މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
15 ނޮވެމްބަރ 2022 - 14:44
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައި، ބަހުސަށް ވަދެވަޑައިގެން ވާހަކަ ދައްކަވާ މައްސަލައިގައި އެމްޑީޕީގެ ބައެއް މެމްބަރުން ހިތްހަމަނުޖެހި އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ތަޅުމުގައި ހިނގާ ބަހުސްގައި ރިޔާސަތަކަށް ބައިވެރިއެއް ނުވެވޭނެ އެވެ. އަދި ހުށަހެޅިފައިވާ މައްސަލާގައި ވަކި ފަރާތަކަށް ވެސް ރިޔާސަތަކަށް ބުރައެއް ވެސް ނުވެވޭނެ އެވެ.
އެހެން ނަަމަވެސް މަޖިލީހުގައި ކުރިޔަށް ދާ ބިލުތަކާއި މައްސަލަތަކާ ގުޅޭ ގޮތުން އެމަނިކުފާނު އާދަވެގެން ވާހަކަ ދައްކަވައި ތަފާތު އެކި މައުލޫމާތުތައް ދެއްވަ އެވެ. އަދި ބައެއް ފަހަރު މެންބަރުން ދައްކަވާ ވާހަކަތައް ހުއްޓުވައި އެކަމުގައި އެމަނިކުފާނުގެ އަމިއްލަ ހިޔާލުފުޅު ވެސް ފާޅުކުރައްވަ އެވެ.
މަޖިލީހުގައި މިއަދު ކުރިޔަށް ދިޔަ ރާއްޖެ-މޮރިޝަސް އިމުގެ މައްސަލައިގެ ބަހުސްގައި ވެސް ނަޝީދު ތަފާތު އެކިފަހަރުގެ މަތިން ބަހުސްގެ ތެރެއިންނާއި ބައެއް މެމްބަރުންގެ ވާހަކަތަކުގެ މެދު ތެރެއިން ވެސް މައިކު ކަނޑާލައްވައި އަމިއްލަ ހިޔާލާއި އެހެން މައުލޫމާތުތައް ދިޔައީ ވިދާޅުވަމުންނެވެ.
އެ މައްސަލައިގެ ބަހުސް 9:45 ގައި ފެށިއިރު ދޮޅު ގަޑިއިރު ތެރޭގައި އެމަނިކުފާނު 12 ފަހަރަށް ބަހުސްގެ ތެރެއަށް ވަދެވަޑައިގެން އެކިއެކި ހިޔާލު ފާޅުކުރި އެވެ.
ބަހުސް ކުރަން ފުރުސަތު ލިބިވަޑައިގަތުމުން، އެ މައްސަލަ ފާހަގަ ކުރައްވައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވީ މަޖިލިސް ފެށިގެން ގަޑިން 11:15 ވީއިރު ތަޅުމުގައި މެންބަރުންނަށް ވުރެ ގިނައިން ރިޔާސަތުން ވާހަކަ ދައްކާފައިވާ ކަމަށެވެ. ގަވައިދުގައި އެ ފުރުސަތެއް ނޯންނަ ކަމަށާއި މެންބަރުން ދައްކާ ވާހަކަތަކާ ބެހޭ ގޮތުން ވަކި ކޮޅަކަށް ޖެހިގެން ވެސް ވާހަކަ ނުދެއްކެވޭނެ ކަމަށް ފަލާހު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މި ފެންނަނީ މި ބަހުސްގައި އިއްޒަތްތެރި ރައީސް ރިޔާސަތުގައި ވަކި ގޮތެއް ކަނޑައާޅުއްވައިގެން އިންނަވާ ތަން،" ފަލާހު ވިދާޅުވި އެވެ.
ފަލާހު ވާހަކަ ދައްކަވަން ހުއްޓާ މައިކުގެ އަޑު ކަނޑާލުމަށް ފަހު ނަޝީދު ވިދާާޅުވީ އެމަނިކުފާނަކީ ވެސް ދިވެހި ރައްޔިތެއް ކަމަށާއި މައްސަލަ އާ ގުޅޭ ގޮތުން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މައުލޫމާތު މެންބަރުންނަށް ނާރުވާ އިންނެވުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ.
އެ ވާހަކަ އަށް ރައްދު ދެއްވަމުން އިސްދޫ ދާއިރާގެ ޖޭޕީ މެންބަރު އަލީ ހަމީދު ވިދާޅުވީ މެންބަރުންގެ ވާހަކަތައް ނަޝީދު ތަރުޖަމާ ކޮށްދެއްވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. ކުރީގެ ރައީސެއްގެ ހައިސިއްޔަތުން ޗާގޯސް މައްސަލާގައި މައުލޫމާތު އެނގިވަޑައިގަންނަވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް އެ ވާހަކަތައް ދައްކަވަން ބޭނުން ނަމަ އިންތިހާބުވެވަޑައިގަތް ދާއިރާގެ ގޮނޑީގައި އިށީނދެވަޑައިގެން އެ ވާހަކަތައް ކުރިޔަށް ގެންދެވުމަށް އޭނާ އެދިވަޑައިގަތެވެ.
ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވެސް ވަނީ އޭނާ ވާހަކައިގެ ތެރެއިން މަލިކުގެ ނަން އައި ހިސާބުން ނަޝީދު ވާހަކަ މެދު ކަނޑާލައި އަލުން ފުރުސަތު ނުދިން މައްސަލާގައި ޝަކުވާ ކުރައްވައިފަ އެވެ. ނަމަވެސް އެ ވާހަކަ އިތުރަށް ކުރިޔަށް ގެންދަވާކަށް ނަޝީދު ފުރުސަތެއް ނުދެއްވި އެވެ.
އެ މައްސަލާގައި ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ވިދާޅުވީ މަޖިލިސް ހިނގަމުންދާ ގޮތާ މެދު ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށެވެ. ކެލާ ދާއިރާގެ މެންބަރު ވާހަކަ ދެއްކުމުގެ ވަގުތު ހަމަ ނުވަނީސް ފުރުސަތު ގެއްލުވާލި ކަމަށާއި ނަމަވެސް ރިޔާސަތުން ބޭނުންވާ މެންބަރުންނަށް ބަރާބަރަށް އެ ފުރުސަތު ދެއްވާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
ނަޝީދު ސަރުކާރަށް ޖެއްސުން ކުރާ ކަމަށް ތުހުމަތު ކުރައްވާ އިސްމާއިލް ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
"މި ރާއްޖެ އަށް މި އުޅެނީ ޗާގޯސް މައްސަލަ ދިމާވެގެން ނޫން. އިމެއްގެ މައްސަލައެއް ވެސް ނޫން. މި ރާއްޖެ އަށް ދިމާވެގެން މި އުޅެނީ މަނިކުފާނަށް ވެރިކަން ނުލިބިގެން އުޅޭ މައްސަލަ،" އޭނާ ވިދާޅުވި އެވެ.
މި ފަހަކަށް އައިސް މަޖިލީހުގެ ޖަލްސާތަކުގައި އެމްޑީޕީ މެންބަރުންގެ ތެރޭގައި ހިނގާ ބަހުސާއި އަރައިރުން ވަރަށް ގިނަ އެވެ. އެ މައްސަލަތައް ހައްލު ކޮށް ގަވައިދާ އެއްގޮތަށް މަޖިލިސް ހިންގަން މެންބަރުން ތަކުރާރުކޮށް ވަނީ ނަޝީދު ކައިރިން އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިތުރޭ
16 November 2022
މަޖިލީހުގެ ޤަވާޢިދަށް ތަބަޢަނުވާމީހަކު ރިޔާސަތުގައި ބޭންދުމަކީ ވަރަށްބޮޑު ގޯހެއް. ރައީސް ނަޝީދު ޤަވާޢިދާއި ޚިލާފުވާނަމަ، އަވަހަށް ދުރުކުރަންވީ. ރައީސް ނަޝީދުގެވެރިކަމުގައި، މުލީއާގެއާއި ރައީސްއޮފީސް ކުޅޭކުޅޭތަންތަނަށް ވެދިޔަގޮތަށް ތިމަޖިލީސްވެސް ކުޅޭކުޅޭތަނަކަށް ބަދަލުވެދާނެ. މުލީއާގޭގައި މައުލޫދުބުރި ބުނާނެމީހަކު ނެތިގެން މައުލޫދުނުކިޔަވާ ރޭރޭވެސްވަނީ މާޒީއާއިއެކުވެފަ.
1828
15 November 2022
މިއީ ހުދުމުހުތާރު ވެރިއެއް. މިވަރުގެ ހުދުމުތާރުވެރިއެއް މަދުވާނެ. އޭޝިއާގެ މަންޑޭލާއަށް އަމިއްލައަށް ވެގެން އުޅެނީ. އަބަދުވެސް ވެރިކަމާއިގެން އުޅެނީ. ނަޝީދު މިހާރު އެބަޖެހޭ ސިޔާސީ މައިދާނުން އެކަހެރިވާން. މިހާރު ތީގައި އެއްވެސް ބުރަދަނެއް ނެތް.
ސްޕީކަރު އިބުރާ
15 November 2022
މެމްބަރުންނަށް ކިޔާ ދެއްވަން ޖެހެނީ މި ދައުރުގައި ތިބި ބައެއް މެމްބަރުންނަށްް މައުލޫއު ނޭގޭތީވެ، ލައިވް މައުލޫ އަށް ސަޕޯރޓް ދިނުމުގެ ގޮތުން
ވަސްމަރަ
15 November 2022
ދެން ކީއްކުރަން އެގޮނޑީގައި އިންނަމީހެއްތަ އެއީ! ރިޔާސަތުގައި އިންނަމީހާއަށް ބޭނުންވަރަކަށް ވާހަކަ ދެއްކޭނެއެވެ. ވަގުތު ކަނޑައެޅިފައި އޮންނަނީ ރިޔާސަތުން މެންބަރުން ވާހަކަ ދެއްކުމަށް ދޭފުރުޞަތަށެވެ. މީ ދެއުޅިއެއްނުވާ މެންބަރުންހެން ހީވަނީ. ދެއުޅި އެއްނުވާނަމަ ކަނޑާލަން ވަރަށް ފަސޭހަވާނެއެވެ.
ތޮޅި
15 November 2022
ރާއްޖޭގެ ރައީސްކަން ދިނުމުން އެކަން ކުރަން ނޭންގުނު މީހަކަށް މަޖިލީހުގެ ރައީސްކަން ކުރެވޭނެތަ؟ އެއްވެސް އިރެއްގަ ނަޝީދަކީ ލިޔެފައި އޮންނަ ގާނޫނަކަށް ގަވާއިދަކަށް އުސޫލަކަށް ބަލާ މީހެއްނޫން. އޭނައަށް ފެންނަގޮތް އެއީ އެންމެ ރަގަޅުގޮތް. އެ ފިލޯސަފީގަ އުޅެން ހަދައިގެން އެއްވެސް ކަމެއްގަ ދެމިހުރެވޭ ގޮތެއްނުވޭ.
އުދުހޭ
15 November 2022
ކިތަށް 12 ފަހަރުތޯ އޭނާ މަޖިލީހުގެ ގަވާއިދާ ޚިލާފްވީ؟ އިއްޒަތްތެރިމެންބަރުގެ ލަގަބުން މުހާތަބްކުރަންޖެހޭ ބަޔަކަށް ސުކޫލްކުދިންގެ ދަރަޖަދީގެން ވާހަކަ ދެއްކި މީހަކު އެގޮނޑީގައި އިނުމަކީ މެންބަރުންގެ އުރަތްޕެއް ނެތްކަން ހާމަކޮށްދޭކަމެއް.
ށ.އސ
15 November 2022
މިޢީ ނަޝީދުގެ ޑިމޮކްރަސީގަ އޮންނަ ގޮތް ކަމަށް ވަނީ!
އިސްޚޫރ
15 November 2022
ނަސީދު ގޯސް ނަމަވެސް ނަސީދު ރަނގަޅު. ހުރިހާ އިރަކު އެންމެން ރަނގަޅު އަދި ގޯހެއް ވެސް ނުވާނެ ދޯ. އިރެއްގަ މަނޑޭލާވެސް އެޔީ ޓެރަރިޒަމް އަށް ހިއްވަރު ދިން މީހެއް ވިއްޔަ.
ހުސްނުހީނާ
15 November 2022
ބޭރުކޮއްލަބަލަ؟
ޓެކުސުބެއްޔާ އިޒް %10
16 November 2022
ނުކުރޭނެ!!! ސަބަބަކީން އަންނިއާ ނުލާ އިންތިހާބުގައި ސޯލިހު ދާނީ ޗޮކުން. ސޯލިހު އެހެރީ ވެރިކަމައިގެން މޮޔަވެ ބޫތުކައިފަ. އެންޑީޕީ ޗެއާޕާސަން އިންތިހާބުގައި އިންތި ނެގި ޕަސެންޓުން އިގޭނު އެމީހުން ސޯލިހައް ވޯޓެއް ނުލާނެ އަންނި ބުނެފިއްޔަކާ. ވޯޓު ނުލާނީ ނޫނި ބާތިލު ޖަހާނީ. ދެން ޔާމިނުގެ ޕީޕީއެމް ވޯޓު ވެސް އަދި އޮންނާނެދޯ. އޭރަށް ސޯލިހުއަށް %10 ވެސް ނުލިބޭނެ. ކެކެކެ
ވިރާސް
15 November 2022
މިހާރު ސަރުކާރުފަޅީގައި ތިބި މެންބަރުން ކުރިން އިދިކޮޅުމީހުނަށް ނަޝީދު ޖެއްސުންކޮށް ވާހަކަ ދެއްކިއިރު އަތްޖަހަންތިބީ..އޭރުވެސް ބަހުސްގައި ބައިވެރިވެ ނަޝީދު ބޭނުންގޮތަކަށް ކަންކަންކުރީ..އޭރު އަޅާނުލާތިބީ.