ކައިވެނިނުކޮށް ލިބޭ ކުދިންގެ މައުލޫމާތު އެ ކުދިންނަށް ގެއްލުންނުވާ ގޮތަށް ހިމެނުމަށް ނިންމައިފި

ކައިވެނިން ބޭރުން އުފަންވާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައި ހިމަނާ މައުލޫމާތު، އެ ކުދިންނަށް ގެއްލުން ނުވާނެ ގޮތަށް ހިމެނުމަށް މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެކު، ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.


ރައީސް އޮފީހުން ބުނީ އެ ގޮތަށް ރައީސް ނިންމެވީ ކައިވެނިން ބޭރުން އުފަންވާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓާއި އައިޑީ ކާޑުގައި ހިމަނާ މައުލޫމާތު މިހާރު ހިމަނާފައި ހުންނަ ގޮތުން އެފަދަ ކުދިންގެ ތައުލީމީ އަދި އިޖްތިމާއީ ކުރިއެރުމަށް ހުރަސްއެޅެމުންދާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އަދި އެފަދަ ކުދިންނަށް ނަފްސާނީ ގޮތުން މައްސަލަތަކެއް ކުރިމަތިވެ އެކުދިންގެ މުޅި ދިރިއުޅުމަށް އެކަމުން ހިޔަނި އެޅެމުންދާކަން ވެސް ފާހަގަކުރެވޭ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އިސްލާމީ ވަރަށް ގިނަ ގައުމުތަކުގެ އެފަދަ ކުދިންނަށް ޒަރޫރީ މައުލޫމާތުތައް ރަސްމީ ލިޔެކިޔުންތަކުގައި ހިމެނުމުގައި ހާއްސަ ގޮތްތަކެއް ހަމަޖައްސާފައިވާކަން ވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވި ކަމަށެވެ.

ރައީސް އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުން އެ ގޮތަށް މަޝްވަރާ އެރުވުމާ ގުޅިގެން، އެ ގޮތަށް އަމަލުކުރަން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައި ކަމަށެވެ.