ސިވިލް ކޯޓުގެ ހުކުމުން ސާފުނުވާ ކަންކަމަށް އިތުރު ހުކުމެއް ހޯދަން ހައި ކޯޓަށް

އަންނަ މަހުގެ 14 ގައި ބާއްވަން ކުރިން ނިންމި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ދެ މަހަށް ފަސްކުރަން ސިވިލް ކޯޓުން ކުރި ހުކުމުގައި ސާފުނުވާ ކަންކަމަށް އިތުރު ހުކުމެއް ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.


އިންތިހާބު ފަސްކުރަން ސިވިލް ކޯޓުން ނެރުނު އަމުރު އީސީން ހައި ކޯޓުގައި އިސްތިއުނާފް ކުރި އެވެ. އެކަމަކު އޭގެ ދެ ދުވަސް ފަހުން މައްސަލަ އަނބުރާ ނެގީ، އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި، އިންތިހާބު ބާއްވާނެ އާ ތާރީޚެއް އިއުލާންކުރަން، އިންތިހާބާ ބެހޭ ގައުމީ ލަފާ ދޭ ކޮމެޓީން ލަފާ ދީފައިވާތީ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަލުން ހައި ކޯޓަށް މައްސަލައެއް ވެއްދީ، ސިވިލް ކޯޓުން އެ ކޮމިޝަނުގެ މައްޗަށް ކޮށްފައިވާ ހުކުމާ ގުޅިގެން ހުރި ބައެއް ކަންކަމަށް ހުކުމެއް ހޯދަން ކަމަށެވެ. ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.

އިންތިހާބުގެ އިސްތިއުނާފްގެ މައްސަލަ އަނބުރާ ނެގުމަށް ފަހު ވެސް އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާންކުރުން ލަސްވަމުންދާތީ ސިޔާސީ ޕާޓީތަކުން ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. މި ކަންބޮޑުވުންތަކާ ގުޅިގެން "މިހާރު" އަށް ލިއުމުން ދިން މައުލޫމާތުތަކުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އިންތިހާބު އިއުލާން ކުރެވޭނީ ގާނޫނީ ގޮތުން ސާފުކުރަން ހުރި ކަންކަން ސާފުކުރުމަށް ފަހު ކަމަށެވެ.

އިންތިހާބު ދެ މަހަށް ސިވިލް ކޯޓުން ފަސްކުރީ ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ހުށަހަޅައިގެންނެވެ.

އެ ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ވާއިރު، އެ ޕާޓީ އަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންތިހާބަށް ތައްޔާރުވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.

ޕީޕީއެމަށް ބައިވެރި ނުވެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހުކުމުގައިވެ އެވެ. ޕީޕީއެމް ދެ ބައި ވީ، ރައީސް ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ބޮޑު ޚިޔާލު ތަފާތުވުމެއްގަ އެވެ.