އިންތިޚާބާ ބެހޭ ގޮތުން އީސީން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައެއް ނުގަތް

މި މަހު 14 ގައި ބާއްވަން ކުރިން ނިންމި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ދެ މަހަށް ފަސްކުރަން ސިވިލް ކޯޓުން ކުރި ހުކުމުގައި ސާފުނުވާ ކަންކަމަށް އިތުރު ހުކުމެއް ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.


އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އަލުން ހައި ކޯޓަށް މައްސަލައެއް ވެއްދީ، ސިވިލް ކޯޓުން އެ ކޮމިޝަނުގެ މައްޗަށް ކޮށްފައިވާ ހުކުމާ ގުޅިގެން ހުރި ބައެއް ކަންކަމަށް ހުކުމެއް ހޯދަން ކަމަށެވެ. ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް އެ ކޮމިޝަނުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އީސީން ހުށަހެޅި މައްސަލަ ބަލައިނުގަތް ކަން ކަށަވަރުކޮށްދިނުން ފިޔަވައި އިތުރު ތަފްސީލެއް ހައި ކޯޓުން ވެސް ނުދިނެވެ.

ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އިންތިހާބީ ޝަކުވާއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމީ، އެއީ އިންތިހާބީ ޝަކުވާއަކަށް ނުވާތީ، މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިފައި ނުވާތީ އެވެ.

އިންތިހާބާ ގުޅޭ ގޮތުން ހައި ކޯޓަށް އިހްތިސާސް ލިބިގެން ވަނީ، އިންތިހާބުގެ ކަންތައްތަކާ މެދު އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ހުށަހަޅާ މައްސަލަތައް ބެލުމަށް ކަމަށް ވެސް އިލެކްޝަނަށް ކޯޓުން ޖަވާބުދީފައިވާ ކަން ވެސް "މިހާރު" އަށް ވަނީ އެނގިފަ އެވެ.

ސިވިލް ކޯޓުން ދެ މަހަށް އިންތިޚާބު ފަސްކުރީ ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ހުށަހަޅައިގެންނެވެ.

އެ ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ވާއިރު، އެ ޕާޓީ އަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންތިހާބަށް ތައްޔާރުވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.

ޕީޕީއެމަށް ބައިވެރިނުވެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހުކުމުގައިވެ އެވެ.

ޕީޕީއެމް ދެ ބައި ވީ، ރައީސް ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ބޮޑު ޚިޔާލު ތަފާތުވުމެއްގަ އެވެ.