ރައީސް ޔާމީނަށް އާ "ފެށުމަކަށް" ފަސްޓްލޭޑީ ފާތުން ނުކުންނަވަނީ

ރައީސް އަބްދުﷲ ޔާމީނަށް 2018ގެ ރިއާސީ އިންތިހާބު ކާމިޔާބު ކޮށްދެއްވަން، ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމްގެ އިސްވެ ނެންގެވުމާއެކު "ފެށުން"ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.


އެ ހަރަކާތްތައް ފަށަނީ މާދަމާ ރޭ ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ބާއްވާ ހާއްސަ ހަފުލާއެއްގަ އެވެ.

ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން ވާހަކަ ދެއްކެވި ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވީ ހުޅުމާލޭގައި ބާއްވާ ހާއްސަ އިވެންޓަކާ އެކުު ރައީސް ޔާމީންގެ ކެމްޕޭން ހަރަކާތްތައް ބާރު ސްޕީޑްގައި ފެށުނީ ކަމަށެވެ. މީގެ ކުރިން ވެސް ފަސްޓް ލޭޑީގެ ބެއްލެވުމުގެ ދަށުން މަހާސިންތާތަކާއި ބައްދަލުވުންތަކާއި އެހެނިހެން ހަރަކާތްތައް ކުރިއަށް ގެންދަވާފައިވާ ކަން ފާހަގަކުރައްވައި މުއާޒް ވިދާޅުވީ ކުރިމަގުގައި ގިނަ ކަންކަން "ފެށުން" ޝިއާރުގެ ދަށުން ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ.

"މި ހާއްސަ ފެށުމާ އެކު އިރާދަކުރެއްވިއްޔާ ރައީސް ޔާމީނަށް އިންތިހާބު ކާމިޔާބުކޮށްދޭން ގިނަ މަސައްކަތްތަކެއް ކުރިއަށް ދާނެ،" މުއާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލޭގެ އިތުރުން ވެސް އެކި ސަރަހައްދުތަކުގައި ކެމްޕޭންގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ. މި "ފެށުން" ނިންމާނީ، މުއާޒް ވިދާޅުވި ގޮތުގައި، ދެ ވަނަ ދައުރަކަށް ރައީސް ޔާމީން ވެރިކަމަށް އިންތިހާބު ކޮށްފަ އެވެ.