ކުޅޭ އެއްޗެހި އުފައްދާ ޑެންމާކްގެ މަޝްހޫރު ކުންފުނި ލެގޯ ގްރޫޕުން ވިއެޓްނާމްގައި ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރިއަށް ގެންދަން ނިންމައިފި އެވެ

އެ ކުންފުނިން ނިންމާފައި ވަނީ ލެގޯގެ އުފެއްދުންތަކަށް ހާއްސަ ފެކްޓްރީއެއް ހޯ ޗީ މިން ސިޓީއާ ކައިރި ހިސާބެއްގައި ގާއިމުކޮށް، ލެގޯގެ އުފެއްދުންތައް އޭޝިއާގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭން މިހާރު ކުރާ މަސައްކަތްތައް އިތުރަށް ފުޅާކުރުމެވެ.

އޭޝިއާ އިން ލެގޯގެ އުފެއްދުންތަކަށް އޮންނަ ޑީމާންޑް ބޮޑުވަމުން ދިއުމާ އެކު ވިއެޓްނާމުގައި ބިލިއަން ޑޮލަރަށް ވުރެ ބޮޑު ހަރަދެއްކޮށްގެން ހިންގާ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނީ އަންނަ އަހަރުގެ ތެރޭގަ އެވެ. އަދި އެ ގައުމުގައި ހަދާ ލެގޯގެ ފެކްޓްރީ ނިންމައި، އޮޕަރޭޝަނަށް ގެންނާނީ 2024 ގަ އެވެ.

ވިއެޓްނާމްގައި ކުންފުނީގެ ފެކްޓްރީއެއް ހަދަން ނިންމި އިިރު، މީގެ ފަސް އަހަރި ކުރިން ޗައިނާގައި ވެސް ލެގޯގެ ފެކްޓްރީއެއް ހަދާފައިވެ އެވެ.

ލެގޯގެ ޗީފް އޮޕަރޭޓުން އޮފިސަރު (ސީއީއޯ) ކާސްޓެން ރަޒްމުޒެން ވަނީ ކުންފުނީގެ މަޝްރޫއަށް ވިއެޓްނާމް ސަރުކާރުންދޭ އެހީތެރިކަމާއި އެއްބާރުލުމަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ގައުމުގައި ހަދާ ލެގޯ ފެކްޓަރީ ވާނީ ކުންފުނީގެ ފުރަތަމަ ކާބަން ނިއުޓްރަލް ފެކްޓްރީއަށެވެ.

"އެތަނަށް ބޭނުންވާ ހުރިހާ ހަކަތައެއް އުފައްދާނީ އިޔާދަކުރަނިވި ހަކަތައިން. އެހެންވީމަ މިއީ ތިމާވެއްޓާ ވެސް ވަރަށް ރައްޓެހިކޮށް ކުރެވޭ މަސައްކަތަކަށް ވާނެ." ކާސްޓެން ވިދާޅުވި އެވެ. "ޖުމްލަކޮށް ވިއެޓްނާމް ފެކްޓްރީ ވާނީ އަހަރެމެންގެ ގްލޯބަލް ސަޕްލައި އަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ތަނަކަށް."

ތިން އަހަރު ފަހުން ފެކްޓަރީ އޮޕަރޭޝަނަށް ގެންނަ އިރު، އެތަނުގެ ސަބަބުން ވިއެޓްނާމްގައި ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު ވެސް ހުޅުވިގެން ދާނެ އެވެ. އެގޮތުން ކުރިއަށް އޮތް 15 އަހަރުގެ ތެރޭގައި ލެގޯގެ ސަބަބުން ވިއެޓްނާމުގައި 4،000 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެން ދާނެ އެވެ.

ކާސްޓެން ވިދާޅުވި ގޮތުގައި އޭޝިއާގެ ގައުމެއްގައި ލެގޯގެ އިތުރު ފެކްޓަރީއެއް ހަދަން ނިންމީ ޑިމާންޑާ އެއްވަރަށް ސަޕްލައިކޮށްދީ، ހިދުމަތްތައް އަވަސްކުރުމުގެ ގޮތުންނެވެ.

"އާ ފެކްޓްރީގެ ސަބަބުން ލެގޯގެ ޕްރޮކްޑަކްޓްތައް ހޯދަން ފަސޭހަވެ އަވަސްވެގެންދާނެ،" އޭނާ ވިދާޅުވި އެވެ. "މީގެ ސަބަބަން ހަގީގަތުގައި ޝިޕިން އަށް ނަގާ މުއްދަތާއި އޭގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަވެގެން ދާނެ." އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ޓޯއި ކުންފުނީގެ ގޮތުގައި މިހާރު ފާހަގަކުރެވޭ ލެގޯ ވުޖޫދަށް އައީ މީގެ 72 އަހަރު ކުރިން 1949 ގަ އެވެ.