ރާއްޖޭގެ ސިޔާސީ މަޝްވަރާތައް ބޭރު ގައުމެއްގައި ބާއްވަން ޖެހޭ ސަބަބެއް ނެތް ކަމަށާއި އެފަދަ ހުށަހެޅުމެއް އަދި ލިބިފައި ނުވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ސިޔާސީ ޕާޓީތަކާ އެކު މިދިޔަ މަހު މަޝްވަރާތައް ފަށަން ނިންމާފައި އޮތަސް، އެ މަޝްވަރާތައް އަދިވެސް ނުފަށަ އެވެ. ސަރުކާރުން އެންމެ ފަހުން ބުނެފައި ވަނީ މަޝްވަރާތައް ނުބާއްވަން ނިންމާފައި ނުވާނެ ކަމަށާއި އެކަން ލަސްވަނީ ބައެއް ޕާޓީތަކުގެ އެއްބާރުލުން ނުލިބިގެން ކަމަށެވެ. އެހެންވެ، ހުރިހާ ޕާޓީތަކުން މަޝްވަރާތައް ކުރިއަށް ގެންދަން އެއްބާރުލުން ދިނުމަށް ސަރުކާރުން ވަނީ ގޮވާލައިފަ އެވެ.

ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ މިއަދު "މިހާރު" އަށް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އަދިވެސް ނަންތަކެއް ނުފޮނުވާ ކަމަށެވެ. އެހެންވެ، މަޝްވަރާތައް ކުރިއަށް ގެންދެވޭ ގޮތް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޭރުގެ ބައެއް ގައުމުތަކުން މިހާރު މަސައްކަތް ކުރަމުން އަންނަނީ، އެނގިފައިވާ ގޮތުގައި، ސަރުކާރާއި ޕާޓީތަކުގެ އޮފިޝަލުން ބޭރު ގައުމެއްގައި ބައްދަލުކޮށް، މަޝްވަރާކުރެވޭތޯ އެވެ. އެ ގޮތުން، އަވަށްޓެރި ސްރީ ލަންކާގެ އިތުރުން، މޯލްޓާގައި މަޝްވަރާތައް ބޭއްވޭތޯ ވެސް މަސައްކަތް ކުރަމުން އަންނަކަން އެނގިފައިވެ އެވެ.

މޯލްޓާގައި މަޝްވަރާތައް ބޭއްވުމާ މެދު މާ ބޮޑު ތަފްސީލެއް ނުލިބުނަސް، "މިހާރު" އަށް އެނގިފައިވާ ގޮތުގައި ލަންކާގައި ހުންނަ ބޭރުގެ ބައެއް އެމްބަސީތަކުން ވަނީ ލަންކާގައި މަޝްވަރާތައް ބާއްވައިދިނުމަށް އެ ގައުމުގެ ސަރުކާރަށް ހުށަހަޅައިފަ އެވެ. ރާއްޖެއަށް އދ. އިން ކަނޑައަޅާފައިވާ މަންދޫބު ތަމްރަތު ސެމިއުލްގެ އިތުރުން، ރާއްޖޭގެ ކަންކަން ބޮޑަށް ދެނެވަޑައިގަންނަވާ ލަންކާގެ މަންދޫބެއްގެ ހައިސިއްޔަތުން އެ ގައުމުގެ ކުރީގެ ރައީސް ޗަންދުރިކާ ކުމާރަތުންގަ ވެސް މި މަޝްވަރާތަކުގައި ބައިވެރިކުރަން ހުށަހަޅާފައިވާ ކަމަށްވެ އެވެ.

ލަންކާ ސަރުކާރުން ވަނީ، އެނގިފައިވާ ގޮތުގައި، އެކަމަށް އެއްބަސްވެފަ އެވެ. އެކަމަކު، ލަންކާ އިން ބޭރުގެ މިޝަންތަކަށް އަންގާފައި ވަނީ އެކަން ކުރެވޭނީ ދިވެހި ސަރުކާރުން އެއްބަސްވާ ކަމަށްވާ ނަމަ ކަމަށެވެ.

ބޭރުގެ ފަރާތްތަކުން އިސް ނަގައިގެން ލަންކާ މެދުވެރިވެގެން، މި ހުށަހެޅުން ދިވެހި ސަރުކާރަށް މިހާރު ހުށަހަޅާފައިވާކަން ވެސް ވަނީ އެނގިފަ އެވެ. އެއީ ރާއްޖޭގެ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް މި މަހުގެ ކުރީކޮޅު ލަންކާ އަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު މަންގަލަ ސަމަރަވީރައާ އެކު ބޭއްވި ބައްދަލުވުމުގައި ކަމަށްވެ އެވެ.

އެކަމަކު ޝައިނީ ވިދާޅުވީ އެފަދަ ހުށަހެޅުމެއް ސަރުކާރަށް ލިބިފައިވާކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އެ ކަހަލަ ވިސްނުމެއް ބޭރުގެ ފަރާތްތަކުން ގެންގުޅުނަސް، އެއީ އެންމެ އެދެވޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނުވިސްނޭ ރާއްޖޭގެ ސިޔާސީ ކަންކަމާ ގުޅޭ ގޮތުން ލަންކާގައި މަޝްވަރާ ކުރަން ޖެހޭ ސަބަބެއް،" ޝައިނީ ވިދާޅުވި އެވެ.

މަޝްވަރާތައް ފަށަން މަސައްކަތް ކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައި ވިިޔަސް، އަދިވެސް ކުރިއެރުމެއް ލިބޭ ގޮތެއް ނުވެ އެވެ. ތަމްރަތު އެންމެ ފަހުން ވަޑައިގެން ވެސް، ވަކިވަކި ފަރާތްތަކާ އެކު ބައްދަލުކުރައްވައި "ޕްރޮކްސީ ޓޯކްސް" ބާއްވަން މަސައްކަތް ކުރެއްވިޔަސް، އެކަމުން ވެސް މާ ބޮޑު ކުރިއެރުމެއް ނުލިބުނެވެ.

އެންމެ ފަހުން މަޝްވަރާތަކަށް ހުރަސް އެޅުނީ މަޝްވަރާގައި ބައިވެރިވާނެ މަންދޫބުން އެ ޕާޓީއެއްގެ ކައުންސިލުން ފާސްކުރަން ރައީސް އޮފީހުން އެދުމުންނެވެ. މަޝްވަރާތަކަށް އެއްވެސް ޝަރުތެއް ކަނޑަނާޅާނެ ކަމަށް ސަރުކާރުން ބުނެފައި ފަހުން އެގޮތަށް އެންގުމުން އެއީ ސަރުކާރުގެ އިހުލާސްތެރިކަން ނެތުން ކަމަށް ބުނެ، އެމްޑީޕީ އާއި އަދާލަތު ޕާޓީން މަޝްވަރާތަކުގައި ބައިވެރިކުރާނެ ބަޔަކު ވެސް އަދި ކަނޑަނާޅަ އެވެ.

އޭގެ އިތުރުން ޕީޕީއެމް ދެ ބަޔަކަށް ބެހުމުން، އެ ޕާޓީން މަޝްވަރާތަކުގައި ބައިވެރިކުރާނެ ބަޔަކާ މެދު ވެސް ދެބަސްވުން އުފެދުނެވެ. ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން ކުރިން ވަނީ ޕާޓީތަކުގެ މަޝްވަަރާތަކަށް ފާރިސް މައުމޫނާއި މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)ގެ ނަން ފޮނުވައިފަ އެވެ. އެކަމަކު ކޯޓު އަމުރަކަށް ފަހު ޕީޕީއެމް ހިންގުން ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރުމުން އެމަނިކުފާނުގެ ފެކްޝަނުން މަޝްވަރާތަކަށް ނެގީ އަހުމަދު ނިހާނާއި އަބްދުއްރަހީމް އަބްދުﷲ އެވެ.