ވިޔަފާރި / ރާއްޖެ-ޔޫއޭއީ

"އިއްތިހާދު އެއާވޭސް އަކީ ރާއްޖޭގެ އިގްތިސާދުގައި މުހިންމު ބައިވެރިއެއް"

އިއްތިހާދު އެއާވޭސްގެ ދަތުރުތައް ރާއްޖެ އަށް ފެށިތާ ފަސް އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ބޭއްވި ހަފްލާގައި ކޭކެއް ފަޅަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

12 ޑިސެމްބަރ 2016 - 13:40

އިއްތިހާދު އެއާވޭސް އަކީ ރާއްޖޭގެ ތަރައްގީ އާއި އިގްތިސާދުގައި މުހިންމު ބައިވެރިއެއް ކަމަށް އެ އެއާލައިނުން މިއަދު ބުނެފި އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ގައުމީ އެއާލައިން ކަމަށްވާ އިއްތިހާދުގެ ދަތުރުތައް ރާއްޖެ އަށް ފެށިތާ ފަސް އަހަރު ފުރުން ފާހަގަކުރުމަށާއި އެ އެއާލައިންގެ އާ އޮފީސް ހުޅުވުމަށް ހޮޓެލް ޖެންގައި ބޭއްވި ހަފްލާއެއްގައި، އިއްތިހާދުގެ ކަންޓްރީ މެނޭޖަރު ހަސަން އަލް ހާޝިމީ ވިދާޅުވީ ނޮވެމްބަރު 2011 ގައި ރާއްޖެ އަށް ދަތުރުތައް ފެށުމަށް ފަހު، އެ އެއާލައިންގެ އޮޕަރޭޝަން ރާއްޖޭގައި ވަރަށް ބޮޑަށް ފުޅާކޮށްފައިވާ ކަމަށެވެ. އެގޮތުން، މިހާރު ކޮންމެ ދުވަހަކު ރާއްޖެ އަށް ފްލައިޓްތައް އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެ އަށް ޓޫރިސްޓުން އުފުލުމުގައި އިއްތިހާދުން ވަރަށް މުހިންމު ރޯލެއް ކުޅޭ ކަމަށެެވެ. އަދި ދިވެހިންގެ މެދުގައި ވެސް އިއްތިހާދަކީ ވަރަށް މަގުބޫލް އެއާލައިނެއް ކަމަށާއި އެ އެއާލައިންގެ މަގުސަދަކީ ދިވެހިންނާއި ދުނިޔެ ގުޅުވައިދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެ އެއް ހެއްކެއް، ވޯލްޑް ޓްރެވަލް އެވޯޑްސްގައި މިދިޔަ އަށް އަހަރު އެންމެ ރަނގަޅު އެއާލައިންގެ އެވޯޑް އަޅުގަނޑުމެންނަށް ލިބުމަކީ،" ހަސަން ވިދާޅުވި އެވެ.

އިއްތިހާދު އެއާވޭސްގެ ދަތުރުތައް ރާއްޖެ އަށް ފެށިތާ ފަސް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި އެ އެއާލައިންގެ ކަންޓްރީ މެނޭޖަރު ހަސަން އަލް ހާޝިމީ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވަނީ އިއްތިހާދުގެ އޮޕަރޭޝަން ރާއްޖޭގައި ކުރިއަށް ގެންދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި ގްރައުންޑް ހޭންޑްލިން ޕާޓްނަރު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އިއްތިހާދުގެ އާ އޮފީސް ހުންނަނީ މާލޭގައި ހުންނަ އިންޑިއާގެ އެމްބަސީ ކައިރިން ކަންމައްޗަށް ވާ ގޮތަށެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ޔޫއޭއީން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަބްދުލް ހާމިދު އަބްދުލް ފައްތާހު ވިދާޅުވީ އާ އޮފީހުގެ ސަބަބުން ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އޭވިއޭޝަންގެ އިތުރުން، ދެ ގައުމުގެ ރައްޔިތުންގެ ދެމެދު އޮންނަ ގުޅުން ބަދަހިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިއްތިހާދު އެއާވޭސްގެ ދަތުރުތައް ރާއްޖެ އަށް ފެށިތާ ފަސް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހާމިދު ވިދާޅުވީ ރާއްޖެ އަކީ ޓޫރިސްޓުންގެ މެދުގައި ދުނިޔޭގައި ވެސް އެންމެ މަގުބޫލް މަންޒިލް ކަމަށާއި ގަލްފުގެ ގައުމުތަކުގެ ޓޫރިސްޓުންގެ މެދުގައި ވެސް ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް މަޝހޫރު ވެފައިވާ ކަމަށެވެ.

"އިއްތިހާދުގެ އާ އޮފީހުގެ ސަބަބުން، ގަލްފުން ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކަށް އިތުރަށް ފަސޭހަވެގެން ދާނެ ކަމަށް އުއްމީދުކުރަން،" އޭނާ ވިދާޅުވި އެވެ.

އިއްތިހާދުގެ ދަތުރުތައް ރާއްޖެ އަށް ފެށިތާ ފަސް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، މިއަދުގެ ހަފްލާގައި ކޭކެއް ވެސް ފެޅި އެވެ. އަދި އިއްތިހާދުގެ އާ ޖެނެރަލް ސޭލްސް އެެޖެންޓެއް ވެސް ވަނީ ހަމަޖައްސައިފަ އެވެ. ލަންކާގެ ކުންފުންޏަކާ ގުޅިގެން ރާއްޖޭގައި އެ ހިދުމަތް ދެނީ އޭވިއޭޝަން ސާވިސަސް ލިމިޓެޑުންނެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454