އެއާޕޯޓުން 18 ކިލޯގެ ޑްރަގާ އެކު ހައްޔަރުކުރި ބްރެޒިލްގެ ދެ މީހުންގެ ތެރެއިން ބަންދުގައި ހުރި މީހާ އޭނާގެ ލަގެޖުން ޑްރަގް ފެނުނު ކަމާ މެދު ކްރިމިނަލް ކޯޓުގައި ސުވާލު އުފައްދައިފި އެވެ.

މިދިޔަ މަހުގެ ކުރީކޮޅު ޑްރަގާ އެކު ރާއްޖެ އައިތަނުން އެއާޕޯޓުން ހައްޔަރުކުރީ ބްރެޒިލް ދެ މީހުން ކަމަށްވާ ކްރިސްޓިއާނޯ ސިލްވާ، 28، އަދި ނައިރު ނޫނޭސް ޑިސޫޒާ، 37 އެވެ. މި ދެ މީހުންގެ ތެރެއިން ޑްރަގް ފެނުނީ ކްރިސްޓިއާނޯގެ ލަގެޖުންނެވެ. ނައިރުއާ ގުޅުވާލެވޭ ހެއްކެއް ނެތިގެން އޭނާ ދޫކޮށްލާފައިވާއިރު، މިއަދު ކްރިސްޓިއާނޯގެ ބަންދު އަޑުއެހުމެއް ވަނީ ބާއްވައިފަ އެވެ.

ކްރިސްޓިއާނޯގެ ފަރާތުން ބުނެފައި ވަނީ އޭނާ ގެންގުޅުނީ ކަޅު ކުލައިގެ ލަގެޖެއްކަން އިމިގްރޭޝަންގެ ސީސީޓީވީ ފޫޓޭޖަަށް ބެލުމުން އެނގޭ އިރު ޑްރަގް ފެނުނު ލަގެޖަކީ އަޅި ކުލައިގެ ލަގެޖެއް ކަމަށެވެ.

އޭގެ އިތުރުން، ރާއްޖެއިން ބޭރުގައި ލަގެޖުގެ ބަރުދަން ބެލި އިރު ހުރީ 17 ކިލޯ ކަމަށާއި ނަމަވެސް ރާއްޖެއިން ބެލި އިރު ހުރީ 22 ކިލޯ ކަމަށް ބުނެ، ސުވާލު އުފެއްދި އެވެ. އެހެންކަމުން ފުލުހުން ޑްރަގް ހޯދި ލަގެޖަކީ އޭނާގެ ޖަގެޖެއް ނޫން ކަމަށް ގަބޫލުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް ބުނެފައިވެ އެވެ.

ބަންދުގައި އިތުރަށް ބެހެއްޓޭނީ އާ ހެއްކެއް އޮވެގެން ކަމަށްވާއިރު މިއަދު ދައުލަތުން ހުށަހެޅި ކަސްޓަމްސްގެ ހާދިސާ ރިޕޯޓަކީ އާ ހެއްކެއް ނޫން ކަމަށް ވެސް އޭނާގެ ފަރާތުން ބުނެފައިވެ އެވެ. އެހެންނަމަވެސް، ފުލުހުން ބުނެފައި ވަނީ އެއީ އާ ހެއްކެއް ކަމަށް ބެލެވޭނެ ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ ޑްރަގް ފެނުނު ފޮށީގެ ބަރުދަނުގައި 22 ކިލޯ ހަމަ ނުވާ ކަމަށެވެ. އަދި ޕެނިކާއެކު ޑްރަގްގެ ބަރުދަނުގައި ހުރީ 18 ކިލޯ ކަމަށާއި ޕެނިކާ ނުލައި 15 ކިލޯ ކަމަށެވެ. އެހެން ގައުމަކުން ބަރުދަން ބެލި އިރު ކުޑަ ތަފާތެއް އައިސްފައި ވުމަކީ ޑްރަގް ފެނުނު ލަގެޖަކީ އެހެން ލަގެޖެއް ކަމަށް ބެލެވޭނެ ކަމެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

ކުލައިގެ ތަފާތު ކަމެއް ހުރި ކަމަށް ކްރިސްޓިއާނޯގެ ފަރާތުން ބުނި ނަމަވެސް، ޑްރަގް ފެނުނު ލެގެޖުގައި ތަތްކޮށްފައި ހުރީ އޭނާގެ ޓެގްކަން ފުލުހުން ފާހަގަ ކުރި އެވެ.

ތުހުމަތު އުފެދޭ ވަރަށް ހެކި ހުރެފައި، ކްރިސްޓިއާނޯ ފިލައިފާނެ ކަމަށް ބެލެވޭތީ އަދި އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ގާޒީ އަލީ ނަދީމް ނިންމެވީ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރާށެވެ.

މި މައްސަލައިގައި އަތުލައިގަތް ޑްރަގްގެ މަގުމަތީ އަގު 94 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.