ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައަކަށް މަޖީދީމަގުގެ ދުވާރުތަކުގެ ބައެއް ކަންތަކުން ތިރި ކުރި ބައި އަލުން އުސް ނުކުރާ ކަމަށާއި އެކަމަކު އެ މަސައްކަތް އިތުރަށް ފުރިހަމަ ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ހައުސިން މިނިސްޓްރީން މަޖީދީމަގު ހަދަމުން އަންނައިރު، އެ މަގަށް ގެނައި އެންމެ މުހިއްމު އެއް ބަދަލަކީ ފުރޮޅުލީ ގޮނޑި އާއި އަސާގަނޑު ފަދަ ތަކެތި ބޭނުން ކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހަ އިން ބޭނުން ކުރެވޭ ގޮތަށް، ދުވާރުގެ ބައެއް ކަންތައް ތިރިކޮށްލުމެވެ. އެކަމަކު، ތިރިކުރި ބައެއް ދުވާރުތަކުގެ ކަންތައް އަލުން ރާނައި އުސްކުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.

އެކަމާ ގުޅޭ ގޮތުން މިނިސްޓަރު މުއިއްޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖީދީމަގުގެ ދުވާރުތަކުގައި ހަދާ "ޑިސޭބަލްޑް އެކްސެސް" ނަގަމުން ދާ ވާހަކަ ހަގީގަތާ ހިލާފު ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެ ތަން އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް ކަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވި ނަމަވެސް، މަޖީދީމަގުން އަލުން ހެދި ސަރަހައްދުގައި ތިރިކޮށް ހަދާފައި ހުރި ކަނެއްގެ ފޮޓޯ ނަގައި، މީހަކު ވަނީ މިދިޔަ ހުކުރު ދުވަހު ފޭސްބުކްގައި ޕޯސްޓްކޮށްފަ އެވެ. އަދި އެ ތަން އަލުން ރާނައި އުސްކޮށްފައި ވަނިކޮށް، އިއްޔެ އެހެން މީހަކު ވަނީ ފޮޓޯ ނަގައި ފޭސްބުކްގައި ޝާއިއުކޮށްފަ އެވެ. އޭރު އަދި އަލުން އުސްކުރި ބައިގެ ސިމެންތި ވެސް ނުހިކެ އެވެ.

ބައެއް ކަންތައް އުސްކުރި ކަމަށް ބުނާ ވާހަކަ މުއިއްޒު ދޮގު ކުރެއްވި ނަމަވެސް އެ މަސައްކަތް ކުރިއަށް ދާގޮތުގެ ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ.