އާންމުންނާ އެކު ފަސްޓް ލޭޑީގެ ހާއްސަ ބައްދަލުވުންތަކެއް ފައްޓަވަނީ

ރައީސް އަބްދުﷲ ޔާމީނަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދެއްވަން އެ މަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ކުރިއަށް ގެންދަވާ ހަރަކާތްތަކުގައި، މާލޭގައި ދިރިއުޅޭ އެކި ރަށްރަށުގެ މީހުންގެ ހާލަތު ދެނެގަތުމުގެ ހާއްސަ ބައްދަލުވުންތަކެއް މާދަމާ ރޭ ފައްޓަވާނެ ކަމަށް ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން މިރޭ ބުނެފި އެވެ.


ކެމްޕޭން އޮފީހުން ވާހަކަ ދެއްކެވި، ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ "އާ ފެށުން" ނަމުގައި ހުޅުމާލޭގައި ބޭއްވި ޖަލްސާއަށް ފަހު، ހަރަކާތްތައް ފުޅާކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބެއްލެވުމަށް ފަސްޓް ލޭޑީ ނިންމަވާފައިވާ ކަމަށާއި އޭގެ ފުރަތަމަ ބައްދަލުވުން މާދަމާ ރޭ ކާނިވާ ސަރަހައްދުގައި އޮންނާނެ ކަމަށް މުއާޒް ވިދާޅުވި އެވެ.

ރައީސް ޔާމީނަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނުމަށް، ފަސްޓް ލޭޓީ ފާތުމަތު އިބްރާހިމް މިދިޔަ ހުކުރުދުވަހުގެ ރޭ ފެއްޓެވި "ފެށުމަކަށް" ކެމްޕެއިން އިފުތިތާހު ކުރުމުގެ ހަފުލާގައި އެކަމަނާގެ އިތުރުން ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މުއާޒް ވިދާޅުވި ގޮތުގައި ފުރަތަމަ ބައްދަލުވުން ހާއްސަ ކުރަނީ ރ، ކ، ވ، މ، ފ، ދ، ތ އަދި ފުވައްމުލަކަށް ނިސްބަތްވާ މީހުންގެ ތެރެއިން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށެވެ.

"ފަސްޓްލޭޑީ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރައްވާކަން މީގެ ކުރިން ބާއްވާފައި ހުރި ބައްދަލުވުންތަކުން ވެސް އެނގޭނެ. އެކަން އަނެއްކާ މި އަހަރަށް ފަށާފައި މިވަނީ،" މުއާޒް ވިދާޅުވި އެވެ.

މުއާޒް ވިދާޅުވީ، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތާއި ކަންބޮޑުވުންތަކަކީ ކޮބައިކަން މި ބައްދަލުވުންތަކުން ފަސްޓް ލޭޑީ އޮޅުންފިލުއްވާނެ ކަމަށެވެ.

"ރައްޔިތުން ބޭނުންވާ ކަންކަން ވީހާވެސް ގާތުން ހިއްސާކުރުމުގެ ފުރުސަތު އޮންނާނެ. ރައްޔިތުންގެ ހާލަތު އެނގެން ބޭނުންވެ، ކަންބޮޑުވުންތަކަކީ ކޮބައިކަން ދެނެގަތުން ބައްދަލުވުމުގެ ބޭނުމަކީ،" މުއާޒް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ފަސްޓް ލޭޑީގެ އިސްނެންގެވުމަށް ކެމްޕޭން މަހާސިންތާތަކާއި ބައްދަލުވުންތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަނީ ބާއްވައިފަ އެވެ.