހުޅަނގު ފަރާތުން ފެށިގެން އެ އޮތް އެތައް ބްލޮކެއްގައި ހިމެނޭ 200 އަށް ވުރެ ގިނަ ގެ، އެމްޑީޕީ ސަރުކާރުން ދީފައި އެވަނީ ހިލެ އެވެ.

ދިވެހި ދެ ރައްޔިތަކަށް އެހާ ބޮޑު ތަފާތުކުރުމެއް ސަރުކާރުން ގެންގުޅެނީ ކީއްވެގެންތޯ، މާލީ ނަޒަރަކުންނާއި އިޖުތިމާއީ ނަޒަރަކުން ވިސްނާލެވިދާނެ އެވެ. އަދި އޭގެ މާލީ ބަޔަށް ބަލާ ނަމަ، ބޮޑު އަގުގައި ބިން ގަނެގެން އަދި އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްގެން ގެ ހަދާފައި އެވަނީ، އެތައް މަސައްކަތަކުން އެމީހުން އެއްކުރި ފައިސާއިންނެވެ. ބިން ގަންނާށާއި ގެ އިމާރާތްކުރަން ސަރުކާރުން އެ މީހުންނަށް ދިން ލުޔެއް، އެހީތެރިކަމެއް ނެތެވެ. އޭގެ ބަދަލުގައި އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށް ބިން ގަތުމުން އެޗުޑީސީއަށް ލިބުނު މާލީ ފައިދާ ކުޑައެއް ނޫނެވެ. އެކަމަކު ހިލޭ ދޫކުރި 200 ބިމުން، އެޗުޑީސީއަށް، ދެ ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ގެއްލުމެއް ލިބުނު ކަމަށް، އެ ކުންފުނީގެ ކުރީގެ ބައެއް ވެރިންގެ ވާހަކަތަކުން އެނގެ އެވެ.

"ހީވެސް ނުކުރާ ވަރުގެ ގެއްލުމެއް އެޗުޑީސީއަށް ލިބުނީ،" އެ ކުންފުނީގެ ކުރީގެ ވެރިޔަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

"ހުޅުމާލެއިން ހިލޭ ބިމެއް ނުދެވޭނެ. އެކަމަކު ސަރުކާރުން ބުނެފިއްޔާ ގޯޯތި ކަނޑާފައި ދެވިދާނެ. އެހެން އެކަން ކުރިޔަސް ވަރަށް ބޮޑު ގެއްލުމެއް. ވަކި ބަޔަކަށް އެ މަންފާ އެ ލިބެނީ. އަނެއް ބަޔަކު ހަމަ ބޮޑު އަގު ދޭން މި ޖެހެނީ ބިމަށް."

މި މައްސަލާގައި އިޖުތިމާއީ ނަޒަރުން ބަލާ އިރު، މާލޭގައި އޮތް ކުދިކުދި ބިންކޮޅު ދޫކޮށްލުމުން ބަދަލެއްގެ ގޮތުގައި ރާއްޖޭގެ އެންމެ އަގުބޮޑު ބިމުން 1600 އަކަފޫޓުގެ ބިމެއް ދިނުމަކީ، އިންސާފެއް ނޫނެވެ. އަދި ވަކިވަކި މީހުންނަށް ބިން ހިލޭ ދިން އިރު، އެއީ ބޯހިޔާވަހިކަމުގެ މައްސަލަ ދިރިއުޅުމުގެ އެންމެ ބޮޑު ބުރައަށް ވެފައި ތިބި އެތައް ހާސް ބަޔަކަށް، ގެއްލުނު ފުރުސަތެކެވެ. އެއީ އެތައް ހާސް ފްލެޓެއް ހަދައި، އާންމުންނަށް ދެވިދާނެ ބޮޑު ސަރަހައްދެކެވެ.

ހިލޭ ބިން ދިނުމުގެ ބަދަލުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓް ދެވިދާނެ: އިންސާފުވެރި ގޮތަކީ ވެސް އެއީ -- ފޮޓޯ: ނިޝާން އަލީ/މިިހާރު

ހުޅުމާލެ އާއި ގުޅިފަޅު ފަދަ ތަންތަނަކީ ވަރަށް ބޮޑެތި ލޯނުތައް ނަގައިގެން ހިއްކާފައިވާ/ހިއްކަމުން އަންނަ ބިންތަކެވެ. ރާއްޖޭގައި އެންމެ އަގުބޮޑު ބިން ހިމެނެނީ މާލެ ސަރަހައްދުގަ އެވެ. ބިމުގެ ދަތިކަން ބޮޑު، ދުނިޔޭގެ އެއްވެސް ސިޓީއެއްގައި، ބިމަކީ ހިލޭ ދޭ އެއްޗެއް ނޫނެވެ. މުއްސަނދިން ދެކެ ހިތްހަމަނުޖެހުނަސް، ނަފުރަތުކުރިޔަސް، އެފަދަ ސިޓީތަކުން ބިން ގަނެވޭނީ ހަމަ އްސަނދިންނަށެވެ. އެތަންތަނުގައި ވެސް އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ހިލޭ ނުވަތަ ކުޑަ އަގެއްގައި ދޫކުރަނީ ފްލެޓެވެ. ނިއު ޔޯކަށް ބެއްޔަސް، ޓޯކިޔޯއަށް ބެއްޔަސް، އަވަށްޓެރި އިންޑިއާގެ ބޮމްބޭއަށް ބެއްޔަސް، ބިމަކީ، ވަކި ބަޔަކަށް ހިލޭ ދޫކުރާ، "އަގު ނެތް" އެއްޗެއް ނޫނެވެ.

މާލޭގެ ތޮއްޖެހުން ބޮޑުވުން އެއީ ސަބަބެއް ކަމަށް ދައްކައިގެން، އަދި އަވަށްޓެރިންނަށް "ހަމަ ނޭވާލެވޭނެ" ޖާގައެއް ލިބޭނެ ކަމަށް ބުނެ، އެތައް ސަތޭކަ ބަޔަކަށް ހުޅުމާލެއިން ބޮޑު ބިމެއް ހިލޭ ދޫކުރުމަކުން މާލެއަށް އައި ނުވަތަ އަންނާނެ ބަދަލެއް ހަމަގައިމު ވެސް ނުފެނެ އެވެ. އެކަމަކު އެމްޑީޕީގެ ސަރުކާރުން އެވަނީ އެ ހުރިހާ މޮޅު ވާހަކައަކާ އެކު، އެތައް ސަތޭކަ ބަޔަކު ނާއިންސާފުން "މުއްސަނދިކޮށްދީފަ" އެވެ. މީގައި ބިން ލިބުނު މީހުންގެ އެއްވެސް މައްސަލައެއް ނެތެވެ. އަދި މި ރިޕޯޓްގެ ބޭނުމަކީ އެމީހުންނަށް ލިބުނު ފަސޭހައަކަށް "ހަސަދަވެރިވެގެން" ފާޑުކިއުމެއް ވެސް ނޫނެވެ. އެކަމަކު އެއްވެސް ސަރުކާރަކުން ދިވެހި ރައްޔިތުންނާ މެދު އެހާ ބޮޑު ތަފާތުކުރުމެއް ގެންގުޅެގެން ނުވާނެ ކަމަށް ވަކާލާތުކުރުމެވެ.

މާލެއިން ދޫކޮށްލި ބިންކޮޅުގެ އަގު މިލިއަނުން ގުނޭ ނަމަ، ސަރުކާރުން އޭގެ ތެރެއަށް ވަދެ، ހުޅުމާލެއިން ހިލޭ ބިންތަކެއް ދޭކަށް ނުޖެހެ އެވެ. އެ ބިންތަކުގެ ވެރިން އެތަންކޮޅު ވިއްކާލައިގެން، ހުޅުމާލެއިން ފްލެޓް ގަނެވިދާނެ އެވެ. މިހާރު ވެސް މުޅި އުމުރުގެ ސޭވިން އެޑްވާންސަށް ދައްކައިގެން، ބޭންކުން ލޯނު ނަގައިގެން އެޕާޓްމަންޓްތައް ގަންނަ ދިވެހި އެހެން ރައްޔިތުންނެކޭ އެއްގޮތަށެވެ. ހުޅުމާލޭގައި އަމިއްލަ ވިޔަފާރިވެރިން ހަދާފައިވާ/ހަދަމުން އަންނަ އެޕާޓްމަންޓްތައް ގަންނަނީ ހަމައެކަނި ތަނަވަސް ނުވަތަ މުއްސަނދިންނެއް ނޫނެވެ. މެދު ފަންތީގެ އެތައް ދިވެހިންނެއް، 20 ޕަސެންޓްގެ އެޑްވާންސަށް ވާ އެތައް ލައްކަ ރުފިޔާއެއް ދައްކަނީ މުޅި އުމުރު ދުވަހު އެއްކުރި ފައިސާއިންނެވެ. ނުވަތަ އާއިލާގެ އެހެން މީހުންނާއި ރައްޓެހިންގެ އެހީތެރިކަމުގައި، އަނބުރާ ދައްކާ ގޮތަށް ފައިސާ ހޯދައިގެންނެވެ. ދެން އެޕާޓްމަންޓްތަކުގެ އަގު އަދާކުރަނީ ބޭންކުން ލޯނު ނަގައި، 10 އަހަރު، 15 އަހަރު ދުވަހުން ދައްކާ ހަލާސްކުރާ ގޮތަށެވެ.

އެއީ ވެސް ދިވެހިންނެވެ. އެމީހުން އަމިއްލަ ގެއެއް މިލްކުކުރަން އުފުލަމުން ދާ ބުރަ، ރާއްޖޭގެ ސަރުކާރުތަކަށް ނުވިސްނި އޮތުމަކީ، ސިޔާސީ ވެރިންގެ ދޯހަޅިކަމެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ 30 އަހަރާއި އާ ޑިމޮކްރަސީއަށް ފަހު ދެން ވެރިކަން ކުރި ސަރުކާރުތަކުން ވެސް، ބޯހިޔާވަހިކަން ހައްލުކުރަން ވަށައިޖެހޭ ސިޔާސަތެއް ގެންގުޅެފައެއް ނުވެ އެވެ. މާލޭގެ ބައެއް ރައްޔިތުންގެ ތާއީދު ލިބޭނެ ކަމަށް ބަލައި، ހިލޭ ދޫކުރި ބިންތަކަކީ، އެފަދަ ސިޔާސަތެއް ނެތްކަމުގެ ހެއްކެވެ. ބޭއިންސާފުކޮށް ވަކި ބަޔަކަށް ހިލޭ ބިން މިލްކުރެވޭނެ ފުރުސަތު ދިނީ އަދި މިހާރު ދޭން އުޅެނީ، ބޯހިޔާވަހިކަން ކަށަވަރުކުރަން އެއްބަޔަކު އެތައް ގުރުބާނީއެއް ވަމުން، މާލީ ބޮޑެތި ދަތިތަކެއް ތަހައްމަލްކުރަމުން އަންނަނިކޮށެވެ. އެހެންކަމުން މާލެއަށް އުފަން ވިޔަސް، މާލޭގައި މުޅި އުމުރު ހޭދަކުރިޔަސް، ހިލޭ ބިން ދިނުމަކީ ސަރުކާރުން ވަރަށް ފާޅުގައި ހިންގާ ވަރަށް ބޮޑު ބޭއިންސާފަކަށް ނޫނީ ނުވާނެ އެވެ.

މާލެއިން ލިބޭ ތަންކޮޅު ކުޑަވެގެން އުޅެން އުނދަގޫ މީހުންނަށް، ބޯހިޔާވަހިކަމުގެ ދަށުން ހިންގާ މަޝްރޫއުތަކުން ފްލެޓް ދިނުމަކުން އެހެން ބަޔަކު ޝަކުވާކުރާކަށް ޖާގައެއް ނެތެވެ. އެފަދަ މީހުންނަށް ހާއްސަކޮށްގެން ނުވަތަ ގިނަ ޕޮއިންޓް ދީގެން ވެސް، ފްލެޓް މިލްކުރެވިދާނެ ގޮތް، ސަރުކާރަށް ހެދެން އެބަ އޮތެވެ. އެކަމަކު ފްލެޓްގެ ވާހަކަ ނުދައްކައި، ހިލޭ ބިމެއް ހޯދަން، މާލޭގެ ވަކި ބަޔަކު ގޮތް ދޫނުކޮށް، ސަރުކާރަށް ނުވަތަ އެމްޑީޕީއަށް ޕްރެޝަރުކުރާތަން މިހާރު ވެސް އެބަ ފެނެ އެވެ.

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ލަގްޒަރީ ފްލެޓްތަކެއް: އެތައް ބަޔަކު މިފަދަ ފްލެޓްތައް ގަންނަނީ މާލީ ގޮތުން ބޮޑެތި އުނދަގޫތަކެއް ތަހައްމަލްކުރަމުން ---ފޮޓޯ: ސަމީ

އެމްޑީޕީގެ ކުރީގެ ސަރުކާރުން ހުޅުމާލެއިން ހިލޭ ގޯތި ދޫކުރުމުގެ މަރުހަލާގައި އެ ނަސީބު ނުލިބުނު 100 އަށް ވުރެ ގިނަ މީހުންގެ އުއްމީދުތައް އަދިވެސް ގުޅިފައި ވަނީ އެކަމާ އެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ހުޅުމާލެއިން ނުވަތަ އަލަށް ހިއްކާ ގުޅިފަޅުން ބިމެއް ހިލޭ ލިބުމަކީ "ދިރިއުޅުން ކޮޅަށް ޖެހުމެ"ވެ.

ރާއްޖޭގެ އެންމެ އަގު ބޮޑު ބިމުން ހިލޭ ވަކި ބަޔަކަށް ބިން ދޭން ޖެހޭތޯ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާ "މިހާރު"ން ސުވާލުކުރި އެވެ. އޭނާ ވިދާޅުވީ އަަދިވެސް ބައެއް މީހުން ބޭނުންވަނީ "ކުރީގެ ގޮތަށް ގޯތި" ކަމަށެވެ. އެއީ ދިވެހިންގެ ތެރޭގައި ކުރިންސުރެ އޮތް ބޮޑު އާދައަކަށް ވާތީ، އަމިއްލަ ގޯއްޗާ ގުޅިފައި އޮތް އިހުސާސްތައް އަދިވެސް މުޅިން ނެތިގެން ނުދަނީ ކަމަށް، އޭނާ ވިދާޅުވި އެވެ.

އެކަމަކު "ރިއަލިޓީއަކީ ގޯތި ދީދީ އަބަދަކު ނުތިބެވޭނެ،" މިހާރުގެ އިގުތިސާދީ އަދި އިޖުތިމާއީ ހަގީގަތުގެ މައްޗަށް ވިސްނެވުމަށް ފަހު، ފައްޔާޒް ވިދާޅުވި އެވެ.

އެ އިންޓަވިއުގައި އޭނާ ވަނީ، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ގިނަ ބަޔަކަށް ހިލޭ ގޯތި ދޭނެ ބިން ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި ސަރުކާރުގެ ޕްލޭންގައި ކުރިން ނެތަސް ގުޅިފަޅުން ވަކި އަދަދަކަށް މާލޭ މީހުންނަށް ހިލޭ ގޯތި ދޫކުރަން ކަނޑައަޅާފައިވާ ކަމަށް ވެސް، އޭނާ ވިދާޅުވި އެވެ.

"ސިޔާސީ އެކި ސަބަބުތަކަށްޓަކައި ގޯތީގެ ވާހަކަ ދެކެވޭތީ އޭގެ ބައެއް ކަނޑައެޅީ [މާލޭ މީހުންނަށް] ގޯތި ދޭން،" ގުޅިފަޅު މަޝްރޫއުއަށް ގެނައި ބަދަލާ ބެހޭ ގޮތުން ފައްޔާޒު ވިދާޅުވި އެވެ.

ސިިޔާސީ ސަބަބުތަކެވެ. މާލޭގެ ބައެއް މީހުންގެ ޝަކުވާތަކެވެ. އެކަމަކު ކިތައްމެ ޝަކުވާއެއް ކުރިޔަސް، އިގުތިސާދީ، މާލީ އަދި އިޖުތިމާއީ ހަގީގަތްތަކުން ދުރުވެ، ވަކި ބަޔަކަށް ހިލޭ ބިން ދިނުމަކީ، ހައްލެއް ނޫނެވެ. އެއީ އެތައް ބިލިއަން ރުފިޔާއެއްގެ ބޮޑު ގެއްލުމެކެވެ. އެއީ ބޯހިޔާވަހިކަމަށް ޖެހިފައި ތިބި އެތައް ހާސް ބަޔަކަށް ފްލެޓް އިމާރާތްކުރަން ހުރި ބިންތަކެވެ. ނުވަތަ އެޗުޑީސީ ފަދަ ކުންފުނިތަކުން ހައުސިން މަޝްރޫއުތައް ހިންގަން ފައިސާ ހޯދަން، ބޮޑު އަގުގައި ވިއްކެއް ހުރި ވަސީލަތްތަކެވެ.

މާލެ ސަރަހައްދުގެ ބިމަކީ ފައިސާ އެވެ. ހުޅުމާލޭގެ ނިރޮޅުމަގުގެ ދެ ފަރާތުން އެ ފެންނަނީ ބޯހިޔާވަހިކަން ހޯދައިދިނުމުގެ ނަމުގައި ހިންގާފައި އޮތް ބޭއިންސާފު މަޝްރޫއުއެކެވެ. އެއް ފަޅީގައި އުޅޭ ދިވެހިން ބޮޑު އަގުގައި ބިން ގަނެ، ބޮޑު ހޭދައެއްކޮށްގެން އިމާރާތް ހަދައިފަ އެވެ. އަނެއް ފަޅީގައި، އެތައް މިލިއަން ރުފިޔާއެއްގެ ބިން ހިލޭ ދީފަ އެވެ. މިފަދަ ބޭއިންސާނު ސިޔާސަތުތައް ސަރުކާރުތަކުން ގެންގުޅެގެން ނުވާނެ ކަމަށް، "މިހާރު"އާ ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވި އެވެ.

އެކަމަކު އެއީ ބޭއިންސާފެއްކަން ސަރުކާރަށް ނުވިސްނޭ ނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ނުވަތަ ބަޔަކު ޕްރެޝަރެއް ޖައްސާލާ ކޮންމެ ފަހަރަކު އެއަށް ގުނޑުވާާލެވޭނެ ނަމަ ސަރުކާރުގެ ބާރަކީ ކޮބައި ހެއްޔެވެ؟

230 ކޮމެންޓް, 214 ރިއެކްޝަންސް

icon happy icon happy 39%
icon sad icon sad 2%
icon angry icon angry 58%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަމަހަމަ ޙައްޤު

16 December 2020

​ެެއެންމެނަށްވެސް ޙައްޤު ލިބެންވާނެ. ގޯތި ކިތަންމެ ކުޑަޔަސް ބަދަލް ދިނުން ރަނގަޅު. ރާއްޖޭގެ އެއްވެސްތަނަކުން ބިން ލިބެންޏާ މާލޭމީހުނަށްވެސް ލިބެންވާނެ.

The name is already taken The name is available. Register?

ދޮންބީފާ

16 December 2020

އެކަމަކު މައުމޫނު ބިން ހިއްކިއިރު ކިޔާ އަޑުއިވުނު އެއިރުގެ އިދިކޮޅުމީހުން ހުޅުމާލޭ ބިންހިއްކަން އަކަފޫޓަކައް ޖެހެނީ 75 ރުފިޔާއޭ އަނެއްކާ ތިޔަކިޔާ އެޗްސީޑީ އެއީ ކޮންތާކުން އުފަންވީ ކުންފުންޔެއް ގެއްލުންވާން އެތަނުން ވިއްކާ ބިމުން ލިބޭ ރުފިޔާ ޙަރަދުކުރަނީ އެއިރަކު އޮންނަ ސަރުކާރެއް ހިންގާ ޕާޓީގެ ކެންޕޭން ކުރަން އޭސީސީގެ ރިޕޯޓް ތަކުން ހާމަވޭ ދެން އެޗްޑީސީޔައް ގެއްލުންވާންވީ ކޮންސަބަބަކާ ތިޔައެޗްޑީސީގެ ކެޕިޓަލް ނުކުތީކޮންގެޔަކުން ގެއްލުންވާން

The name is already taken The name is available. Register?

ހިތަދޫ ހުސެން

15 December 2020

ޜަށު ގޯތި ތައް ހިލޭ ދެނީ ވެލިއު ނެތީމަ، ހުރިހާ ރައްޔިތުންގެ މަސައްކަތުން ހޯދާ އާމްދަނީ ތަރައްގީ ކުރި މާލެ ވެލިއު މަތި.. އެހެނޭ ކިޔައިފައި މާލެ މީހުންނަށް ބިން ދޭކައް ނުޖެހޭ އެކަމަކު ބޯހިޔާވަހިކަން(ފްލޭޓް) ދޭން ތާއީދު ރަނގަޅު އަގުގަ އަދި ލުއި ގޮތަކަ. ދަރަންޔަށް ނަގާ ތަރައްގީ ކުރީމަ ދަރަނި އަދާކުރަން ޖެހުނީމަ މާލެ މީހާ/ރާއްޖެތެރޭ މީހާ ނުކިޔަނީ ކީއްވެ؟

The name is already taken The name is available. Register?

އެލް ސަންޗޯ

15 December 2020

މާލޭ މީހުންނަށް މާލެ އިން ބިން ދޭންވީ. އެކަމު ހުޅުމާލެ އަކީ މާލެ އެެއް ނޫން އިނގޭތޯ. އަހަރުމެން ރާއްޖެތެރޭ މީހުންގެ ރަށް ކައިރި އޮންނަ ފަޅުރަށް ވެސް، ފަޅު ވެސް ނުވޭ އަހަރުމެންގެ ރަށަކަށް. ގޯތިވެސް ނުލިބޭ ކައިރި އޮންނަ ރަށަކުން.

The name is already taken The name is available. Register?

ހަސަނު

15 December 2020

މާލޭ ރަށްވެހިންނަށް މާލެއިން، އެހން ރަށްރަށުގެ މީހުންނަށް އެ ރަށަކުން ހިލޭ ބިން ލިބެން ޖެހޭ...

The name is already taken The name is available. Register?

ވަތުބަތާނަ

15 December 2020

މާލެ ވިޔަސް އަތޮޅު ތެރެވިޔަސް ދައުލަތުގެ ނުވަތަ ކުންފުންޏަކުން ޚަރަދުކޮށްގެން ހިއްކާ ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިބިން ވަކި ބަޔަކަށް ހިލޭ ދެވިގެން ނުވާނެ

The name is already taken The name is available. Register?

ހުސެން މާލެ

16 December 2020

ރަށްރަށުގައި ޚަރަދުކޮށްގެން ހިއްކާ ބިން ގޯތި ދެނީ ހިލޭ. އެ މައްސަލައަކަށް ނުވޭ

The name is already taken The name is available. Register?

މާލެއަކީކޮބާ؟

15 December 2020

މާލެގެ ވަކި އައިޑެންޓިތީއެއް ނެތް. ޢެއީ ހަމަ ދިވެހިން. ދެން ބިން ހައްގުވަނީ ކޮން ޙަމައަކުންބާ؟

The name is already taken The name is available. Register?

މަކީޓާ

15 December 2020

ކީއްވެ މާލޭ މީހުނަށް ހިލޭ ބިން ނުދޭންވީ؟ ރާއްޖެތެރޭ ހުރިހާ ރަށަކުންވެސް ބިންލިބެނީ ހިލޭ. ގާނޫނު ކުރިމަތީގަ އެންމެން ހަމަހަމަ ވާންޖެހޭއިރު އެއްވެސް ސަރުކާރަކުން މިކަމުގަ ހަމަހަމަކަމެއް ނުގެންގުޅޭ.

The name is already taken The name is available. Register?

އުނޭސް

15 December 2020

ބަލަގަ ރާއްޖެތެރޭ ރަށްރަށުން ގޯތި ކަނޑާފަ ހިލޭ ދެނީ އެއް ނޫންތް މީހުންނަށް!

The name is already taken The name is available. Register?

އަނީސް މާލެ

15 December 2020

ދެން ހިލޭ ނުދީ ވިއްކަންވީ އެންނު. ގަންނަންވެސް ނުލިބިގެން މިއުޅެނީ. އަހަރެމެން މިތިބީ ލާރި ދައްކާފައިވެސް ގަންނަ ގޮތަށް. ވަކި އަގެއް ކިޔާބަލަ ސަރުކާރަށް ގެއްލުން ނުވާނެ. ބިޑަށް ލީމައި ބިންކޮޅު ގަންނަނީ މާލެ އަދި ރާއްޖެތެރޭގެ ފައިސާވެރިން.

The name is already taken The name is available. Register?

ޙަސަ

15 December 2020

ށަރުކާރަށް ކޮން ގެއްލުމެއްވަނީ؟ ސަރުކާރުގަ ނެތް ހިލާ މަސައްކަތް ކުރާ އެކަކުވެސް ހަމަ ބޮޑު މުސާރަނަގާ. ޙުރިހާ ހަރަދެއް ދަނީ ރައްޔިތުންގެ ބައިތުލްމާލުން. ޜައްޔިތުންގެ ޓެކުސް ފައިސާ އާއި އެކި ގޮތްގިތުން ގައުމަށް ލިބޭ އާމްދަނީ

The name is already taken The name is available. Register?

ނިކަ މެތި ރައްޔިތު މީހާ

16 December 2020

ނުހަދާނެ ތިހެނެއް. ސަރުކާރުން ބޭނުންވަނީ ބިޑަށްލައިގެން ގިނަ ލާރި. ބޮޑުއަގު ދޭ މީހާއަށް ވިއްކާނީ. ބޯހިޔާވެހިކަން ހައްލު ނުވެގެން އުޅެނީ ސަރުކާރުތަކުން ރައްތިތުންނަށް އަގަލެއް ނެތީ މަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454