ޓޫރިސްޓުންތަކެއް ރިސޯޓަށް ދިއުމަށް ލޯންޗަށް އަރަނީ: ކޮވިޑްގެ އާ ވޭރިއަންޓާ ގުޅިގެން ރާއްޖޭގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން މިއަދު ފަށާފައި.--- ފޮޓޯ: ނިޝާން އަލީ/މިހާރު
27 ނޮވެމްބަރ 2021 - 18:56
ކޮވިޑްގެ އާވޭރިއަންޓް، "އޮމްކްރޯން" އިން ރައްކާތެރިވުމަށް އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ހަތް ގައުމަކުން ރާއްޖެ އަށް މީހުން އެތެރެވުން ސަރުކާރުން މަނާކޮށްފި އެވެ.
މިރޭ ދަންވަރު 12 އިން ފެށިގެން ވަކި ގޮތެއް އަންގަންދެން ރާއްޖެ އަށް މީހުން އެތެރެވުން މިވަގުތަށް މަނާކުރީ [ދިވެހިންނާއި ވޯކްޕާމިޓް އޮންނަ މީހުން ނުހިމެނޭ ގޮތަށް] ސައުތު އެފްރިކާ، ނަމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބުވޭ، އެސްވާޓިނީ އިންނެވެ.
އެޗްޕީއޭ އިން ކުރި އިއުލާނެއްގައި ބުނީ، ރާއްޖެ އަށް އައުމުގެ 14 ދުވަސް ކުރިން އެ ގައުމުތަކުގައި އުޅެފައިވާ މީހުންނާއި 12 ގަޑިއިރަށް ވުރެ ގިނަަ އިރު ވަންދެން ޓްރާންސިޓް ވެފައި އަންނަ މީހުން ވެސް މި ވަގުތަށް ރާއްޖެ އަށް އައުން މަނާވާނެ ކަމަށެވެ.
ރާއްޖެ އައުމުގެ 14 ދުވަސް ކުރިން އަދި 12 ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން އެ އިން ގައުމެއްގައި ޓްރާންސިޓް ވެފައި އަންނަ ދިވެހިންނާއި ވޯކް ވިސާ އޮތް މީހުން ނަމަ 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަން ޖެހެ އެވެ. އެ މީހުން ކަރަންޓީނުން ދޫކޮށްލާނީ އެޗްޕީއޭ އިން ބުނިގޮތުގައި 14 ދުވަހަށް ފަހު ހަދާ ކޮވިޑް ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުންނެވެ.
ސައުތު އެފްރިކާ، ނަމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބުވޭ، އެސްވާޓިނީ އިން ރާއްޖެ އަށް މީހުން އެތެރެވުން މަނާކުރިއިރު، ރާއްޖެ އަށް އަންނަން ދަތުރު ފަށާފައިވާ މީހުންނާއި މިދިޔަ 14 ދުވަހުގެ ތެރޭގައި އެ ގައުމުތަކުން އައިސްފައިވާ މީހުން ވަކި ގޮތަކަށް އަމަލު ކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ މިވަގުތަށް ޕީސީއާރު ޓެސްޓު ހެދުމާއި 14 ދުވަސް ނުވަތަ އެ އަށް ވުރެ ގިނަ ދުވަސް ރާއްޖޭގައި ހޭދަކުރާ މީހުން ނަމަ 14 ދުވަސް ހަމަވުމުން އިތުރު ޕީސީއާރު ޓެސްޓެއް ހެދުމާއި 14 ދުވަހަށް ވުރެ ކުރު މުއްދަތެއް ހޭދަކުރާ މީހުން ފުރުމުގެ ކުރިން ޓެސްޓު ހެދުމެވެ.
ކޮވިޑްގެ އާވޭރިއަންޓް، "އޮމްކްރޯން" އާ ގުޅިގެން އެޗްޕީއޭ އިން ފިޔަވަޅުތަކެއް އެޅިއިރު، ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހެނދުނު ވިދާޅުވެފައިވެ އެވެ.
ރައީސްގެ ޓްވީޓުގައި ވިދާޅުވީ ރާއްޖޭގައި 50 އަހަރުން މަތީގެ މީހުންނަށް ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ދެމުން އަންނަ ކަމަށެވެ. އަދި މި ހަފުތާގެ ތެރޭގައި ސިއްހީ ދާއިރާ އާއި ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އިތުރުން އެއާޕޯޓްގެ ޕްރޮންޓްލައިން ސްޓާފުނަށް ވެސް ބޫސްޓާ ޑޯޒް ދޭން ފެށޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އާބާދީ އަށް ބޫސްޓާ ޑޯޒް ދިނުމުގެ މަސައްކަތް ފެށޭނީ އަންނަ މަހުގެ މެދު ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަށް މީހުން
28 November 2021
އެއީ ކޮން 8 މީހުނެއްބާ؟
ށަވިޔަނި
28 November 2021
ނިންމުމަށް ތާއީދު. އަދި އިތުރަށް ސަމާލުވާންޖެހޭ. އިތުރު ފިޔަވަޅުތައްވެސް އަޅަންވީ.
ޖާބެ
27 November 2021
ތިގައުމު ތަކުގެ މީހުން ކޮވިޑް ފެސިލިޓީއަކަށް ބޭނުން ކޮށްލަން މިތަން ކަމުދާނެ
ޓޫޓީ
27 November 2021
ކުރެވޭނީ މަސައްކަތް. އެކަމު އެއްވެސް އިރެއްގަ ކޮވިޑަކީ ސީދާ އެ އުޅޭ ކަމަށް ބުނާ ގައުމުތަކުން އެކަނި އަންނަ އެއްޗެއް ނޫން. އަދި އެއީ އެ ފެންނައިރު އެތައް ތަނަކަށް މާ ކުރިން ދަތުރުކޮށް ނިންމާފަ އޮންނަ އެއްޗެއް.
ޑައޮޓީ
27 November 2021
ވަރަށް ފުރިހަމަ ލިސްޓެއް، މީހުން ނާންނަ ގައުމުތަ ބަލާފަ ލިސްޓް އެކުލަވާލާފަ މިއޮތީ.
މަމޮޅު
27 November 2021
ބޮޑުވަޒީރުގެ ހުވަފެންފުޅުގައި ވަނީ ކިހިނެތްބާ؟
ލޯރެންޓު ކަބީލާ
27 November 2021
އިންޑިޔާގާ ކިތޭވަރަށްއޮތަސް އިންޑިޔާ އިސްތިސްނާނުވާނެ، އެހެންނޫންތޯ؟