ބަރަހަނާ ވީޑިއޯ ލީކުކުރާނެ ކަމަށް ބުނެ ސްނެޕް ޗެޓް މެދުވެރިކޮށް ބްލެކްމެއިލްކޮށް އަދި ފައިސާ އަތުލިކަމަށް ތުހުމަތުވާ މީހަކު ބަންދުން ދޫކޮށްލަން ނެރުނު އަމުރެއް ހައި ކޯޓުން ބާތިލްކޮށްފި އެވެ.
މިދިޔަ މާޗް މަހު ސްނެޕް ޗެޓް މެދުވެރިކޮށް މީހަކު ބްލެކްމެއިލްކޮށް އަދި ބިރު ދައްކައިގެން ގިނަ އަދަދެއްގެ ފައިސާ އަތުލި ކަމަށް ބުނެ ފ. ނިލަންދޫއަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށް، އޭނާގެ ފޯން އެނަލައިޒް ކުރިއިރު އިތުރު ބަައެއްގެ ބަރަހަނާ މަންޒަރު ހިމެނޭ ސްނެޕް ޗެޓް ރެކޯޑިންތަކެއް ވެސް އޭނާގެ ފޯނުން ފެނިފައިވާ ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވެ އެވެ. އޭނާގެ މައްޗަށް ބްލެކްމެއިލް ކުރުމުގެ ދައުވާ އާއި ފޭރުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އަދި ޖިންސީ ގޯނާކުރުމުގެ ދައުވާ ކުރެ އެވެ.
ދައުލަތުން ބުނާގޮތުން އިތުރު ބައެއްގެ ބަރަހަނާ މަންޒަރު ހިމެނޭ ސްނެޕްޗެޓް ސްކްރީން ރެކޯޑިންތައް ފެނުނު މައްސަލާގައި އިތުރު ތަހުގީގުތަކެއް ވެސް އޭނާގެ މައްޗަށް ދަނީ ހިންގަމުންނެވެ.
އެ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ކުރުމަށްފަހު މިދިޔަ މަހު ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލި އެވެ. އެ މައްސަލަ އިސްތިއުނާފްކުރީ ދައުލަތުންނެވެ.
ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ މީހާގެ މައްޗަށް ތުހުމަތު ކުރެވެނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުށެއް ކުރިކަމުގެ ތުހުމަތު ކަމަށްވާތީ އޭނާގެ މައްޗަށް އިތުރު ތަހުގީގުތަކެއް ހިންގަމުންދާ ކަމަށް ފުލުހުން ބުނާތީ އޭނާގެ ފަރާތުން މުޖްތަމައުއަށް ނުރައްކަލެއް އެބައޮތް ކަމަށެވެ.
ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ދަށު ކޯޓުން އެ މީހާ ދޫކޮށްލަން ނެރުނު އަމުރު ބާތިލްކުރާ ކަމަށެވެ. އެހެންވެ، އޭނާ ބަންދުކުރަން ނެރުނު އަމުރު އަލުން ދެމި އޮންނާނެ އެވެ.