ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ބޭފުޅުންގެ އިންޝުއަރެންސްގައި އަނބި/ފިރިންނާއި ދަރިން ހިމެނުމާ މެދު ގޮތެއް ނިންމަން މަޖިލީހުގައި މިއަދު ބަހުސް ކުރާއިރު، ބޮޑެތި ބަލިތަކުގައި އާއްމުން އަދިވެސް ޖެހެނީ ސަލާންޖަހަން ކަމަށް ބުނެ އަސާންދަ ސްކީމް އިސްލާހު ކުރަން ބައެއް މެމްބަރުން މިއަދު ގޮވާލައްވައިފި އެވެ.
މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅުން ޕްރިމިއަމް ދައްކަވައިގެން، އެ ބޭފުޅުންގެ އާއިލާ އަށް އާސަންދަ ލިބޭނެ ގޮތް ހަމަޖެއްސުމާ މެދު ގޮތެއް ނިންމުމުގެ ބަހުސްގެ ކުރިއަށް ބައެއް މެމްބަރުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެންގެވީ އާސަންދަ ސްކީމުގައި ހުރި މައްސަލަތަކެވެ. އެންމެ ބޭނުން ޖެހޭ މީހުންނަށް ފައިދާ ނުވެ ސަލާންޖަހަން މަޖުބޫރުވެފައި އޮތުން އަދިވެސް ނިމުމަކަށް ނާންނަ ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ، މުޅި ރައްޔިތުންނަށް ހުޅުވާލާފައި އޮތް އާސަންދައިގެ ފައިދާ އެންމެ ފުރިހަމަ އަށް ނުލިބޭ ކަމަށެވެ. ރައްޔިތުންގެ މަންދޫބުކަން ކުރެއްވި ބަޔަކަށް އިންޝުއަރެންސްގެ ހާއްސަކަން ހޯދައިދިނުމަށް ވުރެން ހައްގުކަން ބޮޑީ ނިކަމެތި ރައްޔިތުންނަށް ފުރަތަމަ ހައްލު ހޯދައި ދިނުން ކަމަށް ވިދާޅުވި އެވެ.
"ރަނގަޅު ކުރަންޏާ ކުރަންވީ އާސަންދަ. އަދިވެސް މައްސަލަ އެބަހުރި. ބައެއް ރައްޔިތުން ވަރަށް އުނދަގުލުގައި އުޅެނީ އާސަންދަ ހޯދަން. ނޫން ނަމަ ބޮޑެތި ބަލިތަކުގައި އެންސްޕާ އަށް ސިޓީ ލައިގެން އެ މަސައްކަތް ކުރަން ޖެހުން އަދިވެސް އެބައޮތް،" ޝަފީގް ވިދާޅުވި އެވެ.
"ބައެއް ބޮޑެތި ބަލިތައް ޖެހުނީމާ ސޯޝަލް މީޑިއާގައި ބައެއް ރައްޔިތުން ސަލާންޖަހާ މަންޒަރު އަދިވެސް އެބަ ފެނޭ. މިކަން ހުއްޓުވަން ޖެހޭ."
އޭނާ ވިދާޅުވި ގޮތުގައި އެ ހައްލު ހޯދަން ޖެހެނީ މަޖިލީހުގެ މެމްބަރުންނަށް މިހާރު ފޯރުކޮށްދޭ ހެލްތު އިންޝުއަރެންސް ސްކީމް އުވާލައިގެން ނަމަ އެއީ ވެސް ރަނގަޅު ގޮތެކެވެ.
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ ހުރިހާ ދިވެހިންނަށް އާސަންދަ ހުޅުވާލާފައި އޮތް އިރު، މަޖިލީހުގެ މެމްބަރުންނަށް ބޮޑުކޮށް، ހާއްސަ ސްކީމެއް އޮތުމާ އޭނާ ދެކޮޅު ކަމަށެވެ. ގާނޫނު ބަދަލުކޮށްފައި ދައުލަތުގެ ހުރިހާ އެންމެންނަށް ވެސް ސިއްހީ ފަރުވާގައި ހަމަހަމަކަން ބާއްވައި ދިނުމަށް އޭނާ އެދިވަޑައިގަތެވެ.
ބޮޑު ބައްޔެއް ޖެހިއްޖެ ނަމަ އެންމެންނަށް އެއް އުސޫލެއް ބާއްވާފައި ދައުލަތަށް ހަރަދުބޮޑުވާ ނިޒާމުތައް އިސްލާހުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ގާނޫނު ބަދަލުކޮށް، ޔުނިވާސަލް ސްކީމް، އާސަންދައިގެ ދަށުގައި އެންމެން ހަރަކާތްތެރިވާން އަޅުގަނޑު ބޭނުން،" އޭނާ ވިދާޅުވި އެވެ.
ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވި ގޮތުގައި ހެލްތު އިންޝުއަރެންސްގެ މުޅި ނިޒާމު ރިވިއުކުރަން ޖެހެ އެވެ. ދެގުނަ ތިން ގުނަ ހޭދަ ހިނގަނީ ކޮން ކަންތައްތަކަކަށްތޯ ބަލަން ޖެހެ އެވެ.
"އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެން އެންމެ އުޅެން ޖެހޭނީ ރައްޔިތުންނެކޭ އެއްގޮތަށް. ނިޒާމުގެ ތެރެއިން ލިބެންޖެހޭ ބެނެފިޓެއް ލިބުނީމާ އެ ނިމުނީ. އަޅުގަނޑު ވެސް ގަބޫލުކުރަން އާސަންދަ އިސްލާހުކުރަން ޖެހޭ ކަަމަށް. ވަރަށް ބޮޑަށް ރަނގަޅުކުރަން ޖެހޭ،" ސަލީމް ވިދާޅުވި އެވެ.
"ބައެއް ބަލިތަކަށް ރައްޔިތުން ހޭދަކުރަން ޖެހި ބޮޑެތި ތަކުލީފު އުފުލަން ޖެހޭ. ނިޒާމު ރިފޯމްކުރަން ޖެހޭ."
މިސާލެއްގެ ގޮތުގައި ސަލީމް ނެންގެވީ ދަރިމައިވުމުގެ މައްސަލަތައް ރާއްޖޭގައި އިންތިހާ އަށް ބޮޑުވެފައި އޮތްއިރު، އާސަންދައިން އެ ފަރުވާ އަށް އެއްވެސް ވަރއް ހަމަޖެހިފައި ނެތުމެވެ. މި ފަރުވާ ހޯދަނީ އެކި މީހުންގެ ގާތަށް ގޮސް އެހީއަށް އެދިގެން ކަމަށާއި އެއީ ހިތާމަހުރި ކަމެއް ކަމަށް ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މެމްބަރުންނަށް ވެގެން ވަކި ހާއްސަ ސްކީމެއް ބާއްވަން ތާއީދު ނުކުރައްވާ ކަމަށެވެ. މެމްބަރުންނަށް ވެސް އާސަންދަ އާއި އެންސްޕާގެ ތެރެއިން ހައްލުތަކެއް ހޯދި އާއްމުންނެކޭ އެއްގޮތަށް ކުރިއަށް ގެންދަން ޖެހޭ ކަަމަށް ވިދާޅުވި އެވެ.