ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވެރިކަމުން ދުރުކުރުމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިންޑިއާއިން ނުފޫޒު ފޯރުވި ކަމަށް އެމަނިކުފާނު މިއަދު ތުހުމަތު ކުރައްވައިފި އެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް"ގެ ނަމުގައި ޕީޕީއެމް އާއި ޕީއެންސީން ކުރިއަށް ގެންދާ ކެމްޕޭނުގައި ފ.ނިލަންދު އަށް މިއަދު ވަޑައިގެން، ބޭއްވި އެއްވުމުގައި ޔާމީނު ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު މަސްލަހަތަކީ ރިިޔާސީ އިންތިހާބަށް، ބޭރުގެ ނުފޫޒު އަންނަން ޖާގަނުދިނުން ކަމަށެވެ. ބޭރުގެ ނުފޫޒަަށް ޖާގަ ދީފި ނަމަ އެ ނުފޫޒަކުން ދެން ސަލާމަތް ނުވެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ޝައިތާނާއާ ގުޅިއްޖެ މީހަކު، ޝައިތާނާ އަތުން ދުލެއް ނުކޮށްލެވޭ. އެހެން ނޫންތޯ؟ އެކަން އޮންނަނީ އެހެން. އެހެންވީމާ އެ ހިސާބުގައި އަަޅުގަނޑުމެންގެ ބައެެއް ވެރިން މިހާރު މިތިބީ. ބަޔަކު އަތުގައި ހިފައިގެން މިތަނަށް އައިސް، އެ މީހުން ބޭނުންވާ ކަންތައްތަކެއް ކޮށްދޭނަމޭ ބުނެ، އެ މީހުންގެ އެހީތެެރިކަމާ އެެކީ ވެރިކަމާ ހަމައަށް އާދެވުނީމާ ދެން ނެތެއްނޫންތޯ އެމީހުން ދޫކޮށްލާފައި ދެވޭކަށް؟ ދަންނަވަންތޯ، މިމީހުން ހަމަ މި މީހުންގެ އަނބިން ދޫކޮށްލިޔަސް އިންޑިއާ އަތުން ދޫކޮށްލެވޭނެ ގޮތެއް ނޯންނާނެ،" ޔާމީނު ވިދާޅުވި އެވެ.
ނުސީދާ ގޮތެއްގައި އެމަނިކުފާނު ތުހުމަތު ކުރެއްވި ގޮތުގައި ރިޔާސީ އިންްތިހާބުގެ ފަހުން، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ހޯދަން ވެސް އިންޑިއާއިން ނުފޫޒު ފޯރުވި އެވެ.
"މިއީ ދޫކޮށްލެވޭނެ ކަމެއް ނޫން،" ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް "އިންޑިއާ ދޫކޮށް ނުލެވިގެން އުޅެނީ" އެމަނިކުފާނުގެ ވެރިކަން ބަދަލުކުރަން، 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސުޕްރީމްކޯޓުން ނެރުނު ހުކުމާ ހަމައިން ކަމަށެވެ.
ސަރުކާރާ އިންޑިއާއާ ދެމެދު މިހާރު އޮތް ގުޅުން އެމަނިކުފާނު ސިފަކުރެއްވީ "ކަނޑުމަތި އެޅުން" ފަދަ ކަމެއްގެ ގޮތުގަ އެވެ.
އިންޑިއާ އައުޓް ކެމްޕޭނާ ދެކޮޅަށް އެމްޑީޕީގެ ރައީސް އަދި ރައްްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަަޝީދު އިއްޔެ ދެއްކެވި ވާހަކަފުޅަށް ވެސް ޔާމީނު ރައްދު ދެއްވި އެވެ. ނަޝީދު އިއްޔެ ވިދާޅުވީ "މުޅި މޭމަތި ފުރެންދެން އިންޑިއާ އައުޓް" ޖައްސަވައިގެން ކުރީގެ ރައީސަކު ހިންގެވުމަކީ ލަދުވެތިކަމެއް ކަމަށެވެ.
ޔާމީން މިއަދު ވިދާޅުވި ގޮތުގައި އެގޮތަށް ލިޔެގެން ހުތުރުވަންޏާ އިންޑިއާގެ ނަމުގެ ބަދަލުގައި ޗާޓް ނުވަތަ ދިދަ ޖެހިދާނެ އެވެ.