ޑްރަގުގެ ފަރުވާއަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ޖާގައިގެ މައްސަލަ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ޗެއާޕާސަން އަހުމަދު ސިއްދީގު ވިދާޅުވެއްޖެ އެވެ.
ކ. ހިންމަފުށީގައި ތަރައްގީކުރާ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ އާ އިމާރާތުގެ ބިންގާ އެޅުމަށް މިދިޔަ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ސިއްދީގު ވިދާޅުވީ އަލަށް އިމާރާތް ކުރެވޭ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރާއެކު ޑްރަގް ފަރުވާއަށް އޮތް މައްސަލަ ހައްލުވާނެ ކަމަށެވެ.
ޑްރަގުގެ ފަރުވާ ބޭނުންވާ މީހުންނަށް އެކަށީގެންވާ ރަނގަޅު ފަރުވާ ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަ ކުރައްވައި، އޭނާ ވިދާޅުވީ ބިންގާ އެޅި އިމާރާތުގެ މަސައްކަތް ނިމުމާއެކު ފަރުވާ ބޭނުންވާ މީހުންނަށް ފޯރުކޮށްދޭނީ އެންމެ އެކަށީގެންވާ ފުރިހަމަ ފަރުވާ ކަމަށެވެ.
"މި އިމާރާތް ނިމުމާއެކު ރައްޔިތުންނަށް އިހުސާސް ކުރެވޭނެ މި ސަރުކާރުން ރައްޔިތުންނަށް މަސައްކަތްތަކެއް ކޮށްދީފިކަން. ސަރުކާރުން އަމަލީ ގޮތުން މަސައްކަތް ކޮށްގެން ރައްޔިތުންނަށް އިހުސާސްވާ ކަންތައްތަކެއް ކޮށްގެން ނަތީޖާ ނެރެވޭކަން ފެންނާނެ،" ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
"މިތަނުން ރަނގަޅު ފަރުވާ ލިބި، ހެޔޮލަފާ ދަރިންތަކެއްގެ ގޮތުގައި މުޖުތަމައަށް ނިކުތުމަކީ އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަސް. އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކުރާ އުންމީދެއް. ޑްރަގުގެ މައްސަލައަކީ މިޖުތަމައުގަ އޮތް އެންމެ ބޮޑު އެއް މައްސަލަ. މި މައްސަލައަށް ހައްލު ހޯދުމަށްޓަކައި މިއަދު މި ފެށި ދަތުރު އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ."
ހިންމަފުށީގައި ބިންގާ އެޅި އިމާރާތަކީ 500 މީހުންނަށް އެއްފަހަރާ ފަރުވާދެވޭ ގޮތަށް އިމާރާތްކުރާ 5 މިލިއަން ޑޮލަރު ހަރަދުކުރާ އިމާރާތެކެވެ. ހޯމް މިނިސްޓްރީން ބުނީ އެ މަޝްރޫއަށް ހަރަދު ކުރަނީ އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑުން ކަމަށެވެ.
އެ އިމާރާތުގެ ބޮަޑުބައި އަޅަން ނިންމާފައިވަނީ، މިހާރުގެ ރިހިބިލިޓޭޝަން ސެންޓަރު ހުރި އިމާރާތް ހުރި ހުސް ބިމުގަ އެވެ.
އަލަށް ހަދާ ރިހެބިލިޓޭޝަން ސެންޓަރުގެ އިމާރާތުގައި ހިންމަފުށީ ރައްޔިތުންނަށް ވެސް ހިދުމަތް ލިބޭނެހެން އެކުލެވޭ ހެލްތް ފެސިލިޓީއަކާއި ސްކިލް ޑިވެލޮޕްމެންޓް އަދި ކައުންސިލިންގެ ހިދުމަތް ލިބެން ހުންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ހިންމަފުށީގައި މިހާރު ހުންނަ އިމާރާތަކީ 174 މީހުންނަަަަަށް ފަރުވާދެވޭ ފެސިލިޓީއަކަށް ވީނަމަވެސް، އެ އިމާރާތް ބާވެ ހަލާކުވުމުގެ ސަބަބުން މިހާރު އެތަނުގައި ފަރުވާ ދެވެނީ ގާތްގަނޑަކަށް 80 މީހުންނަށެވެ.