ކައުންސިލް އިންތިހާބު އެޕްރީލް މަހު، ތާރީހު އަންނަ ހަފުތާގައި އިއުލާންކުރަނީ

ލޯކަލް ކައުންސިލް އިންތިހާބު އަންނަ އެޕްރީލް މަހުގެ ތެރޭގައި ބާއްވަން ނިންމައި އަންނަ ހަފުތާގައި ތާރީހެއް އިއުލާންކުރާނެ ކަމަށް، ގައުމީ ލަފާ ދޭ ކޮމެޓީއާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.


ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުމަށް ފަހު، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ އެޕްރީލް މަހުގެ ފުރަތަމަ ހަފުތާގައި އިންތިހާބު ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމުގެ ޔަގީންކަން އިލެކްޝަނުން ދީފައިވާ ކަމަށެވެ. އެ ތާރީހަށް ޕީޕީއެމާއި އެމްޑީއޭ ފިޔަވައި ހުރިހާ ޕާޓީތަކަށް ވެސް އެއްބަސްވެވުނު ކަމަށް ނިޔާޒް ވިދާޅުވި އެވެ.

ލަފާ ދޭ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވެރިކަންކުރާ ޕީޕީއެމާއި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އިން ބައިވެރިއެއް ނުވެ އެވެ.

ނިޔާޒް ވިދާޅުވި ގޮތުގައި އިންތިހާބު ބާއްވަން އިލެކްޝަނުގެ ވިސްނުން މިހާރު ގެންގުޅޭ ގޮތާ މެދު ވެސް ޕާޓީތައް ހިތްހަމަޖެހެ އެވެ.

"ޕާޓީތަކުން މިއަދު ވެސް އެދުނީ ވީހާ ވެސް އަވަހަކަށް އިންތިހާބު ބާއްވަން. އެކަމުގައި ހުރަސްތަކެއް ހުރި ނަމަ، އެ ކަންކަން ހައްލުކޮށް ކުރިއަށް ގެންދަން،" އޭނާ ވިދާޅުވި އެވެ.

ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކާއި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އިލެކްޝަންސް

ނިޔާޒް ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބަށް މިހާރު ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް އެއްވެސް ދަތިތަކެއް ކުރިމަތިނުވާނެ ގޮތަކަށް އިންތިހާބުގެ ހުރިހާ ކަމެއް ގެންގޮސްދޭން ވެސް ޕާޓީތަކުން ވަނީ އެދިފަ އެވެ. އެކަމަށް ވެސް އެއްބަސްވެ، ކެންޑިޑޭޓުންނަށް ވީހާ ވެސް ލުއިވާނެ ގޮތަކަށް އިންތިހާބު ކުރިއަށް ގެންދާނެ ކަމަށް އިލެކްޝަނުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިހާބު ކުރިއަށް ގެންދަން އިލެކްޝަނުން ކަނޑައަޅާފައިވާ ޓައިމްލައިން ވެސް މިއަދު ވަނީ ޕާޓީތަކާ ހިއްސާކޮށްފަ އެވެ. އިލެކްޝަނުން މިހާރު ކަނޑައަޅާފައިވާ މުއްދަތަށް ބަލާއިރު ސިވިލް ކޯޓުގެ ހުކުމުން ކަނޑައެޅި ތާރީހަށް ވުރެ އިންތިހާބު ލަސްވަނީ ދެ ހަފުތާ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ މުއްދަތެއް،" ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިވިލް ކޯޓުގެ ހުކުމުގައިވާ ކަންކަން ސާފުކޮށް އިތުރު ހުކުމެއް ހޯދަން އިލެކްޝަނުން ހައި ކޯޓަށް ދިޔައީ ސިޔާސީ ޕާޓީތަކުން ބޭނުންވެގެން ނޫން ކަމަށެވެ. އިލެކްޝަނުން ކަންތައް ކުރި ގޮތުން، އިންތިހާބުގެ ތާރީހު އެއް ހަފުތާ އަށް ލަސްވެފައިވާ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.

ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުމަށް ފަހު ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. ހުސެއިން ރަޝީދު ހަސަން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން

އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އަދި ޑީއާރުޕީން ވެސް ބުނީ އިލެކްޝަންސް ކޮމިޝަނުން މިހާރު ވިސްނުން ގެންގުޅޭ ގޮތަށް އިންތިހާބު ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

ސިވިލް ކޯޓުން ދެ މަހަށް އިންތިޚާބު ފަސްކުރީ ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ހުށަހަޅައިގެންނެވެ.

އެ ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ވާއިރު، އެ ޕާޓީ އަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންތިހާބަށް ތައްޔާރުވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.

ޕީޕީއެމަށް ބައިވެރިނުވެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހުކުމުގައިވެ އެވެ.