ފުލުހުންގެ އެކި އޮޕަރޭޝަންތަކުގައި އަތުލައިގެންފައިވާ މަސްތުވާތަކެތި ނައްތާލަނީ. -- ފޮޓޯ: މިހާރު
13 ޖެނުއަރީ 2022 - 06:32
ވައިގެ މަގުން ރާއްޖެއަށް ޑްރަގްސް އެތެރެކުރި ޕާކިސްތާނު ތިން މީހުންގެ ތެރޭގައި ހިމެނޭ އަންހެން މީހާ "އަމިއްލައަށް މަރުވާން ހިތަށްއަރާ" ކަމަށް ކޯޓުގައި ބުނެފައި ވަނީ އޭނާ ރަނގަޅަށް ބަލަހައްޓަން ކްރިމިނަލް ކޯޓުން އަންގައިފި އެވެ.
މިދިޔަ ޑިސެމްބަރު މަހު ހައްޔަރުކުރި ބުސްރާ އަނީސް، 51، ބަންދުގައި ހުންނައިރު ރަނގަޅަށް ބަލަހައްޓަން ގާޒީ ދީބާނާޒް ފަހުމީ އަމުރުކުރެއްވީ ބުސްރާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ ކޯޓަށް ގެންދިއުމުންނެވެ.
ބުސްރާ އަކީ ޕާކިސްތާން ދެ މީހުން ކަމަށްވާ މުހައްމަދު ޔަސީން، 49، އަދި މުނީރް އަޒީޒް، 41، އާ އެކު ހައްޔަރުކުރި މީހެކެވެ. މި ތިން މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 2.485 ކިލޯގްރާމް ހުއްޓެވެ. މި މީހުންގެ ތެރެއިން ބުސްރާގެ ޖަނގިޔާ ތެރެއިން 852 ގްރާމްގެ ހެރޮއިން ފެނިފައިވެ އެވެ. އަދި މުހައްމަދު ޔަސީންގެ ބޫޓު ތެރެއިން 738 ގްރާމް ހެރޮއިން އަދި މުނީރްގެ ބޫޓު ތެރެއިން 895 ގްރާމްގެ ހެރޮއިން، ފެނިފައިވެ އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް ބުސްރާ ކޯޓުގައި އިއުތިރާފް ވެފައި ވިޔަސް އަދި މި މައްސަލާގައި ދައުވާއެއް ނުކުރެ އެވެ. އެހެންވެ އަނެއްކާވެސް ބަންދަށް ވަނީ 15 ދުވަސް އިތުރުކޮށްފަ އެވެ.
ފުލުހުން އިއްޔެ ކޯޓުގައި ބުނެފައިވަނީ ބުސްރާގެ ނަފްސާނީ ހާލަތު ހުރި ގޮތުން ޑޮކްޓަރަށް ދައްކައި ބޭސް ދީފައިވާ ކަމަށެވެ. އަނެއްކޮޅުން ދިފާއުން އެދުނީ ބަލި ހާލަތަށް ބަލައި ބުސްރާ މިނިވަންކޮށް ޑީޕޯޓްކޮށްދިނުމަށެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލަ އަވަހަށް ނިންމަން ކުރި މަސައްކަތް ލަސްވެފައި ވަނީ ބަޔާން ނެގުމަށް ދިފާއީ ވަކީލަށް ހާޒިރު ނުވެވުމުންނެވެ. ކުރިން ވަކީލަކު ހަމަޖައްސައިދިނީ ދައުލަތުން ކަމަށް ވިޔަސް މިހާރު އައްޔަންކޮށްފައިވާ ވަކީލަކީ ބުސްރާގެ ފަރާތުން އަމިއްލައަށް ހަމަޖެއްސި ވަކީލެކެވެ.
ބަލި ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބުސްރާ ބުނެފައިވަނީ އޭނާގެ އާއިލާ އަކީ ވަރަށް ނިކަމެތި ބައެއް ކަމަށާއި އާއިލާ ގާތަށް އަވަހަށް ދާން ބޭނުންވާ ކަމަށެވެ. އެހެންވެ އަވަހަށް މައްސަލަ ނިންމައިދޭން އޭނާ އެދުނެވެ.
މި މައްސަލާގައި ހިމެނޭ ޕާކިސްތާނު މީހުން ގެނައި ޑްރަގްސްއާ ހަވާލުވެފައި ވަނީ ދިވެއްސެކެވެ. ފުލުހުން ހިންގަ ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނުގައި ހައްޔަރުކުރީ ފުވައްމުލަކު މީހެއް ކަމަށްވާ އަބްދުﷲ އާމިރު، 31، އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ވަނީ ޑްރަގާ ހަވާލުވުމަށް ފަހު އެ ގެނައި މީހުންނަށް 3،000 ޑޮލަރު ވެސް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަގީގޭ
13 January 2022
އެކަށީގެންވާ ހެއްކާއި ޤަރީނާނެތިގެން މާލަހެއްނުވެ ދޫކޮށްލަފާނެ. ލަސްވާ ސަބަބު ވިސްނާލާ.
އިއްސެ.
13 January 2022
ޑޮރަޤު ބޯންދީގެން ދިވެހިން މަރާލާފައި ކަލޭ ތިއުޅެނީ އާއިލާ ކައިރިއަށްދާންތަ؟ ލަދު ހަޔާތް ކޮބާ.
މިމީހުން
13 January 2022
ކުށެއް ކުރަން ނިންމާއިރު ކީއްވެބާ އާއިލާއެއް އޮންނަކަން ނުވިސްނަނީ؟ ކަމެއްގަ ހިފުނީމަ ކޮންމެ މީހެއްގެ އާއިލާއެއް އެބައޮވޭ، ބަލި ހާލަތު އެހާ ބޮޑު. ދެން އެއްގޮތަކަށްވެސް ބަންދުކޮށްފަ ބޭތިއްބޭވަރުގެ ބަޔަކަށްނުވޭ. އެހެން މީހުން މި މީހުންނަށް ހަމްދަރުދީވާންޖެހިފަ މިއޮންނަނީ. ހަމައިގަ ތިބޭ މީހުން ހަމައިން ނެއްޓިދާނެ ކުށްވެރިންނަށް ލިބޭ ހައްގުތައް ބޮޑުކަމުން.
ފޮޓޯ ޖަހާބަލަ
13 January 2022
މަސްތުވާތަކެތި އެތެރެކޮށް ބަސްޓުވާ ދިވެހިންގެ ވެސް ފޮޓޯ ޖަހައެވެ. ބިދޭސީން އެކަން ކުރުމަކީ އަދި މާނުބައި ކަމެކެވެ. އެމީހުންގެ ފޮޓޯ ނުޖަހަނީ ކީއްވެގެން ހެއްޔެވެ؟
ވަހީދު
13 January 2022
ރާއްޖޭގެ ޖަލުތަކުގައި ތިބި ގިނަ މީހުންނަކީ ނަފްސާނީ އަދި ޖިސްމާނީ އަދި މާލީ ގޮތުން ވެސް ބަލި މީހުން. އެމީހުންގެ ހާލަތަށް ބަލާފައި އެއެންމެން ދޫކޮށްލަން ފެނޭ.
ބުސްރާ
13 January 2022
ބަލި ހާލަތަށް ބަލައި ދިވެހިންގެ ލާރިން ބޭސްފަރުވާކޮށް ދިވެހިންގެ ލާރިން ޑީޕޯޓް ކުރާކަށް ނުޖެހޭ. އޭނައަށް ލިބެންވާ އަދަބު ދޭންޖެހޭނެ
ޖަޒުބާތު
13 January 2022
އޭނައަށް ނޭގި ތަ މަސްތުވާތަކަތި ރާއްޖެ އަށް އެތެރެ ކުރީ ޖަންގިޔާ ތެރެއަށް ލައިގެން... ހަމަ ހައްޤު އަދަބު ދޭނަޖެހޭ
ބުސުރާ
13 January 2022
ޖަލުގަ 10 އަހަރު ގެންގުޅޭނީ އޭނާގެ ލާރީގަ؟ ކީކޭ ބުނާނީ!
ތަގައްޕާ
13 January 2022
ކުށްކޮށްފަ މަރުވާނެމޭ ބުނީމަ ނިމުނީ