ރިޔާސީ އިންތިޚާބަށް އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކުރިމަތިލެއްވީ ފަސް އަހަރުގެ ދައުރަކަށް ކަމަށާއި ދޮޅު އަހަރު ފަހުން އޭނާ އިސްތިއުފާ ނުދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު މުހައްމަދު ފަޔާޒް (އެފްއޭ) މިއަދު ވިދާޅުވެއްޖެ އެވެ.
ފަޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިބޫ އާއި އޭނާގެ ރަނިން މޭޓް، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފައިސަލް ނަސީމް، ކޯލިޝަންގެ ކެންޑިޑޭޓުންގެ ހައިސިއްޔަތުން ވެރިކަމަށް ވަޑައިގަންނަވާއިރު، ކޯލިޝަން އޮތީ ފަސް އަހަރުގެ ދައުރަކަށް ވައުދުވެފައި ކަމަށެވެ.
"އެއްވެސް ހާލެއްގައި ދޮޅު އަހަރު ފަހުން، އިބޫ އިސްތިއުފާއެއް ނުދެއްވާނެ. އަދި އެއްވެސް ޕާޓީއެއްގެ ލީޑަރެއްގެ ނުފޫޒު ވެސް ރައީސަކަށް ނޯންނާނެ،" ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަދި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި ފަޔާޒް ވިދާޅުވި އެވެ.
އިބޫ ވެރިކަން ކުރައްވާނީ ދޮޅު އަހަރަށްތޯ ނުވަތަ ފަސް އަހަރަށްތޯ އުފައްދާ ސުވާލަށް ފާޑުވިދާޅުވެ ރައީސް އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވެފައި ވަނީ އިދިކޮޅު ޕާޓީތަކުން އެކުލަވާލާނީ ދޮޅު އަހަރުގެ ވެރިކަމެއް ނަމަ، ދެން އޭގެ ފަހުން ސިފަވާނީ ކާކުގެ މޫނުތޯ އެނގުމަކީ ރައްޔިތުންގެ ހައްގެއް ކަމެވެ. އެކަން ސާފުކޮށްދޭން އެމަނިކުފާނު ވަނީ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަށް ވެސް ގޮވާލައްވައިފަ އެވެ.
އަންނަ ރިޔާސީ އިންތިޚާބަށް ފަހު ދޮޅު އަހަރުގެ މުއްދަތަކަށް އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމަށް ހިމެނީ އެމްޑީޕީގެ މެނިފެސްޓޯގަ އެވެ. އިދިކޮޅު ފަރާތްތަކުން ގުޅިގެން ރިޔާސީ އިންތިޚާބަށް ނުކުންނަ އިރު، އެކުލަވައިލާ މެނިފެސްޓޯ މިހާތަނަށް އައި އިރު، ހާމަކޮށްފައެއް ނުވެ އެވެ.
އެމްޑީޕީގެ މެނިފެސްޓޯގައި ބުނެފައި ވަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ދޮޅު އަހަރު ވާނީ ރައްޔިތުން އިތުބާރު ކުރާ، މިނިވަން މުއައްސަސާތަކެއް ބިނާ ކުރާނެ ދުވަސްތަކަކަށް ކަމަށެވެ. އަދި އެއީ، ގިނަ ސިޔާސީ ޕާޓީތަކަކަށް ގާނޫނީ ހައިސިއްޔަތު ލިބޭނެ ދުވަސްތަކަކަށް ވާނެ ކަމަށް ވެސް މެނިފެސްޓޯގައި ވެ އެވެ. އެކަމަކު، ރިޔާސީ އިންތިޚާބަށް އެމްޑީޕީން އިދިކޮޅު އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާއިރު، ދޮޅު އަހަރުގެ ސަރުކާރެއް އެކުލަވައިލުމާ މެދު އެ ކޯލިޝަންގެ ބައެއް އިސް ވެރިންގެ ހިޔާލު ތަފާތެވެ.