ކޮވިޑް-19 އާ ގުޅިގެން ށ. ފުނަދޫ މޮނިޓަރިންގައި އޮތްކަން އެނގުނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލައި، "އިންޑިއާ އައުޓް" ގެ ނަމުގައި އެރަށުގެ އިދިކޮޅު ސަޕޯޓަރުން ބޭއްވި ހަރަކާތް ނިމެނިކޮށް ކަމަށް ކައުންސިލުން މިރޭ ބުނެފި އެވެ. ފޮނަދޫގައި ބޭއްވި އިންޑިއާ އައުޓް ހަރަކާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެވަޑައިގަތެވެ. ޔާމީން އެ ހަރަކާތުގައި ބައިވެރިވެވަޑައިގަތީ ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމުން ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމްގެ ކެމްޕެއިން ހަރަކާތުގައި ކޮމަންޑޫގައި އުޅުއްވުމަށް ފަހު އެވެ.

ކެމްޕެއިނަށް ޔާމީން އެރަށަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހުމާ އެކު "އިންޑިއާ އައުޓް" ހަރަކާތް ބާއްވަން ނިންމި ނަމަވެސް މިއަދު ހަވީރު ޔާމީން އެރަށަށް ވަޑައިގެންނެވިއިރު އެ ރަށް އޮތީ މޮނިޓަރިންގަ އެވެ. އެ ރަށް އަރައިފޭބުން މަނާ ލިސްޓަށް ލާފައިވާކަމަށް އެޗްޕީއޭ އިން ބުނެފައި ވަނީ މެންދުރު 2:38 ގަ އެވެ. މާލޭގެ މޭޔަރާއި އިދިކޮޅު ލީޑާޝިޕްގެ އިސްވެރިނާ އެކު ޔާމީން އެރަށް ވަޑައިގަތީ ހަވީރު 4:00 ހާއިރު އެވެ.

ފުނަދޫ މޮނިޓަރިންގެ ހާލަތުގައި އޮއްވާ، "އިންޑިއާ އައުޓް" ގެ ނަމުގައި ހަރަކާތެއް ބޭއްވީ ކީއްވެތޯ "މިހާރު" އިން ސުވާލުކުރުމުން ރަށު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހީމްފުޅު ވިދާޅުވީ އެޗްޕީއޭ އިން ރަށް މޮނިޓަރިންނަށް ގެނައިކަން އޭރު ނާންގާ ކަމަށެވެ.

"ފުލުހުންނަށް އެންގީ އިވެންޓް ނިމެން އުޅެނިކޮށް. އެހެންވެ އިވެންޓް ކުރުކޮށްލާފައި އަޅުގަނޑުމެން މިހާރު ރީތިކޮށް ގޭގައި މިތިބީ،" އޭނާ ވިދާޅުވި އެވެ.

ޔާމީން އެރަށުން ފުރާވަޑައިގަންނަވާނީ މާދަމާ ހެނދުނެވެ. މޮނިޓަރިންގައި އޮތް ނަމަވެސް އެމަނިކުފާނު ފުރާވަޑައިގަތުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަށް މޮނިޓަރިންއަށް ލާންޖެހޭ ފަދަ ހާލަތެއް ވެސް ނެތެވެ. ރަށުން ޕޮޒިޓިވްވީ ފްލޫ ކްލިނިކަށް ދައްކައިގެން ޕޮޒިޓިވްވި ދެ މީހަކާއި ކޮންޓެކްޓުވެގެން ކަރަންޓީނުގައި ތިބި ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިރަށަކު ނެތް ކޮމިއުނިޓީ ސްޕްރެޑެއް. އެހެންވީމަ މޮނިޓަރިންނަށް ލާންޖެހޭ ހާލަތެއް ވެސް ނެތް،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ އެގޮތަށް ވިދާޅުވި ނަމަވެސް އާންމުކޮށް ފްލޫ ކްލިނިކަށް ދައްކައިގެން ޕޮޒިޓިވްވާ މީހުންނާ ގުޅިގެން އިތުރު ބަޔަކު ޕޮޒިޓިވްވާ ނަމަ ރަށްރަށް މޮނިޓަރިންއަށް ގެނެ އެވެ. މިވަގުތު 12 ރަށެއް މޮނިޓަރިންގައި އޮތްއިރު އޭގެ ތެރެއިން ފުނަދޫ ހިމެނޭ ގޮތަށް ހަތަރު ރަށް މޮނިޓަރިންއަށްލީ މިއަދު އެވެ.

ފުނަދޫގައި މިއަދު އޮތް "އިންޑިއާ އައުޓް" ހަރަކާތުގައި ގިނަ ބަޔަކު ބައިވެރިވި އެވެ. ގިނަ ބަޔަކު މާސްކް އަޅައިގެން ތިބި ނަމަވެސް އެމީހުންގެ މެދުގައި ތިން ފޫޓުގެ ގައިދުރުކަމެއް ނެތެވެ.

މާލެއެކޭ އެއްގޮތަށް މި ދުވަސްވަރު ކޮވިޑްގެ ހާލަތު މުޅި ރާއްޖޭގައި ވެސް ގޯހެވެ. ރަށްރަށުން ވެސް ގިނަ ބަޔަކު ޕޮޒިޓިވްވަމުންދާތީ އެޗްޕީއޭ އިން ވަނީ މީހުން އެއްވެ އުޅޭ ހަރަކާތްތައް މަދުކުރުމަށާއި ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަމާލުވާން އަންގައިފަ އެވެ. އަދި ބައެއް ފިޔަވަޅުތައް ވެސް ވަނީ ހަރުކަށިކޮށްފަ އެވެ.