"ބުއްލީ ބާއީ" ކިޔާ އެޕެއްގައި އިންޑިއާގެ މުސްލިމު އަންހެނުންތަކެއް ވިއްކަން އިއުލާންކުރި މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
މިދިޔަ އަހަރު ވެސް "ސުއްލީ ޑީލްސް" ކިޔާ ވެބްސައިޓެއްގައި 100 އާ ގާތްކުރާ އަދަދަކަށް އަންހެނުންގެ ފޮޓޯތަކާ އެކު އެ މީހުންގެ ޒާތީ މައުލޫމާތު ހިމަަނައިގެން އެ މީހުން އޮންލައިންކޮށް ވިއްކަން އިއުލާންކުރި މައްސަލައެއް ފެންމަތިވެ، އެކަން ވަރަށް ހޫނުވި އެވެ.
އެ މައްސަލަ އަދި ކޮޅެއްގައި ނުޖެހި އޮއްވައި "ބުއްލީ ބާއީ" އެޕްގައި ވިއްކާލަން އިއުލާންކުރި މުސްލިމު އަންހެނުންގެ އަދަދު 100 އަށް ވުރެ ގިނަ އެވެ. މިކަންކޮށްފައި ވަނީ އެ މީހުންނަށް ނޭނގި އެވެ.
ވިއްކަން އިއުލާންކުރި އަންހެނުންގެ ތެރޭގައި ނޫސްވެރިންނާއި އެކްޓިވިސްޓުންތަކެއް ވެސް ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ އެ މީހުން ވިއްކާލަން ހަދާފައި ހުރި ޕޯސްޓުތަކުގެ ސްކްރީންޝޮޓްތައް ވެސް ޓުވިޓާގައި އާންމުކޮށްފައިވެ އެވެ.
މި މައްސަލާގައި "ބުއްލީ އެޕް" އާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ 21 އަހަރުގެ ޒުވާނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ވަނަވަރު ހާމަނުކުރި ނަމަވެސް މީޑިއާތަކުން އެެއީ ބެންގަލޫރުގެ ޔުނިވާސިޓިއެއްގައި އިންޖިނިއަރިން ކިޔަވަމުން އަންނަ ދަރިވަރެއް ކަމަށާއި އޭނާ ހައްޔަރުކޮށް ތަހުގީގަށް މިހާރު މުމްބާއީ އަށް ގެންގޮސްފައިވާ ކަމަށެވެ.
"ބުއްލީ އެޕް" އަކީ ގިޓްހަބް މެދުވެރިކޮށް ހޯސްޓްކުރަމުން އައި އެޕެކެވެ. އެ އެޕްގައި މުސްލިމު އަންހެނުންތަކެއް ވިއްކަން އިއުލާންކުރި މައްސަލަ ތަހުގީގުކުރަމުން އަންނަ އިރު ގިޓްހަބުން ބުނީ މިހާރު ފަށާފައިވާ ތަހުގީގާ ގުޅުން ހުރި ކަމަށް ބުނާ މީހާގެ އެކައުންޓް ބުލޮކްކޮށްފައިވާ ކަމަށެވެ. އަދި އަންހެނުންތަކެއް ވިއްކާލަން އިއުލާންކުރުމަކީ އެތަނުގެ އުސޫލުތަކާ ވެސް ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ބުންޏެވެ.
އިންޑިއާގެ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަޝްވިނީ ވައިޝްނާވް ވިދާޅުވީ މުސްލިމު އަންހެނުންތަކެއް ވިއްކާލަން އިއުލާންކުރި މައްސަލަ ސީރިއަސްކޮށް ބަލާނެ ކަމަށެވެ.
ހިންދޫ ދީނުގެ މެޖޯރިޓީ އޮންނަ އިންޑިއާގައި އެ ދީނުގެ ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން މުސްލިމުންނަށް އެތައް ތުރާލެއް ކުރިމަތިކުރުވަ އެވެ.