ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ އަންނަ މަހު ހައެއްގައި ބޭނުންކުރަން ފަށަން ނިންމައިފި އެވެ.
އެ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް)ގެ އޮފިޝަލަކު ކަށަވަރުކޮށްދެެއްވި ގޮތުގައި އަންނަ މަހުގެ ހައެއްގައި އާ ރަންވޭ ބޭނުންކުރަން ފެށުމުގެ އިތުރުން، ހަމަ އެ ދުވަހު އެ އެއާޕޯޓްގެ އާ ސީޕްލޭން ޓާމިނަލް ވެސް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ އެވެ.
ވެލާނާ އެއާޕޯޓްގައި ހެދި ސީޕްލޭން އާ ޓާމިނަލް، "ނޫވިލު" ބޭނުންކުރަން ފެށީ މިދިޔަ ޖުލައި މަހު އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އަޅަން ފަށައި އެމަނިކުފާނުގެ ވެރިކަމުގެ ފަހުކޮޅު، 2018 ގައި ރަސްމީކޮށް ހުޅުވި އެ ރަންވޭ ބޭނުންކުރަން ނުފަށާތީ މި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވެ އެވެ. އެމްއޭސީއެލުން ބުނި ގޮތުގައި އާ ރަންވޭ ބޭނުން ކުރަން ފެށުން ލަސްވީ ސީޕްލޭން ޓާމިނަލް ބަދަލު ކުރުމުގެ މަސައްކަތް ކުރާތީ އެވެ.
އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. އެ ރަންވޭ އަށް އެންމެ ބޮޑެތި ބޯޓު، އޭ380 ގެ ބޯޓުތަކަށް ވެސް ޖެއްސޭނެ އެވެ.
އާ ރަންވޭއާ އެކު މިހާރު ބޭނުންކުރާ ރަންވޭ ދެން ބޭނުންކުރާނީ ޓެކްސީވޭ އަކަށެވެ.