ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ ހޯމަ ދުވަހަކީ އެއާޕޯޓްގެ ތާރީހުގައި އެންމެ ގިނަ އެއާކްރާފްޓް މޫމްމަންޓްސް ރެކޯޑްކުރެވުނު ދުވަސް ކަމަށް، އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެމްއޭސީއެލް އިން ބުނީ ހޯމަ ދުވަހު 567 އެއާކްރާފްޓް މޫވްމަންޓް ރެކޯޑްކުރެވިފައިވާ ކަމަށެވެ.
އެއާޕޯޓް ޓްރެފިކް ބެލެހެއްޓުމުގައި، މަތިންދާބޯޓެއް ޖެއްސުމަކީ އަދި ފުރުމަކީ ވެސް އެއާކްރާފްޓް މޫވްމަންޓެކެވެ. އެހެންވެ ބޯޓެއް ޖެއްސުމާއި ފުރުމަކީ ދެ މޫވްމަންޓެވެ.
އޭޕްރީލް 12، 1966 ގައި އެއާޕޯޓު ހުޅުވިފަހުން މިވީ 50 އަހަރު ތެރޭގައި އެއާޕޯޓް އެންމެ ބިޒީ ދުވަހުގެ ގޮތުގައި ހޯމަ ދުވަސް ވެފައި ވަނީ 188 ވީލް ބޭސް މޫވްމަންޓާއި 379 ސީޕްލޭން މޫވްމަންޓާ އެކުގަ އެވެ.
އާ އަހަރު ފާހަގަކުރަން އަމިއްލަ ޖެޓްތަކުގައި ރާއްޖެ އައި މުއްސަނދިންގެ އަދަދު ވެސް މި އަހަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ ހަފުތާގައި ޖުމްލަ 46 ޖެޓު އެއާޕޯޓުގައި ޕާކުކޮށްފައި އޮތްއިރު، އެއީ ވެސް އެހެން އަަހަރުތަކާ އަޅާބަލާއިރު ރެކޯޑު އަދަދެއް ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.