ފުލުހުން ކުރިއަށް ގެންދާ ޑްރަގް އޮޕަރޭޝަނެއްގައި ހުޅުމާލެ އިން ކާރެއްގެ ތެރެއިން އިއްޔެ ހޯދި 91 ޕެކެޓް ހެރޮއިންގެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް އިއްޔެ އެއް ދުވަސް ދިނުމަށް ފަހު މިއަދު 14 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފި އެވެ.

މި މައްސަލާގައި ތުހުމަތުކުރެވެނީ ގދ. ހޯނޑެއްދޫ އަލޯރާގޭ އަހްމަދު މުޖާހިދަށެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ގާޒީ މުހައްމަދު މިސްބާހު ބަންދަށް ދެއްވީ އެންމެ ދުވަހަކެވެ. އެއީ ތުހުމަތުވާ މީހާ އަށް ގާނޫނީ ވަކީލެއްގެ އެހީ ލިބުމުގައި ލަސްވި ކަމަށް ބުނެ ކުރި ޝަކުވާތަކަކާ ގުޅިގެންނެވެ. ވަކީލަކާ އެކު ބަންދު މަޖިލީހަށް ހާޒިރުވި މުޖާހިދުގެ ބަންދަށް އެންމެ ދުވަހެއް ދިނީ ވަކީލަކު ހަމަޖެހިފައި ނުވާ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމާ ބެހޭ ގޮތުން ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއާތުގެ ގަވައިދުގައި އޮންނަ މާއްދާއާ ހަވާލާ ދީފަ އެވެ.

ނަމަވެސް މިއަދު ކޯޓަށް ހާޒިރުކުރުމުން ބަންދަށް 14 ދުވަސް ވަނީ ދީފަ އެވެ. އެގޮތަށް ނިންމަވައި ގާޒީ އިސްމާއިލް ޝަފީއު ނެރުއްވި އަމުރުގައިވާ ގޮތުން މަސްތުވާތަކެތި ފެނުނު ކާރުގައި މުޖާހިދު ދަތުރުކުރިކަން އަންގައިދޭ ފޮޓޯތަކެއް ފުލުހުން ކޯޓަށް ހުށަހަޅާފައިވެ އެވެ. އަދި އެ ކާރުގައި މުޖާހިދުގެ ދަރިފުޅުގެ ވަރަށް ފަހުގެ މެޑިކަލް ޑޮކިއުމެންޓެއް ވެސް އޮތް ކަމަށާއި އެއީ ކުއްޖާގެ ބެލެނިވެރިޔާގެ އަތުގައި ނޫނީ އޮތުން ނާދިރު އެއްޗެއް ކަމަށް ބެލެވޭ ކަމަށް ވެސް އަމުރުގައިވެ އެވެ.

ހުޅުމާލެއިން ފެނުނު ޑްރަގްސްގެ ބަރުދަނުގައި 91 ކިލޯ ހުންނާނެ ކަމަށް ބެލެވެ އެވެ. މި އެއްޗެހި ފެނުނީ މާލެއިން ޓެކްސީއެއް ހުއްޓުވައި އެއިން ވެސް ތިރީހަކަށް ކިލޯ ޑްރަގްސް ހޯދައި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގަ އެވެ.

ފުލުހުން ހުއްޓުވި ކާރުން މުޖާހިދުގެ ދަރިފުޅުގެ މެޑިކަލް ލިޔެކިޔުންތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާއާއި ކާރާ އޮތް ގުޅުން އަންގައިދޭ ބައެއް ފޮޓޯތައް ވެސް ކޯޓަށް ހުށަހަޅާފައިވެ އެވެ.

އޭނާ އަކީ މީގެ ދުވަސްކޮޅެއް ކުރިން އަތުލައިގަނެ ދައުވާކުރި، ހޯނޑެއްދޫ ގިނަ ބަޔަކު ހިމެނޭ ޑްރަގް ނެޓްވޯކެއްގެ ބަޔަކާ ގުޅުން އޮންނަ މީހެއް ކަމަށް ތުހުމަތުކުރެވެ އެވެ. އެ ނެޓްވޯކުގެ ހުރިހާ ބޮޑުން ވަނީ ކުށް ސާބިތު ނުވެ ސަލާމަތްވެފަ އެވެ.