އެމްޑީޕީގެ އޮފީހުގެ ތެރޭގައި ރައްްޔިތުންގެ މަޖިލީހުގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) އާއި އިތުރު މީހަކަށް ޗޭނުގަނޑަކުން ހަމަލާދިން މުހައްމަދު ޖަޒީލް 15 މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލްގެ މަންމަ މަންދީ އާއި އެ އޮފީހުގައި މަސައްކަތްކުރާ އިތުރު މުވައްޒަފަކަށް ޗޭނުގަނޑަކުން ހަމަލާދީ، މަންދީގެ ބޯ ފަޅައިލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެމްޑީޕީ އޮފީހުގައި މަސައްކަތް ކުރަމުން ދިޔަ ޖަޒީލް، އެ މީހުންނަށް ހަމަލާދިނީ އޭނާގެ މުސާރަ ހިފެހެއްޓުމުން އެކަމާ މެދު ހިތްހަމަނުޖެހިގެން ކަމަށް ބުނެ އެވެ.
ޖަޒީލް ކޯޓުގައި ކުށަށް އިއުތިރާފުވެ، އެކަމަށް މާފަށް އެދުމުން ކޯޓުން ހުކުމްކުރީ 15 މަހާއި އަށް ދުވަހަށް އޭނާ ޖަލަށްލުމެވެ. އޭނާ ދެ މީހުންނަށް ހަމަލާދީފައިވާތީ ވަކިވަކިން ކުރި ދެ ދައުވާގެ ކުށުގެ އަސާސީ އަދަބަކީ ކޮންމެ ދައުވާއަކަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.
ނަމަވެސް ޖަޒީލް އަދަބު އެ އަށް ވުރެ ދަށްވީ، ކޯޓުގައި ކުށަށް އިއުތިރާފުވެފައި ވާތީ އާއި އޭގެ ސަބަބުން ކޯޓުގެ ވަގުތު ސަލާމަތްވެ، ކޮންމެ ދައުވާއެއްގެ އަދަބުން އަދަބުގެ ދެ ދަރަޖަ ދަށްކުރުމުންނެވެ.