މާލޭގެ އަމީނީމަގުގެ މަރާމާތުގެ މަސައްކަތް މާދަމާ ފަށަން ހަމަޖެހިފައިވާތީ އެ މަގުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފި އެވެ.
ފުލުހުން ބުނީ އަމީނީމަގު މަރާމާތްކުރުމުގެ މަސައްކަތުގެ ފުރަތަމަ ސެގްމެންޓް ފެށުމަށް ހަމަޖެހިފައިވާތީ މިރޭ 12:00 އިން ފެށިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނާނެ ކަމަށެވެ.
ފުލުހުން ބުނީ، ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން، ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށް އަމީނީމަގު އެއްކޮށް ބަންދުކުރާނެ ކަމަށެވެ.
މި ބަދަލާ އެކު ދެން އެ އިއްޒުއްދީން މަގުން އަމީނީމަގަކަށް ނުނިކުމެވޭނެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މަގު ހެދުމުގެ މަސައްކަތް ފަށަނީ މާދަމާ އެވެ.އަދި އެ މަސައްކަތް ނިމޭނެ ތާރީހަކީ މި މަހުގެ 28 ކަމަށް ވާތީ އެ ދުވަހާ ހަމައަށް މަގު ބަންދުވާނެ ކަމަށް ބުންޏެވެެ.
ފުލުހުން ވަނީ އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފައިވާތީ، އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް މިރޭ 12:00 ގެ ކުރިން ނަގަން އަންގައިފަ އެވެ. އެކަމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ވެސް ފުލުހުން މާފަށް އެދިފައިވެ އެވެ.
"މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް މި ފުރުސަތުގައި ޝުކުރު ދަންނަވަމެވެ. އަދި މި ބަދަލުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މާފަށް އެދެމެވެ." ފުލުހުން ބުނެފައިވެ އެވެ.
އަމީނީމަގުން ބަންދުކުރާ ސަރަހައްދަކީ ހޮސްޕިޓަލާއި ވެސްޓް ޕާކް ސަރަހައްދަށް ބަސް ދަތުރުކުރާ ވެސް މަގެވެ. މަގު ބަންދުކުރުމުން ބަސް ރޫޓަށް އަންނާނެ ބަދަލުތަކެއް އަދި އާންމެއް ނުކުރެ އެވެ.
މަގު ހަދާއިރު، ހަތަރުފުރޮޅުލީ އުޅަނދަށް ބަންދު ސަރަހައްދުތަކާއި އެހެން އުޅަނދުތަކަށް ބަންދު ސަރަހައްދުތައް ވެސް ފާހަގަކޮށް ފުލުން ވަނީ ޗާޓެއް ނެރެފަ އެވެ.
ތާރު އަޅައިގެން ހަދާފައިވާ އަމީނީމަގުގެ އެކި ތަންތަނުން ތާރުގަނޑު އުފުލި އެ މަގުގައި ބޮޑެތި އަޑިގުޑަންތައް ވަނީ ހެދިފަ އެވެ. އެހެންވެ، އެ މަގު މަރާމާތުކުރުމުގެ މަސައްކަތް އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީން ޖޫން މަހުގެ 15 ގައި އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.
މަރާމާތުގެ ކުރިން ކުރަންޖެހޭ ސާވޭގެ މަސައްކަތް ވެސް އެ ކުންފުނިން ވަނީ މިދިޔަ ހަފްތާގައި ނިންމައިފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްގެން އަމީނީމަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށީ ޖުލައި 2022 ގަ އެވެ. ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މަސައްކަތް އެ ވެރިކަން ނިމުނު އިރު އެއްކޮށް ފުރިހަމަނުވެ އޮއްވައި އެންމެ ފަހު ބައި ހަދައި ހުޅުވީ 2024 ވަނަ އަހަރުގެ ކުރީކޮޅު އެވެ.
އެ މަގުގެ އެކި ހިސާބުތަކުގައި ތާރުގަނޑު ވަރަށް ބޮޑަށް ހަލާކުވެގެން މިދިޔަ އަހަރު ވެސް ބައެއް ހިސާބުތައް މަރާމާތުކުރަން ޖެހުނެވެ. އެ މަގުގެ އެންމެ ފަހުން ހެދި ސަރަހައްދު، ދިވެހިރާއްޖޭގެ އަޑުން ފެށިގެން ބޮޑުތަކުރުފާނު މަގާ ހިސާބަށް އޮތް ބައިގެ ތާރުގަނޑު ވެސް މިހާރު އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އެކި ހިސާބުތަކުން ތާރުގަނޑު މައްޗަށް އުފުލިފައި އޮތުމުން ދުއްވާ މީހުންނަށް އޭގެ ނުރައްކާ ކުރިމަތިވެފައިވާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.