އިންތިހާބުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ދެ މަަހަށް ފަސްކުރި ހުކުމް އިސްތިއުނާފް ކުރަން އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި ފޯމު އިސްލާހު ކުރުމަށް ފަހު އިއްޔެ ހުށަހެޅުމުން އެ މައްސަލަ އެ ކޯޓުން އިއްޔެ ބަލައިގެންފި އެވެ.


ޖެނުއަރީ 14 ގައި ބާއްވަން ނިންމި އިންތިހާބު ސިވިލް ކޯޓުން ދެ މަހަށް ފަސްކުރި ހުކުމް އިސްތިއުނާފް ކޮށްފައިވާ ކަމަށް އިލެކްޝަނުން ބުނެފައިވީ ނަމަވެސް، އިސްލާހު ކުރި ފޯމް އިއްޔެގެ މެންދުރާ ހަމަ އަށް އެ ކޮމިޝަނުން ކޯޓަށް ހުށަހެއް ނާޅަ އެވެ. އާއްމު އުސޫލުގެ ދަށުން ހައި ކޯޓުން މައްސަލަ ބަލައިގަންނަނީ، މައްސަލަ ހުށަހަޅާ ފޯމުގައި ރަނގަޅު ކުރަން އަންގާ ކަންކަން ރަނގަޅުކޮށްފައި އަލުން ހުށަހެޅުމުންނެވެ.

އެއް ގޮތަކުން ބަލާއިރު އިސްތިއުނާފްކުރުން މިހާރު މި އޮތީ ބޭކާރު ކަމަކަށް ވެފަ އެވެ. ސަބަބަކީ ދަށު ކޯޓުގެ ހުކުމް ގޯސް ކަމަށް ހައި ކޯޓުން މިހާރު ނިންމިޔަސް، ޖެނުއަރީ 14 ގައި އިންތިހާބު ބޭއްވުމުގެ ފުރުސަތު ނެތުމެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ހައި ކޯޓުން އެންގި ކަންކަން ފުރިހަމަކޮށްފައި އިލެކްޝަންސް ކޮމިޝަނުން އިއްޔެ ހުށަހެޅުމުން މައްސަލަ މިހާރު ވަނީ ހައި ކޯޓުގައި ރަޖިސްޓްރީކޮށްފަ އެވެ.

އިސްތިއުނާފް ކުރުމަށް އޮންނަ 10 ދުވަހުގެ މުއްދަތު ހަމަވުމާ އެކު އޮންނަ އުސޫލުގެ ދަށުން، ހައި ކޯޓުން އިލެކްޝަންސް ކޮމިޝަނަށް ދެ ވަނަ ފުރުސަތެއް ވެސް ދިނެވެ.

އިންތިހާބުގެ އިސްތިއުނާފް މައްސަލަ ހުށަނާޅައި ދިގު ދެންމި ސަބަބެއް އިލެކްޝަނުން ހާމައެއް ނުކުރެ އެވެ.

ޖެނުއަރީ 14 ގައި ބާއްވަން އުޅުނު އިންތިހާބު ދެ މަހަށް ސިވިލް ކޯޓުން ފަސްކުރީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ހުށަހަޅައިގެންނެވެ.

އެ ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ވާއިރު، އެ ޕާޓީ އަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންތިހާބަށް ތައްޔާރުވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.

ޕީއެމަށް ބައިވެރި ނުވެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހުކުމުގައިވެ އެވެ. ޕީޕީއެމް ދެ ބައި ވީ، ރައީސް ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ބޮޑު ޚިޔާލު ތަފާތުވުމެއްގަ އެވެ.

ރައީސް ޔާމީން ފެކްޝަނުން ބޭނުންވެގެން އިންތިހާބު ފަސްކޮށް، އެތައް ބައެއްގެ ހައްގު ގެއްލިގެންދާ މައްސަލާގައި ސިޔާސީ ޕާޓީތަކުން ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.