ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ މަގްސަދަކީ މިނިމަމް ވޭޖްގެ ސަބަބުން ލިބުނު ގެއްލުމަށް ލުޔެއް ދިނުން ނޫން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި، އެކި ސަރަހައްދުތަކުގައި ހަދާފައިވާ ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރުމަށް ވަނީ ހުށަހަޅައިފަ އެވެ. ސަބަބެއް ގޮތުގައި އެ ބިލުގައި ބުނެފައި ވަނީ މިނިމަމް ވޭޖުން ލިބޭ ގެއްލުމުގެ އަސަރު ކުޑަ ކުރުމެވެ.
އެ ބިލަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން އެ ކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. މިނިމަމް ވޭޖްގެ ސަބަބުން އަސަރު ކުރަނީ ހަމައެކަނި ޓޫރިޒަމް ދާއިރާއަކަށް ނޫން ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި މަހުޖަނުންނަށް "ސަބްސިޑީއެއް" ދެނީ ކަމަށް ބުނެ ބައެއް މެމްބަރުން ފާޑު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުގެ އިތުރުން އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ވަނީ އެ ބިލް މިނިމަމް ވޭޖާ ގުޅުވާފައިވާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. މިނިމަމް ވޭޖަކީ ބިމު ކުލި ކުޑަ ކުރިޔަސް ނުކުރިޔަސް އެމްޑީޕީން ކޮށްދޭން ޖެހޭ އަދި ވައުދުވެފައިވާ ކަމެއް ކަމަށް ވެސް ބައެއް މެމްބަރުން ފާހަގަ ކުރެއްވި އެވެ.
އެކަމާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ، މިނިމަމް ވޭޖްގެ ސަބަބުން ލުޔެއް ދޭނެ ކަމަށް ބިލުގައި ބުނެފައި އޮތް ސަބަބު ސާފު ނުވާ ކަމަށާއި އެއީ މިނިމަމް ވޭޖާ އެއްވެސް ގުޅުމެއް އޮތް ބިލެއް ނޫން ކަމަަށެވެ.
ބިލު އެކުލަވައިލި ސަބަބަކީ ރާއްޖޭގެ ހުރިހާ ދިމާލަކަށް ޓޫރިޒަމް ފުޅާކުރުމަށްޓަކައި ލޭންޑް ރޭޓުގެ ތަފާތުތަކެއް އެކި ސަރަހައްދުތަކަށް ގެނައުމަށް ކަމަށާއި ސަރުކާރާއި ބައެއް އަމިއްލަ ފަރާތްތަކަށް ރިސޯޓްތަކުގެ ޕާޓްނާޝިޕެއް ގޮތުގައި އޮތުމުން މާލީ އިދާރާތަކުން ދަތިތަކެއް ކުރިމަތިވާތީ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މިއަހަރުން ފެށިގެން އަމަލުކުރަން ފެށި މިިނިމަމް ވޭޖާއެކު ރިސޯޓުތަކުގެ މުވައްޒަފުންނަށް ވެސް އެންމެ މަދުވެގެން މަހަކު 8،000ރ. ދޭން ޖެހެ އެވެ.