ހއ. އިހަވަންދޫ އައިސް ޕްލާންޓް ތެރޭގައި މަރާލި އިސްމާއިލް އުމަރު (އިއްސެ) ގެ މަރުގެ މައްސަލާގައި އޭނާގެ ގާތިލް ސުމޮން މިއާ މަރަން ހުކުމް ކުރިތާ ހަތަރު އަހަރު ފަހުން، އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރުމުގެ ޝަރީއަތް ހައި ކޯޓުން މިއަދު ފަށައިފި އެވެ.
ޖޫން، 2017 ގައި ޅ. ހިންނަވަރަށް ނިސްބަތްވާ އިއްސެ މަރާލާފައި އޮއްވައި ފެނުނީ އޭނާ މަސައްކަތް ކުރަމުންދިޔަ އިހަވަންދޫ އައިސް ޕްލާންޓް ތެރޭގަ އެވެ. އެ މައްސަލާގައި މަރަން ހުކުމްކުރީ އޭނާއާ އެކު އެތަނުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސުމޮންގެ މައްޗަށެވެ.
އެ މައްސަލާގައި ސުމޮންގެ މައްޗަށް ކުށް ސާބިތުވެ، އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މާޗް، 2022 ގަ އެވެ. އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން 2022 ވަނަ އަހަރު ދައުލަތުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލާގެ ޝަރީއަތް ފެށީ މިއަދު އެވެ.
މިއަދުގެ އަޑުއެހުމުގައި، ސުމޮންގެ ފަރާތުން އެދުނީ ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސައިދިނުމަށެވެ. އެހެންވެ، އެ ފުރުސަތު އޭނާއަށް ދިނުމަށްފަހު މިއަދުގެ އަޑުއެހުން ވަނީ ނިންމާލައިފަ އެވެ.
ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަބްދުލްމާނިއު ހުސައިންގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އެވެ. އެ ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ރައޫފެވެ.