ހައި ކޯޓަށް އަލަށް އައްޔަންކުރި ދެ ފަނޑިޔާރުން މިއަދު މަގާމުގެ ހުވާ ކުރައްވައިފި އެވެ.
ހައި ކޯޓަށް އައްޔަންކުރީ ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ހުންނެވި ދީބާނާޒް ފަހުމީ އަދި ހައި ކޯޓުގެ ލީގަލް އޮފިސަރަކަށް ހުންނެވި މުހައްމަދު ސަލީމެވެ.
ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްކަން ވެސް މީގެ ކުރިން ހުންނެވި ދީބާނާޒް ޑިގްރީ ހާސިލްކުރެއްވީ މެލޭޝިއާ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީންނެވެ. އެއަށް ފަހު ނިއުޒިލެންޑްގެ ޔުނިވާސިޓީ އޮފް ކެންޓަބަރީއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ދީބާނާޒަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ގިނަ މަސައްކަތްތަކެއް ކުރައްވައި 17 އަހަރު ދުވަހުގެ ތަޖުރިބާ ލިިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.
އޭނާ އަކީ ކްރިމިނަލް ކޯޓަށް އައްޔަންކުރި ފުރަތަމަ އަންހެން ގާޒީ އެވެ.
ކުއްލިއްޔާއިން ޑިގްރީ ހާސިލްކުރައްވާފައިވާފައިވާ ސަލީމަކީ ހައި ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.
އެ ބޭފުޅުންގެ އިތުރުން، ދެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުކަމުގެ ހުވާ ވެސް ދެ ބޭފުޅަކު ކުރައްވާފައިވެ އެވެ. އެއީ، ތ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް އެ ރަށު އައިޝަތު އިބްރާހީމް އަދި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް، ކޯރަލް، ނަޝާޠަތު ޒައީމާ އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 54،000ރ. ލިބިވަޑައިގަންނަވަ އެވެ. މެޖިސްޓްރޭޓުންގެ މުސާރަ ވެސް މި ފަހުން ވަނީ ބޮޑުކޮށްފަ އެވެ.