ތާރީޚީ ދުވަހެއް، އާ ރަންވޭއަށް ފުރަތަމަ ބޯޓު ޖައްސައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭއަށް ފުރަތަމަ ފަހަރަށް އެއާބަސް އޭ 380 މަރުކާގެ ބޯޓެއް ދެންމެ ޖައްސައިފި އެވެ.


މި ބޯޓު އާ ރަންވޭއަށް ޖެއްސީ އެއާޕޯޓުގައި މިހާރު ކުރިއަށް ގެންދާ ރަސްމިއްޔާތުގައި، ރައީސް އަބްދުﷲ ޔާމީން ހުއްދަ ދެއްވުމުންނެވެ.

ރާއްޖޭގެ އެއާޕޯޓެއްގައި ފުރަތަމަ ފަހަރަށް އޭ 380 މަރުކާގެ މަތިންދާބޯޓެއް ޖެއްސި މި ތާރީޚީ ދުވަހު، އާ ރަންވޭއަށް ޖެއްސީ ޔޫއޭއީގެ އިއްތިހާދު އެއާވޭސް އެއާބަސް އޭ 861-380 މަރުކާގެ ބޯޓެކެވެ. ބަންގްލަދޭޝްގައި ބޭއްވި ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ގޮވައިގެން އައި އެ ބޯޓުގެ ޕައިލެޓަކަށް ހުރީ ދިވެއްސެއް ކަމަށްވާ އަލީ އަހްސަން އެވެ. މި ބޯޓު އަބޫދާބީން ފުރީ މިއަދު ހެނދުނު 10:28 ގަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭއަށް ޖެއްސުމުގެ ކުރިން އިއްތިހާދު އެއާވޭސްގެ މަތިންދާބޯޓު މާލެ މަތިން ބުރެއް ޖަހާލަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އިއްތިހާދު އެއާވޭސް އެ ބޯޓު އާ ރަންވޭއަށް ޖެއްސުމުގެ ކުރިން، އާއްމުންނަށް ދައްކައިލުމުގެ ގޮތުން މާލެ ވަށައިގެން 1،000 ފޫޓު މަތިން ބުރެއް ޖެހި އެވެ.

ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ އެ ރަންވޭއަށް ބޯޓު 3:45 ހާއިރު ޖެއްސުމާއެކު އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއު އިން ވޯޓާ ސެލިއުޓެއް ނެގި އެވެ. އަދި ބޯޓު ޖެއްސުމަށްފަހު ޓީމުގެ ކުޅުންތެރިން ބޭލީ އޭޕްރަންގައި މަޑުކުރުމަށްފަހު އެވެ.

އިއްތިހާދު އެއާވޭސް މަތިންދާބޯޓު ރާއްޖެ އައުމަށް މިއަދު ހެނދުނު އަބޫދާބީން ނައްޓާލަނީ.

އެ ބޯޓު ބޯޓު ޖެއްސުމަށް ފަހު ޕެރަޝޫޓާ އެކު އެއާޕޯޓަށް ދިވެހި ސިފައިން ފުންމާލުމުގެ ހަރަކާތެއް ވެސް ބާއްވާނެ އެވެ. އެ ހަރަކާތަށް ފަހު ހަ ސީޕްލޭން 200 ފޫޓު ތިރިން މާލެ ވަށައި ބުރެއް ޖަހާނެ އެވެ. ސީޕްލޭންގެ ފްލައި ޕާސް ކުރިއަށް ގެންދާނީ ސިނަމާލެ ބްރިޖް ކައިރިންނެވެ.

މި ހަރަކާތް ބަލައިލުމަށް ގިނަ އަދަދެއްގެ ބަޔަކު ސިނަމާލެ ބްރިޖް ކައިރިއަށް އެއްވެފައި އެބަތިއްބެވެ.

އެ ބޯޓު މާލެއިން ފުރަން ހަމަޖެހިފައި ވަނީ މިއަދުގެ އިރުއޮއްސުމުގެ ކުރިންނެވެ.

ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، އާ ރަންވޭ ހެދީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. އެ މި ލޯނުގައި ރަންވޭގެ އިތުރުން 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި 80،000 ޓަނުގެ ކާގޯ ފެސިލީޓީއެއް ހެދުން ވެސް ހިމެނެ އެވެ.