ރައްޔިތުންގެ މަޖިލީހުގެ 2014 ގެ އިންތިޚާބުގައި ވެސް ފ. ނިލަންދޫ ދާއިރާ ޝައުގުވެރި އެވެ. އެ ގޮނޑި، މިހާރުގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ކާމިޔާބު ކުރެއްވީ، ބޮޑުބޭބެ، އަބްދުލްމުހްސިން ހަމީދު (ޖޭފޯ)އާ ވާދަކުރައްވައި އެންމެ ވޯޓަކުން ކުރި ހޯއްދަވައިގެންނެވެ.
އެޕްރީލް 6 ގައި އޮންނަ އިންތިޚާބުގައި ވެސް އެ ދާއިރާގައި އޮތީ އެ ދެ ބޭފުޅުންގެ ކުރިމަތިލެއްވުމެކެވެ.
ޚަލީލް މެމްބަރު ކަން ހޯއްދެވީ، އޭރު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަ އެވެ. ޕީޕީއެމްގެ ކެންޑިޑޭޓަކީ އޭރު ޖޭފޯ އެވެ. މިފަހަރު އޭގެ އިދިކޮޅެވެ. ޕީޕީއެމްގެ ޓިކެޓްގައި ޚަލީލް ކުރިމަތިލައްވާ އިރު ޖޭފޯ ނުކުންނަވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.
ކުރީގެ އިންތިޚާބުގައި ނިލަންދޫ ދާއިރާގެ ވޯޓާ މެދު ޝައްކު އުފެދި ގިނަ ޝަކުވާތަކެއް ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަނުން އަލުން ގުނަން ވެސް ޖެހުނެވެ. އެ ޝައްކު ފިލައި ގޮނޑި ކަށަވަރުވީ، އެއް ވޯޓު ޚަލީލްގެ ކޮޅަށް ބުރަވެގެންނެވެ.
ދެ ބޭފުޅުން ނިސްބަތްވަނީ، ނިލަންދޫގެ އެންމެ ބޮޑު އެއް އާއިލާ އަށް ކަމަށް ވުމުން، މި އިންތިޚާބުގައި ވެސް ރަށުގެ ވޯޓު ދެ ފަޅި އަށް ބެހިގެންދާނެ އެވެ.
ދެ ބޭފުޅުންގެ އިތުރުން ނިލަންދޫ ދާއިރާ އަށް ދެ މީހަކު ކުރިމަތިލަ އެވެ. އެއީ، މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ފުލުހުންގެ ކުރީގެ ސްޕޯކްސް ޕާސަން އިސްމާއިލް އަލީ އާއި އަދާލަތު ޕާޓީގެ ކެންޑިޑޭޓެކެވެ. މަޖިލީހުގެ ހުރިހާ ގޮނޑިތަކަށް ކުރިމަތިލާން ނިންމި އެމްޑީޕީން ދޫކޮށްލި ހަމައެކަނި ދާއިރާ އަކީ ވެސް މި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އެ އަތޮޅުން އަޣުލަބިއްޔަތު ވޯޓު ލިބިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ.