ގަލޮޅު ދަނޑުގައި މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަނިކޮށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ޝެއިހް ފަޒްލޫން މުހައްމަދު މިއަދު ދޫކޮށްލައިފި އެވެ.
އޭނާގެ ވަކީލް ވިދާޅުވީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ހިންގި ހަމަނުޖެހުންތަކުގެ ތުހުމަތުގައި ހައްޔަރުކުރި ފަޒްލޫން ދޫކޮށްލީ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުކުރުމަށް ފަހު ކަމަށެވެ.
އެ މައްސަލައިގައި ފަޒްލޫންގެ އިތުރުން ޝެއިހް އާދަމް ނިޝާން ވެސް ޖެހިގެން އައި ރޭ ހައްޔަރުކުރި އެވެ. އެކަމަކު ކޯޓުން ވަނީ މިދިޔަ އަންގާރަ ދުވަހު ނިޝާންގެ ބަންދަށް 16 ދުވަސް އިތުރުކޮށްފަ އެވެ.
އެ ދެ ބޭފުޅުންނަށް ފުލުހުން ކުރަނީ ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކަށް ހިތްވަރު ދިން ކަމުގެ ތުހުމަތެވެ. އެކި ފަހަރު މަތިން ބަންދުގެ މުއްދަތު އިތުރު ކުރުމަށްފަހު އެންމެ ފަހުން އިތުރުކުރީ ފަޒްލޫންގެ ބަންދަށް 16 ދުވަސް އަދި ނިޝާންގެ ބަންދަށް 13 ދުވަހެވެ. ފަޒްލޫން ދޫކޮށްލިއިރު އެ މައްސަލަ އޮތީ އިސްތިއުނާފު ކުރަން ހައި ކޯޓަށް ހުށަހަޅައިފަ އެވެ.
ގަލޮޅު ދަނޑު ތެރެއަށް ވަދެ، މީހުންނަށް ހަމަލަދީ، އިންޒާރުދިން މައްސަލައާ ގުޅިގެން އެކި ދުވަސްތައް މަތިން 21 މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ހަ މީހަކު ވަނީ މިދިޔަ ހޯމަ ދުވަހު ދޫކޮށްލައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މީހުން ދޫކޮށްލީ ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު ކަމަށެވެ. ބަންދުން ދޫކޮށްލިއަސް ޖިނާއީ ތަހުގީގު ހިންގާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ނިޝާނާއި ފަޒްލޫން ހައްޔަރުކުރުމުން އިސްލާމިކް މިނިސްޓްރީން ވަނީ ދީނީ ތަގުރީރުކުރުމާއި ވައުޘު ބުނުން އަދި ދީނީ އިރުޝާދު ދިނުމަށް އެ ދެ ބޭފުންނަށް ދިން ހުއްދަ ވެސް މުއްދަތެއް ނެތް ގޮތަށް ހިފަހައްޓައިފަ އެވެ.