ކާރު އެކްސިޑެންޓެއްގައި، ބޮލީވުޑްގެ ތަރި މަލައިކާ އަރޯރާ އަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

މުމްބާއީ އާއި ޕޫނޭ ގުޅޭ ސަރަހައްދާ ކައިރީގައި މަލައިކާގެ ކާރު އެކްސިޑެންޓްވީ ޑްރައިވަރަށް ބެލެންސް ގެއްލި އިތުރު ތިން ކާރެއްގައި ޖެހިގެންނެވެ.

އެ އެކްސިޑެންޓުގައި އަނިޔާވެ މަލައިކާ އަށް މުމްބާއީގެ އެޕޯލޯ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. އެކްސިޑެންޓާ އެކު އޭނާ ބިރުން ހަލާކުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މަލައިކާއާ ގާތް މީހަކާ ހަވާލާދީ މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި އެކްސިޑެންޓުގެ ސަބަބުން އޭނާ އަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ. އެކަމަކު ހާލު ސީރިއަސްއެއް ނޫނެވެ. ގައިގެ އެތަންމިތަން މަށައިގެން ދިއުން ފިޔަވައި މާބޮޑު އަނިޔާއެއް ނުލިބެ އެވެ.

އޭނާ ބުނި ގޮތުގައި މަލައިކާގެ ބޮލަށް އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތްވީ ބޮލާ ދިމާލުގައި އޮތް ބާލީހެއްގެ ސަބަބުންނެވެ. މިއަދު މެންދުރެއްހާއިރު އޭނާ ގެއަށް ދޫކޮށްލާނެ ކަމަށް ވެސް އެ މީހާ ބުންޏެވެ.

މަލައިކާގެ ދައްތަ އަމްރިތާ އަރޯރާއާ ހަވާލާދީ އީޓައިމްސްގައި ބުނެފައިވާ ގޮތުގައި އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ. މި ވަގުތު އޭނާ އޮތީ އޮބްޒަވޭޝަނުގައި ކަމަށް ބުންޏެވެ.

ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި އެ އެކްސިޑެންޓުގައި ތިން ވެހިކަލްއަކަށް ގެއްލުންވެފައިވެ އެވެ. އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މަލައިކާ އެކްސިޑެންޓުވީ އިއްޔެ މެންދުރު ފަހު އޮތް ފެޝަން އިވެންޓަކަށް ދިޔަ މަގުމަތީގަ އެވެ.