ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ކިންގް"ގެ ފުރަތަމަ ލަވަ ކަމަށްވާ "ތޫ މިލް ޖާއޭ" ރިލީޒްކުރިތާ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ޔޫޓިއުބުގައި އެކަނިވެސް 36.3 މިލިއަން ވިއުސް ހޯދައި، އިންޑިއާގެ ފިލްމީ ތާރީޚުގައި އެއް ދުވަސް ތެރޭ އެންމެ ގިނަ މީހުން ބެލި ފިލްމީ ލަވައިގެ އާ ރެކޯޑް ގާއިމުކޮށްފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ޝާހުގެ 61 ވަނަ އުފަންދުވަހާ ދިމާކޮށް މިދިޔަ ހޯމަ ދުވަހު ނެރުނު މި ލޯބީގެ ލަވައަށް ޑިޖިޓަލް ހުރިހާ ޕްލެޓްފޯމްތަކަކުން 24 ގަޑިއިރު ތެރޭގައި 60 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ. މީގެ އިތުރުން، ޔޫޓިއުބުގައި މި ލަވައަށް ވަނީ 430،000 އަށް ވުރެ ގިނަ ލައިކްސް ލިބިފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ރެކޯޑް ކުރިން އޮތީ ވެސް ޝާހުގެ އަތުގަ އެވެ. އެއީ 2023 ވަނަ އަހަރު ނުކުތް "ޖަވާން"ގެ މަޝްހޫރު ލަވަ "ޒިންދާ ބަންދާ" ފުރަތަމަ ދުވަހު ހޯދި 34.6 މިލިއަން ވިއުސްގެ ރެކޯޑެވެ.

"ތޫ މިލް ޖާއޭ" އިން މި ރެކޯޑް މުގުރާލުމުގެ އިތުރުން "އަދިޕުރުޝް"ގެ "ޖޭ ޝްރީ ރާމް" (32.2 މިލިއަން ވިއުސް) އަދި "ރާމް ސިޔާ ރާމް" (32.1 މިލިއަން) ކަހަލަ ބޮޑެތި ލަވަތަކުގެ ރެކޯޑުތައް ވެސް ވަނީ ފަހަތަށް ޖައްސާލައިފަ އެވެ.

މި ލަވައިން ދީޕިކާ ޕަޑުކޯން ހާއްސަ ފެނިލުމަކުން ފެންނައިރު، މިއީ "އޯމް ޝާންތި އޯމް" އާއި "ޗެންނާއީ އެކްސްޕްރެސް" އާއި "ހެޕީ ނިއު އިޔާ" އާއި "ޕަތާން" އަދި "ޖަވާން" އަށް ފަހު ޝާހު އާއި ދީޕިކާ އަނެއްކާ ވެސް ސްކްރީނުން އެކުގައި ފެންނާނެ ފަހަރެކެވެ.

އަރިޖީތު ސިންގް އަދި މަދޫބަންތީ ބަގްޗީ ކިޔާފައިވާ މި ލަވައިގެ މިއުޒިކް ތައްޔާރުކުރީ ސަޗިން-ޖިގަރެވެ.

ސިއްދާތު އާނަންދު ޑައިރެކްޓްކޮށް، ރެޑް ޗިލީސް އެންޓަޓެއިންމަންޓާއި މާފްލިކްސް ޕިކްޗާސް ގުޅިގެން އުފައްދާ "ކިންގް" ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު 24 ގަ އެވެ.

މި ފިލްމުގައި ޝާހުގެ ދަރިފުޅު ސުހާނާ ޚާން، އަބީޝެކް ބައްޗަން، ރާނީ މުކަރްޖީ، ޖެކީ ޝްރޯފް އަދި އަރްޝަދް ވަރްސީ ވެސް މުހިންމު ރޯލުތަކުން ފެންނާނެ އެވެ.