ރައިސް އިބްރާހިމް މުހައްމަދު ސޯލިހު: އެމަނިކުފާނު ނެރުއްވި ގަރާރާ މެދު ބައެއް ގާނޫނީ ވަކީލުން އަންނަނީ ސުވާލު އުފައްދަމުން --
22 އެޕްރީލް 2022 - 16:31
އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގެ ސައްހަކަމާ ބެހޭ ގޮތުން ބައެއް ގާނޫނީ ވަކީލުން ސުވާލު އުފައްދަވައިފި އެވެ.
އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން އިއްޔެ ރޭ ކަނޑައެޅުމުން ރައީސް ވަނީ އެ ހަރަކާތް ހުއްޓުވުމުގެ ގަރާރެއް ނެރުއްވައިފަ އެވެ.
އެ ގަރާރުގައި ރައީސް ވިދާޅުވީ، އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށާއި އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށެވެ.
އެ މައްސަލާގައި ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާގެ ގަރާރަކީ ގާނޫނީ ބާރު އޮންނަ އެއްޗެއް ކަމަށާއި އެހެންކަމުން އެ އޮތަރައިޒް ކުރާނެ ގާނޫނީ މަސްދަރެއް އޮންނަން ޖެހޭ ކަމަށެވެ.
ރައީސަށް ގަރާރު ނެރެވޭނީ ތިން ހާލަތެއްގައި ކަމަށާއި އެއީ ހަނގުރާމަ އާއި ސުލްހަ އިއުލާން ކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށާއި ރިޔާސީ ކޮމިޝަން އުފައްދަވަން ކަމަށް ދިޔާނާ ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސްގެ ގަރާރަކީ ގާނޫނަކާ އެއްފަދަވާ އެއްޗަކަށްވާއިރު ގާނޫނު ހެދުމުގެ ބާރަކީ ރައްޔިތުންގެ މަޖިލީހަށް ހާއްސަވެފައި އޮންނަ ކަމަކަށް ވާތީ މަޖިލީހުގެ ދައުރެއް ނޯންނަ ގޮތަށް ރައީސަށް ގަރާރު ނުނެރެވޭނެކަން ސާފުވާ ކަމަށް ވެސް ދިޔާނާ ވިދާޅުވި އެވެ.
"މިސާލަކަށް ރައިސުލްޖުމްހޫރިއްޔާ އަށް ގަރާރު ނެރެވޭ އިސްވެ ބުނި ފުރަތަމަ ހާލަތާއި ދެވަނަ ހާލަތުގައި ވެސް އެ ގަރާރު މަޖިލީސްގައި ޓޭބަލްކޮށް ފާސް ކުރަން ޖެހޭ. ގަރާރު ހުއްދަވާ ތިން ވަނަ ހާލަތަކީ މަޖިލީހުން ފާސް ކުރާ ގާނޫނެއްގެ ދަށުން ކަމަށްވާތީ އެކަމުގައި މަޖިލީހުގެ ދައުރު އޮންނާނީ ޝާމިލްވެފައި،" ދިޔާނާ ވިދާޅުވި އެވެ.
ރައީސްގެ ގަރާރު ހުއްދަ ކުރާ ސާފު ގާނޫނީ މަސްދަރެއް އޮންނަން ޖެހޭ ކަމަށާއި އެ ގަރާރު އޮންނަން ޖެހޭނީ އެ މަސްދަރުން ކަނޑައަޅައި ހުދޫދުގެ ތެރޭގައި ކަމަށް ދިޔާނާ ވިދާޅުވި އެވެ. އަދި އެ ގަރާރު މަޖިލީހުން ފާސް ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މައްސަލާގައި ކުރެއްވި ޓުވީޓެއްގައި ގާނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ރައިސުލްޖުމްހޫރިއްޔާގެ ގަރާރަކުން ހަނި ކުރެވޭނެ އަދި ހުއްޓުވޭނެ ކަމެއް ނޫން ކަމަށެވެ.
ކުރީގެ މަޖިލިސް މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވެސް ވިދާޅުވީ ގާނޫނުއަސާސީގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަ ކަމަށާއި އެ ހައްގު ހަނި ކުރެވޭނީ 16 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނަކުން އެކަނި ކަމަށެވެ.
"ގަރާރަކީ އަމުރެއް. ގާނޫނީ ބާރު ނެތި ކުރާ އަމުރަކީ 19 ވަނަ މާއްދާއާ ހިލާފް، ބާތިލް އަމުރެއް. އެ އަމުރަށް ކިޔަމަން ނުވުމުގެ ހައްގު 63 (ވަނަ މާއްދާއިން) ލިބޭ،" އިބްރާ ވިދާާޅުވި އެވެ.
އެކަން އެހެން އޮތަސް އެއްވެސް ބަޔަކާ މެދު ނަފްރަތު އުފެއްދުމުގެ ގޮތުން ދައްކާ ވާހަކަތައް ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ހިޔާމަތް ލިބިދާނެތޯ ވެސް އިބްރާ ސުވާލު އުފެއްދެވި އެވެ.
އިދިކޮޅު ފަރާތްތަކުން ވެސް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ބުނެފައި ވަނީ ރައީސް ނެރުއްވި ގަރާރު، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމަށެވެ. އެ ގަރާރު ބާތިލް ކުރަން ކޯޓަށް ހުށަހަޅަން އިދިކޮޅު ފަރާތްތަކުން ވަނީ ނިންމައިފަ އެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ބެހޭ ގޮތުން ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް އޮފީހުގެ މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިނިވަންކަމުގެ ވާހަކަ އެކަނި ދައްކާއިރު އެއާ އެކު ލާމެހިފައިވާ ގާނޫނު އަސާސީގެ 67 ވަނަ މާއްދާ ވެސް ބަލާލަން ޖެހޭ ކަމަށެވެ.
ގާނޫނުއަސާސީގެ 67 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ މީހަކަށް ލިބެންޖެހޭ ހައްގުތަކާއި މިނިވަންކަމާއި އެ މީހަކު އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަކީ ވަކި ނުކުރެވޭ ދެ އަސާސެއް ކަމަށެވެ. އަދި އެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެކަކު އަނެކަކުގެ ހައްގުތަކާއި މިނިވަންކަމަށް ރައްކާތެރިވެ ހައްގުތަކަށް އިހުތިރާމް ކުރަން ޖޭހޭ ކަމަށާއި ދިވެހިރާއްޖޭގެ ސިޔާދަތާއި ރައްޔިތުންގެ އެއްބައިވަންތަކާއި އަމާންކަމާއި ރައްކާތެރިކަމާއި ގައުމުގެ ޝަރަފު ހިފަހައްޓަން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް އެ މާއްދާގައި ބުނެ އެވެ.
އިންޑިއާ އައުޓް ހަރަކާތާ ދެކޮޅަށް ރައީސް ގަރާރެއް ނެރުއްވުމުން ފުލުހުން އަންނަނީ އިތުރު ފަރާތްތަކުން މާލޭގެ އެކި އިމާރާތްތަކުގައި ދަމާފައިވާ އިންޑިއާ އައުޓް ބެނާތައް ނަގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުރަބޯ
23 April 2022
އިންޑިއާ ކީއްކުރަން އެއްވެސް ގައުމެއްގެ ސިފައިން މި ގައުމުގައި ހަން ފަތުރައިގެން ތިބެން ޖެހޭފަދަ ސަބަބެއް ނެތް.
ސައީދު މުއިއްޒު އާދަނު
23 April 2022
ޔާމީނަށް ކެމްޕައިން ކުރަން ނޭންގުމަކީ އަހަރެމެންގެ މައްސަލައެއްނޫން
ރައްޔިތުސޮރު
23 April 2022
މަގުމަތީގަ އައުގުރާނަ ގޮވަމުންދާ މީހަކު ހުއްޓުވައިފިނަމަ އެވާނީ ޙިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތީއޭބާ؟ ހަމައެބީދައިން ޖެހިގެންއޮތް ބާރުގަދަ ޤަޢުމަކާ ޖައްސާލައި އެޤަޢުމާމެދު ނަފުރަތުއުފައްދައިގެން ނިކުމެދާނެ ނުރައްކާތައްވެސް ވ.ވެސްބޮޑު. ދެން މިތާނގަ އިންޑިޔާގެ ސިފައިން އަދި އެހެންވެސް ބަޔަކުތިބެނީ ހަނގުރާމަކޮށްގެން މިޤަޢުމު ހިފައިގެނެއްނޫން. ދިވެހި ދަޢުލަތުން ހުއްދަދީގެން. ބާލުވަން ބޭނުންނަމަ ޑިޕްލޮމެޓިކު އުސޫލުން ކަންކަންކުރަންވާނީ.
ގަހޭ
23 April 2022
ކިތަންމެވަރަކަށް ބުނެދިނަސް, އުނބަކަށް ނުވިސްނޭނެ.
ގަހޭ
23 April 2022
ދަށުނުވެ ތިބެބަލަ.
ޒީތު
23 April 2022
ނަފަރަތު އުފެދެނީ މިގައުމުގަ ހާލިހަދައިގެން ބޭރުގެ ބާރެއް ތިލަވުމުން
އަހުމަދު.
23 April 2022
ޤާނޫނީގޮތުން ބާރު ލިގެން ރައީސް ނެރުއްވާ ޤަރާރު އޮތޮރައިސް ކުރާނެ ބަޔަކު އެބަތިއްބޭ ބުނެފިނަމަ ދެން ބުނާނީ އެބަޔަކު އައްޔަން ކުރިބަޔަކު ވެސްތިބެން ޖެހޭނެ ކަމަކަށް ނޫންތޯއެ.؟ މިހެންގޮސް ކިތަށްބައި މީހުނާހަ ހަމަޔަށް ގޮސްގެންތޯ މިކަންނިމޭ.؟ ޚޭބަލް ކާރާހަމައަށް ނުގޮސް މިކަން ނިމޭނެތޯއެވެ؟
ޓެރަރިސްޓް ހަރަކާތެއް
23 April 2022
ދިވެހީންނަކީ އެމީހުންގެ ސިޔާސީ މަންފާއަކަށް ގުރުއާނުން ވެސް ޅެން ހަދައި ކިޔާ އުޅޭ އަމިއްލަ އެދުން ބޮޑު ގަމާރުކަމުން އަރައިނުގަނެވޭ ފަދަ ބައެއް. ގާނުން އަސާސީން އަދި ކިހާ ވަރަކަށް އަކުރާ ފިލީގައި ހިފާ ދަމާނެ. ގާނޫނީ ވަކީލުން އަދި ކިތަންމެ ފުންނާބު އުހަސް އަވަށްޓެރި އަދި ދިވެހީންނަށް އެހާމެ އެހީތެރިވެދޭ ގައުމަކާ ދެކޮޅަށް ހަރަކާތެއް ހިންގުމަކީ ޓެރަރިސްޓް އަމަލެއް. ޓެރަރިސްޓް އަމަލަކުން ނިކުންނާނެ އަމާންކަމެއް ނޯންނާނެ. ބިރުވެރި މާހައުލެއް އެބައޮތް.
އިބްރ
23 April 2022
އދ މަޖިލިސްކުރާ ގޭގެ ކުރިމަތީގަވެސް ގައުމުތަކާ ދެކޮޅު ބެނާހިފައިގެން މުޒާހިރާކުރެވޭ. ކީއްވެތޯ ދިވެހިންނަށް މަނާކޮށްގެން މިއުޅެނީ؟ މިއީތޯ ޑިމޮކްރަސީއަކީ؟
މރ ބުރުތުގާލް
22 April 2022
މިހާރު އޮތް "ކަޓް އެންޑް ޕޭސްޓް" ގާނޫނު އަސާސީ އަކީ ދެއުޅިއެއްނުވާ އެތައް ކަމެއް އެކުލެވޭ ގާނޫނު އަސާސީ އެއް.. އެ ގާނޫނު އަސާސީގެ ސަބަބުން ރައީސް އަށާ ސަރުކާރާ ރައްޔިތުންނަށް ލިބެންވާ އެތައް ހައްގަކުން އެބަ މަހުރޫމްވޭ. އެކަމަކު ގާނޫނު މުގުރާމީހުންނަށާ ބޮޑެތި މުޖުރިމުންނަށް މިވަރުގެ "މޮޅު ފުރިހަމަ" ގާނޫނު އަސާސީ އެއް ދެނެއް ނުލިބޭނެ.