ހުޅުމާލޭގެ ހާންޖީ ރެސްޓޯރަންޓްގައި އިއްޔެ ހަވީރު ބަންގްލަދޭޝްގެ އެހީތެރިޔަކަށް ހަމަލާދީ މަރާލި ކަމަށް ތުހުމަތުވާ ޕާކިސްތާނުގެ ޝެފް ފިލައިގެން އުޅެނިކޮށް، ފުލުހުން އޭނާ ހޯދައި މިރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން ކުރި ޓުވީޓެއްގައި އޭނާ ހައްޔަރުކުރިކަން ކަށަވަރުކޮށްދިން ނަމަވެސް، އޭނާ ހޯދި ތަނެއް ނުބުނެ އެވެ.
ނިރޮޅުމަގު 19 ގޯޅީގައި ހުންނަ ހާންޖީ ރެސްޓޯރެންޓްގައި ހިންގި އެ މާރާމާރީގައި، އެ ތަނުގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހަކަށް ހަމަލާދިން ކަމުގެ ތުހުމަތު ކުރެވެނީ އެތަނުގައި މަސައްކަތްކުރާ ޕާކިސްތާނުގެ ޝެފް މުހައްމަދު އާބިދްގެ މައްޗަށެވެ. އަދި އެ ހަމަލާދިނުމަށް ފަހު އޭނާ ވަނީ އެތަނުން ފިލައިފަ އެވެ.
އުމުރުން 26 އަހަރުގެ އެ މީހާ ފިލުމުން، ފުލުހުން ރޭގައި ވަނީ އޭނާ އަކީ މުޖުތަމައު އަށް ނުރައްކާތެރި މީހެއް ކަމަށް ބެލެވޭތީ އޭނާ ހޯދަމުން އަންނަކަން އިއުލާންކޮށްފަ އެވެ.
ބަންގްލަދޭޝްގެ މީހާ މަރުވީ އެ ހަމަލާއަށް ފަހު ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށެވެ. އޭނާގެ ކަރަށާއި ބޮލަށާއި އަދި ފަޔަށް ވަޅިން ހަމަލާދީފައިވާ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުންޏެވެ. އަދި ޒަހަމްތަކާ އެކު އޭނާ އެ ރެސްޓޯރެންޓުގެ ތެރޭގައި އޮންނަ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
މީގެ ކުރިން ވެސް އެ ޝެފް މާރާމާރީ ހިންގާފައިވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.
ޕާކިސްތާނުގެ ކެއުމަށް ހާއްސަ ކޮށްގެން މީގެ އަހަރެއްހާ ދުވަސް ކުރިން ހުޅުވި ހާންޖީ ރެސްޓޯރަންޓްގެ ބަދިގޭގައި މަސައްކަތް ކުރާ މީހަކު "މިހާރު" އަށް ބުނީ ޕާކިސްތާނުގެ ޝެފާއި ބަންގްލަދޭޝްގެ މީހާއާ ދެމެދު ބަދިގެ ތެރޭގައި ޒުވާބެއް ހިންގައި ބަންގްލަދޭޝް މީހާގެ ގަޔަށް ޝެފް ވަޅިން ހަމަލާ ދިން ކަމަށެވެ.
"މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ، ހަމަލާ ދިން ޕާކިސްތާނުގެ ޝެފަކީ އަބަދުވެސް ވަރަށް ރުޅިގަދަ މީހެއް ކަމަށެވެ. އޭނާ މީގެ ކުރިން ވެސް އެ ތަނުގެ މުއައްޒަފުންނާ ޒުވާބުކުރާ ކަމަށް ބުންޏެވެ.