މާލޭގައި ތާރު އަޅައިގެން އަލަށް ހެދި ރިންގު ރޯޑުގައި ތާރުގަނޑު ނެއްޓި، ދަށުން ފިލާގަނޑެއް ފެންނަން އޮތީ ޖަންކްޝަނަކާ ދިމާލުން ކަމަށާއި އެގޮތަށް ހަދާފައި ވަނީ ޖަންކްޝަންގެ ލެވަލް އުސްކޮށް މަތިގަނޑު އަޅަންޖެހޭ ކުންފުންޏަށް އެކަން ކުރެވެންދެން، މަގު ހެދުން ލަސްކުރެވެން ނެތުމުން ކަމަށް ހައުސް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިހެން ވިދާޅުވީ ނެއްޓިފައިވާ ތާރުގަނޑުގެ ދަށުން ފިލާގަނޑެއް ފެންނަ ފޮޓޯއާ ގުޅިގެން ސޯޝަލް މީޑިއާގައި އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގަ އެވެ.
އެ ފޮޓޯ ޓްވީޓް ކުރައްވައި އިއްޒު ވިދާޅުވީ އެއީ ޖަންކްޝަނެއް ކަމަށެވެ.
"ޖަންކްޝަންގެ ލެވަލް އުސްކޮށް، މަތިގަނޑު އަޅަންޖެހޭ ކުންފުންޏަށް އެކަން ކުރަން ވަގުތު ބޭނުންވާތީ، މަގު ހެދުން ލަސް ނުކުރެވޭނެތީ، މަގު ހެދި އިރު ފިލާގަނޑެއް ބާއްވާފައި ވާނެ،" މުއިއްޒުގެ ޓްވީޓްގައިވެ އެވެ.
އަދި ވިދާޅުވެފައި ވަނީ މިގޮތަށް އަޅާފައި ހުރި ފިލާތައް ނަގައި، އެ ކުންފުނިން ޖަންކްޝަންތައް މަގާ އެއްވަރުކޮށް، މަތި އަޅަމުން ގެންދާނެ ކަމަށެވެ.
މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމަ އަށް ބޮޑުތަކުރުފާނު މަގުގައި ހަތަރު ލޭން ހިމެނޭ ގޮތަށް 12 މީޓަރަށް ފުޅާކޮށް ތާރު އަޅައި ނިންމީ މިދިޔަ އޯގަސްޓް މަހު ތެރޭގަ އެވެ.