ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް މެމްބަރަކު އަޑުގަދަ ކުރައްވައި، ޖަލްސާ ކުރިއަށް ގެންދަން އުނދަގޫވާ ހިސާބަށް ދިއުމުން އޭނާގެ ނަން އިއްވުމުން މަޖިލިހުގެ ތަޅުން ދޫކުރައްވަން ދެކޮޅު ހައްދަވައިފި އެވެ.

މިއަދުގެ ޖަލްސާ ކުރިއަށް ގެންދަން އުނދަގޫވާ ވަރަށް އަޑުގަދަ ކުރުމުން، ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް އިއްވެވީ ކެލާ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފްގެ ނަމެވެ.

ޝަރީފް އަޑުގަދަ ކުރެއްވީ އަފީފް ރިޔާސަތުގައި އިންނެވީ ގަވައިދާ ހިލާފަށް ކަމަށާއި އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވެ އެވެ. އަފީފް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަވަނީ އިސްލާމީ އުސޫލުތަކާ ހިލާފަށް ކަމަށް ވެސް ޝަރީފު ވިދާޅުވާ އަޑު އިވެ އެވެ.

"އިސްލާމީ އުސޫލުތައް އެކަންޏެއް ނޫނޭ، ގަވައިދަށް ވެސް ހުރުމަތްތެރިކޮށް ހިތަން ޖެހެޔޭ،" ޝަރީފަށް ރައްދު ދެއްވަމުން ރިޔާސަތުގައި އިންނެވި އަފީފް ވިދާޅުވި އެވެ.

މަޖިލިހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ޝަރީފްގެ ނަން އިއްވަވައި މަޖިލިހުގެ ތަޅުން ދޫކުރައްވައި ވަޑައިގަތުމަށް ރިޔާސަތުން އެންގި ނަމަވެސް އެ އެންގުމަށް ޝަރީފް ތަބައެއް ނުވި އެވެ. އިތުރަށް އަޑުގަދަކުރައްވައި، އެހެން ބައެއް މެންބަރުންގެ ބަހުސްގެ ވަގުތަށް ހުރަސް އެޅުއްވި އެވެ.

ނަމަވެސް މިއަދުގެ ޖަލްސާ މެދުކަނޑައެއް ނުލަ އެވެ.

އިއްޔެ ބޭއްވި ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ވެސް ޝަރީފް ވަނީ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް އަޑު އުފުއްލަވައިފަ އެވެ. އެ ޖަލްސާގައި ވެސް ޝަރީފާއި އެމްޑީޕީގެ ބައެއް މެންބަރުންގެ ނަން އިއްވުމުން ތަޅުމުން ނުކުމެވަޑައިނުގެން ވަޒީރުންނަށް ހާއްސަ ގޮނޑިތަކުގައި އިށީނދެވަޑައިގެން ތިއްބެވީ އެވެ.

ނަން އިއްވާ މެންބަރުން މަޖިލިހުގެ ތަޅުމުން ނުނިކުންނަ މައްސަލައިގައި ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ވެސް ފާޅުކުރައްވައިފަ އެވެ. މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ މަޖިލިހުގެ ތަޅުމަށް ސިފައިން ވައްދައިގެން ވިޔަސް މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮތް އޮތުމަށް ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

"ސަލާމަތީ ގޮތުން ކުރަން ޖެހޭ ކަންކަން ނުކުރާ ކަމަށް ވަންޏާ، މިތަން މިހާރު ބަތްކައްކާ ކުޅޭ ތަނަކަށް މި ވަނީ،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްކޮޅު ޑިފެންސް މިނިސްޓަރު ކަން ކުރެއްވި އާދަމް ޝަރީފް ވިދާޅުވި އެވެ.

ނަޝީދު އިއްޔެ ވިދާޅުވީ ގަވައިދާ ހިލާފުވީ ނަމަވެސް، މަޖިލިހުގެ ތަޅުމަށް ސިފައިން ވައްދައިގެން އެއްވެސް މެންބަރަކު ތަޅުމުން ނުނެރޭނެ ކަމަށެވެ.