ރާއްޖޭގައި ހެދި ޓެސްޓުތަކުން ދެ މީހެއްގެ ގައިން ޒިކާ ވައިރަސް ފެނިފައިވާއިރު އިތުރު މީހުންގެ ގައިން އެ ވައިރަސް ފެނުން އެކަށީގެންވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފި އެވެ.

ރާއްޖެ އައި ތިން ޓޫރިސްޓުންގެ ގައިން ޒިކާ ވައިރަސް ފެނިފައިވާއިރު އެ ބައްޔަށް މާލޭން ޓެސްޓު ކުރި 500 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ދެ ފިރިހެނަކު ވަނީ ޒިކާއަށް ޕޮޒިޓިވް ވެފަ އެވެ.

އެކަމަކު އެ ދެ މީހުންގެ ވެސް ބަލި މިހާރު ވަނީ ފަސޭހަ ވެފަ އެވެ.

ރާއްޖޭން ޒިކާ ފެނުމާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ބައްޔަށް ސްކްރީން ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުގައި ޒިކާ އަށް ޓެސްޓު ކުރަމުން ދާއިރު އެ ސަރަހައްދުތަކުން ބަލި ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މަގްސަދަކީ ހަފުތާއެއްގެ ތެރޭގައި މުޅި ރާއްޖެ ކަވަރު ކުރުން. މިއީ މަދިރީގެ ސަބަބުން ޖެހޭ ބައްޔަކަށް ވުމުން، ރާއްޖޭގެ އެހެން ސަރަހައްދުތަކުން ވެސް ޒިކާ ފެނުން އެކަށީގެންވޭ،" އޮފިޝަލް ވިދާޅުވި އެވެ.

ޒިކާއަކީ ދެނެގަންނަން އުނދަގޫ ބައްޔެކެވެ. ޑޮކްޓަރުން ބުނާގޮތުގައި ޒިކާ ޖެހިފައި ހުރި ނަމަވެސް އެ ދެނެގަނެވެނީ 70 ޕަސެންޓް މީހުންގެ ގައިންނެވެ.

އާއްމު މީހަކަށް މި ބަލި ޖެހުނު ނަމަވެސް މީގެ ނުރައްކާ ފޯރަނީ މާބަނޑު މީހަކަށް ބަލި ޖެހުމުންނެވެ. އަދި ކަންބޮޑުވާން ޖެހެނީ، ބަލި ޖެހިފައި ހުރިކަން ނޭނގި ބަލިވެ އިނދެދާނެތީ އެވެ.

މި ބަލީގެ އަސަރުކޮށްފައިވާ މީހުންނަށް ލިބޭ ދަރިންނަށް މައިކްރޯސެފަލީ ނުވަތަ އެކަށީގެންވާ ވަރަށް ވުރެ ބޯ ކުޑަވެ އައިބުވުމުގެ މައްސަލަ ކުރިމަތިވެ އެވެ. އަދި މިކަމާ ގުޅުން ހުރި ސިއްހީ އެކި މައްސަލަތައް ތަހައްމަލްކުރަން ޖެހެ އެވެ.

ޒިކާ ޖެހިފައިވާ ފިރިހެނެއްގެ ފަރާތުން، އެ ބަލި އޭނާގެ އަނބިމީހާއަށް ފޯރުމުގެ ފުރުސަތު ވެސް އޮވެ އެވެ.

ޒިކާ ބަލި ފެތުރެނީ ޑެންގީ ހުން ޖައްސާ އީޑީސް މަދިރީގެ ޒަރީއާއިންނެވެ. އަދި ބަލި ޖެހުމުން ފެންނަނީ ވެސް ޑެންގީގެ އަލާމާތްތަކެވެ. އެހެންވެ، މި ދުވަސްވަރު އެންމެން ވެސް މަދިރިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.